ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިންތައް ވިއްކުމުގެ ބާރު، ކައުންސިލުތަކަށް ދީފި އެވެ.
އެ ބާރު ކައުންސިލުތަކަށް ލިބިފައި ވަނީ، ދިވެހިރާއްޖޭގެ ބިމާބެހޭ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ގެނައި އިސްލާހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރެއްވުމުންނެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ދައުލަތުގެ ބައެއް ބާރުތައް ކައުންސިލުތަކަށް ދޫކުރުމަށް ސަރުކާރުން ގާނޫނުތަކަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ހުށަހެޅި އެ ބިލު މިއަދު ތަސްދީގު ކުރެއްވުމުން އެއަށް އަމަލުކުރަން ވަނީ ފަށައިފައެވެ.
އެގޮތުން ބިމާބެހޭ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) އަށް ގެނެސްފައިވާ އިސްލާހުގައި ބުނަނީ ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން، ގާނޫނުއަސާސީ އާއި ބިމާބެހޭ ގާނޫނާ ހިލާފު ނުވާ ގޮތުގެ މަތިން ދެވަނަ ފަރާތަކަށް ވިއްކައި ނުވަތަ ކުއްޔަށް ދޫކުރެވޭނެ ކަމަށެވެ.
އެގޮތަށް ދެވަނަ ފަރާތަކުން ގަންނަ، ނުވަތަ ކުއްޔަށް ހިފާ ބިމާއި އެ ބިމާ ގުޅިފައިވާ ހައްގުތައް އެ ފަރާތަކާއެކު ކުރެވިފައިވާ މުއާމަލާތަކާ އެއްގޮތަށް އެ ފަރާތަކަށް ރަޖިސްޓްރީ ކޮށްދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ. އަދި ހަމަ އެ ބިން ލިބޭ ފަރާތުން، އެ ބިން ނުވަތަ ބިމުން ބައެއް އެހެން ފަރާތަކަށް ވިއްކަން ބޭނުން ނަމަ ކައުންސިލުގެ ހުއްދަ ލިޔުމުން ލިބިގެން އެ ބިން ނުވަތަ ބިމުން ބައެއް، ވިއްކައިލެވިދާނެ ކަމަށާއި ބިން ބަދަލު ކުރެވިދާނެ ކަމަށް ވެސް ބުނެފައިވެއެވެ.
ގާނޫނަށް ގެނައި އިސްލާހުގައި އިތުރަށް ބުނަނީ، ކައުންސިލުތަކުގެ މިލްކުވެރިކަމުގެ ދަށުގައިވާ ބިން އެ ކައުންސިލުތަކުން ކުއްޔަށް ދީ، ބިމާބެހޭ އެހެނިހެން މުއާމަލާތްތައް ކުރަން ވާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމަށާއި އަދި އިތުރުން އެހެން ފަރާތްތަކަށް ބިންތައް ދޫކުރަން ވާނީ، ނުވަތަ ކުއްޔަށް ދޭންވާނީ އެ ބިން އޮތް ރަށެއް ނުވަތަ ސިޓީއަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ކަނޑައަޅާފައިވާ ލޭންޑްޔޫސް ޕްލޭނާ އެއްގޮތްވާ ގޮތުގެ މަތީން ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު