އޮސްކާ އެވޯޑު ހޯދާފައިވާ މަޝްހޫރު އެކްޓްރެސް އޭން ހެތަވޭ އާއި އޭނާގެ ފިރިމީހާ އެޑަމް ޝުލްމަންއަށް ތިންވަނަ ދަރިޔަކު ލިބިއްޖެއެވެ.
މިއީ 2012 ވަނަ އަހަރު ކައިވެނިކުރި މި ޖޯޑަށް ތިންވަނަ ދަރިފުޅު ލިބުނުކަން އާންމުވި ފުރަތަމަ ފަހަރެވެ. މި ޚަބަރު މީޑިއާތަކަށް ތިލަވީ ނިއުޔޯކް ސިޓީގައި އަލަށް އުފަންވި ދަރިފުޅާއެކު އޭން ހެތަވޭ ފެނުމާ ގުޅިގެންނެވެ.
ދަރިފުޅު އުފަންވި ތާރީޚާއި، ދަރިފުޅުގެ ޖިންސު އަދި ނަން އަދި ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. އޭން ހެތަވޭ، 44، އާއި އެޑަމް ޝުލްމަންއަށް ކުރިން ދެ ފިރިހެން ދަރިން ލިބިފައިވެއެވެ. އެއީ 10 އަހަރުގެ ޖޮނަތަން އާއި 6 އަހަރުގެ ޖެކްއެވެ.
އޭން ހެތަވޭ އޭނާ ބަނޑުބޮޑުކަން އެންމެ ފުރަތަމަ އާންމުކުރީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި މީސްމީޑިއާގެ މަންސައެއް ކަމަށްވާ އިންސްޓަގްރާމް މެދުވެރިކޮށެވެ. އޭގެ ފަހުން ޓީވީ ޕްރޯގްރާމެއްގައި ވާހަކަދައްކަމުން އޭނާ ވަނީ މިއީ ނުހަނު އުފާވެރި ނަމަވެސް ހީވެސް ނުކުރާ ކަހަލަ ބޮޑު ސަޕްރައިޒެއްގެ ގޮތުގައި ސިފަކޮށްފައެވެ.
ދަރިން ބެލެހެއްޓުމާއި އާއިލީ ދިރިއުޅުމުގެ ވާހަކަތައް އޭން ހެތަވޭ ވަނީ މީގެ ކުރިންވެސް މީޑިއާތަކުގައި ހިއްސާކޮށްފައެވެ. ޚާއްސަކޮށް، ދަރިން ހޯދުމުގައި ކުރިމަތިވި ގޮންޖެހުންތަކާއި އާއިލާގެ އުފާވެރިކަމަށް ފިރިމީހާ އެޑަމް ޝުލްމަންގެ ފަރާތުން ލިބޭ އެއްބާރުލުން އޭނާ ފާހަގަކޮށްފައިވެއެވެ.
މި އަހަރަކީ އޭން ހެތަވޭގެ ފިލްމީ ހަޔާތުގައިވެސް ކާމިޔާބު އަހަރެކެވެ. އޭނާގެ ގިނަ ފިލްމުތަކެއް މި އަހަރު ނުކުމެފައިވާއިރު، އާއިލާއަށް އަލަށް އިތުރުވި ދަރިފުޅާއެކު ސަޕޯޓަރުންނާއި ފޭނުން އަންނަނީ އޭނާއަށް ތަހުނިޔާ ކިޔަމުންނެވެ.
ކޮމެންޓް