ޚަބަރު

ޓްރާންސްޕޯޓް އޮތޯރިޓީ އުވާލައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީގެ ގާނޫނު އުވާލުމުގެ ބިލު މިއަދު ތަސްދީގުކުރެއްވުމާއެކު ޓްރާންސްޕޯޓް އޮތޯރިޓީ އުވިއްޖެއެވެ.

އެ ބިލަކީ، މިދިޔަ ނޮވެންބަރު 29 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ތިންވަނަ ދައުރުގެ 44 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު، ޓްރާންސްޕޯޓް އޮތޯރިޓީން ދެމުންދިޔަ ހިދުމަތްތައް ދެމުން ދާނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުންނެވެ. އަދި އެ އޮތޯރިޓީގެ މުވައްޒަފުންގެ ގޮތުގައި ތިބި ސިވިލް ސާވިސްގެ މުވައްޒަފުން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މުވައްޒަފުން ކަމުގައި ހަމަޖެހިގެންދާނެއެވެ.

އޭގެ އިތުރުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ޓްރާންސްޕޯޓް އޮތޯރިޓީގެ މިލްކުވެރިކަމުގެ ދަށުގައި ނުވަތަ ބެލެހެއްޓުމުގެ ދަށުގައި ހުރި އެންމެހައި މުދަލާއި ފައިސާއާއި ވަސީލަތްތަކާއި ދައުލަތުގެ ބަޖެޓުން އެ އޮތޯރިޓީއަށް އެކަށައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ފައިސާއާއި ގާނޫނީ ގޮތުންނާއި އެއްބަސްވުންތަކުގެ ދަށުން އެ އޮތޯރިޓީއަށް ލިބިދޭ ހައްގުތަކާއި މަންފާތައް، އަދި އެ އޮތޯރިޓީން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމުތައް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނަށް ބަދަލުވާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ.