ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މީހަކު 30 އަހަރަށް ޖަލަށްލާން ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި ކުށުގެ ދައުވާ ސާބިތުވެ ޖަލަށްލާން ހުކުމްކުރީ ވ. ގާތިފް، ހަސަން އަތޫފުއެވެ. އޭނާ ވަނީ 2019 ވަނަ އަހަރުން ފެށިގެން އެކި ދުވަސް މަތީން އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުޑަކުދިންތަކަކާ މެދު ޖިންސީ އަމަލު ހިންގައިފައެވެ.

ދައުލަތުން ވަނީ އަތޫފުގެ މައްޗަށް ފަސް ދައުވާއެއް ކޮށްފައެވެ. އެއީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާ މެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާއަކާއި ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ އިތުރުން ގުރޫމްކުރުމުގެ ދައުވާއެވެ. އަތޫފުގެ މައްޗަށް ކުރާ ދައުވާތައް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ޖޫން މަހުގެ 28 ވަނަ ދުވަހުއެވެ.

އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި އަތޫފު ވަނީ ކުށަށް އިއުތިރާފުވެ، ދައުލަތަކާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދުމަށް އެދިފައެވެ.

ދައުވާލިބޭ އަތޫފާއެކު ޝަރީއަތުގައި ދައުލަތުން އެއްބަސްވެފައި ވާނީ، އަތޫފަށް ކޮށްފައިވާ ފަސް ދައުވާގެ ތެރެއިން ދެ ދައުވާއަކަށް އިއުތިރާފުވެ، ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދަމަހައްޓައިފިނަމަ، ފަސް ދައުވާގެ ތެރެއިން ތިން ދައުވާ އަނބުރާ ގެނައުމަށެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން ކުރިއަށް ނުގެންދިއުމަށް ނިންމި ދައުވާތަކަކީ ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާން ކާޑު އުފެއްދުމުގެ ދައުވާ އާއި މީހުން ދައްކާ ވާހަކަ ސިއްރުން އަޑުއެހުމާއި ފާރަލުމުގެ ދައުވާ އަދި ގުރޫމްކުރުމުގެ ދައުވާއެވެ.

އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަތޫފަށް ކުރަން ނިންމި ދައުވާތަކަކީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ ކުޑަކުއްޖަކާމެދު ޖިންސީ އަމަލު ހިންގުމުގެ ދެ ދައުވާއެވެ.

އަތޫފުގެ މައްޗަށް ދައުލަތުން ކުރި ފަސް ދައުވާ ސާބިތުވެއްޖެނަމަ 76 އަހަރާއި ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ. ނަމަވެސް އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އަތޫފަށް ކަނޑައެޅުނު ޖަލުގެ އަދަބަކީ 30 އަހަރެވެ.

އެ މައްސަލަ ބެލުމަށްފަހު ކުރިމިނަލް ކޯޓުން ހުކުމް ކުރީ ދައުވާ ލިބޭ އަތޫފާ ދެކޮޅަށް ގިނަ ހެކިތަކެއް ލިބިފައިވާ ކަމަށެވެ. އަދި މައްސަލައިގައި ދައުވާ ކޮށްފައިވަނީ ވެސް ދައުވާ ސާބިތުކުރުމަށް އެކަށީގެންވާ ހެއްކާއެކުގައި ކަމަށެވެ.

ނަމަވެސް ދައުވާލިބޭ ފަރާތުން އިއުތިރާފުގެ އެއްބަސްވުމެއް ދައުލަތަކާ އެކު ހެދުމުގެ ސަބަބުން މައްސަލަ އަވަސްވެ، ޖިނާއީ އަދުލުގެ ނިޒާމަށް އޮންނަ ބުރަ ބޮޑުތަނުން ކުޑަވެގެންދިއަ ކަމަށް ހުކުމުގައިވެއެވެ.

ހުކުމުގައި ބުނީ ދައުވާލިބޭ ފަރާތުން އިއުތިރާފުގެ އެއްބަސްވުން ހަދައިފިނަމަ އެކަމުގެ ލުއި ލިބެން ޖެހޭނެ ކަމަށެވެ. އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން 76 އަހަރުގެ ހުކުމެއް 30 އަހަރަށް ކުޑަކޮށްފައިވުމުން، ކުރިމިނަލް ކޯޓުން ވަނީ އަތޫފު 30 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މި މައްސަލަ ބެއްލެވީ ގާޒީ ދީބާނާޒް ފަހުމީއެވެ.