އިންޑިއާގެ މަގުބޫލު އެކްޓްރެސް އަނަންޔާ ޕާންޑޭގެ މައިގަނޑު ރޯލު ފެނިގެންދާ "ކޯލް މީCore Bae" ނުވަތަ "ކޯލް މީ ބޭ" ސީރީޒްގެ ދެވަނަ ސީޒަން އަންނަ ޑިސެމްބަރު 17 ގައި ޕްރައިމް ވީޑިއޯ މެދުވެރިކޮށް ދައްކަން ނިންމައިފިއެވެ.

މި ސީރީޒަކީ މުއްސަނދި އާއިލާއަކުން ބާކީކޮށްލުމުން މުމްބާއީގައި ނޫސްވެރިއެއްގެ ގޮތުގައި އަމިއްލަ ފައިމައްޗަށް ތެދުވުމަށް މަސައްކަތްކުރާ ބެލާ "ބޭ" ޗޯދަރީގެ މަޖާ އަދި ޝައުގުވެރި ދިރިއުޅުން ދައްކުވައިދޭ ކޮމެޑީ ޑްރާމާ ސީރީޒެކެވެ.

ޕްރައިމް ވީޑިއޯއިން ވަނީ ސީޒަން 2 ގެ ހާއްސަ ވީޑިއޯ ކްލިޕެއް މީސްމީޑިއާގައި ހިއްސާކޮށް، އާ ސީޒަންގެ ރިލީޒް ތާރީހު އިއުލާނުކޮށްފައެވެ. 8 އެޕިސޯޑުގެ މައްޗަށް އެކުލެވޭ މި ސީޒަނުގައި ބޭގެ ލޯބީގެ ދިރިއުޅުމަށް ބޮޑެތި ގޮންޖެހުންތަކަކާއި މަޖާ ކަންތައްތަކެއް ކުރިމަތިވާނެ ކަމަށް ބުނެފައިވެއެވެ.

މި ފަހަރުގެ ސީޒަނުން ފެންނާނެ އެންމެ ހާއްސަ އެއް ބަދަލަކީ މަގުބޫލު އެކްޓްރެސް އަދި ލަވަކިއުންތެރިޔާ ޝްރުތީ ހާސަން މި ސީރީޒްގެ ކާސްޓާ ގުޅުމެވެ. މީގެ އިތުރުން ފުރަތަމަ ސީޒަނުން ފެނުނު ވީރު ދާސް، ގުރުފަތޭހު ޕިރްޒާދާ، ވަރުން ސޫދު، ވިހާން ސަމާތު، މުސްކާން ޖާފަރީ، ނިހާރިކާ ލައިރާ ދައްތު، އަދި މިނީ މާތޫރު ވެސް އާ ސީޒަނުން ފެނިގެންދާނެއެވެ.

ކަރަން ޖޯހަރުގެ ދަރުމާތިކް އެންޓަޓެއިންމަންޓުން އުފައްދާ މި ސީރީޒް ޑައިރެކްޓްކޮށްފައިވަނީ ކޮލިން ޑިކުންހާ އެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، އަންހެން ރައްޓެހިންގެ މެދުގައި އޮންނަ ގުޅުމާއި އެކުވެރިކަން ދައްކުވައިދޭ ގޮތަށް އާ ސީޒަން ވެސް ވެގެންދާނީ ވަރަށް މަޖާ އަދި ބެލުންތެރިން ގަޔާވާނެ ސީރީޒަކަށް ކަމަށް އުފެއްދުންތެރިން ބުނެއެވެ.