ރިޕޯޓް

ފުވައްމުލައް: ހިމާޔަތުގެ އާދޭހުގައި ދިގު 16 އަހަރު، އުއްމީދީ ފެށުމަކާ ދިމާއަށް

މުނީރު ހަސަން، ޏ. ފުވައްމުލައް

1

ފުވައްމުކަކީ ރާއްޖޭގެ އިދާރީ އެއް އަތޮޅެވެ. ޖިއޮގްރަފީ ގޮތުން އަތޮޅެއްގެ ސިފަ ލިބިފައި ނުވާތީ ވަށައިގެން ރާޅު އަރާ ފުއްޓަރު ރަށެކެވެ. ފުވައްމުލަކު ރަށް ގިރުމުގެ މައްސަލަ އުފެދުނީ ތަރައްގީގެ ފަސޭހައަކަށް ނެރު ގޮއްވުމާއި ނެރު ކޮނުމާއި ބަނދަރު ހެދުމުގެ މަސައްކަތުގައި އެކަށީގެންވާ ގޮތަށް އެންވަޔަރްމެންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) ނުހެދުމުގެ ސަބަބުން ކަން ގަބޫލު ކުރެވެއެވެ. ފުވައްމުލަކުގައި ފުރަތަމަ ގިރަން ފެށީ އުތުރު ފަރާތެވެ. ނަމަވެސް މިހާރު ރަށުގެ ދެކުނު ކޮޅު ފަރު ހިމެނޭ ސަރަހައްދު ނޫން ހުރިހާ ދިމާލަކުން ދަނީ ގިރަމުންނެވެ. މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް 2005 ވަނަ އަހަރުން ފެށިގެން ފުވައްމުލަކު އަތޮޅު އޮފީހުނާއި ރަށު އޮފީހުން ކުރައްވަމުން ގެންދެވި ކަން އެ ދުވަސްވަރުގެ ރަސްމީ ލިޔެކިޔުންތަކުން އެނގެން ހުންނާނެއެވެ.

2008 ވަނަ އަހަރު އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ފުވައްމުލަކަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހުނު އިރު އަޅުގަނޑު ހުރީ ފުވައްމުލަކު ކަތީބެއްގެ މަގާމުގައެވެ. އެ ދަތުރުފުޅުގެ އިންތިޒާމު ހަމަޖައްސަން އޭރުގެ ގަވާއިދުގެ ތެރެއިން ފުވައްމުލަކަށް ވަޑައިގަތީ ކުރިން ފުވައްމުލަކު އަތޮޅުވެރިކަން ކުރައްވާފައިވާ މޫސާ ރަމީޒެވެ. ފުވައްމުލަކު ގިރާ ސަހައްދު ބައްލަވަން ރައީސް ވަޑައިގަންނަވާނެ ކަމަށާއި އެ ތަނުން ރައީސަށް މައުލޫމާތު ދޭންވާނީ އަޅުގަނޑު ކަމުގައި ރަމީޒު ރިޔާސަތު ބެލެހެއްޓެވި ވެރިންގެ ބައްދަލުވުމަކުން ވަނީ ނިންމާފައެވެ.

ރައީސް ވަޑައިގެން މަޑު ކުރެއްވީ ރަސްގެފަންނުން އަތިރިއަށް ފައިބާއިރު ވާތް ފަރާތުގައި ކުރިން ހުރި ހިރުނދު ގަސް ހުރި ހިސާބަށްވުރެ ބަޑަހަލްފަންނާވީ ކޮޅުގައެވެ. ގިރާ ސަރަހައްދު ދައްކައި ރަށަށް ދިމާވެފައިވާ ތިމާވެށީގެ ނުރައްކަލުގެ ވާހަކަ ދެންނެވުމުން ވިދާޅުވީ "ދުނިޔޭގެ ތިމާވެށްޓަށް އަންނަ ބަދަލުގެ ތެރެއިން ރާއްޖޭގެ ހުރިހާ ރަށެއް ވެސް ގިރާ.." ކަމުގައެވެ. އަޅުގަނޑު، މަނިކުފާނު ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަތިންތޯ ދަންނަވާލީމެވެ. ވިދާޅުވީ "އާން ދިޔައިން' ކަމުގައެވެ. އަޅުގަނޑު، ރާއްޖޭގެ އެއްވެސް ހިސާބަކުން އެކަނި މިހެން އޮތް، ވަށައިގެން ރާޅު އަރާ ރަށެއް ދެކެވަޑައިގަތިންތޯ ސުވާލު ދެންނެވުމުން ނުދެކެމޭ ވިދާޅުވިއެވެ. އެ ހިސާބުން ފުވައްމުލަކުގެ ވެރިއެއްގެ ހައިސިއްޔަތުން އަޅުގަނޑާ ހަވާލުވި ޒިންމާ ފުރިހަމަޔަށް އަދާ ކުރީމެވެ.

އެ ބައްދަލުވުން ނިމުމުގެ ކުރިން އެ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ފުވައްމުލަކު ރަށް ގިރުމުގެ މައްސަލަ ހައްލު ކުރަން ފައިސާ ހިމަނާނެކަން ރައީސް އިއުލާން ކުރެއްވުމަކީ އަޅުގަނޑުގެ ޒިންމާ އަދާ ކުރެވުނު ކަމުގެ ހެއްކެކެވެ. އެ އަހަރު ދައުލަތުގެ ބަޖެޓް ފާސްކުރި އިރު ފުވައްމުލަކު ރިވެޓްމަންޓް މި ނަމުގައި ފުރަތަމަ ފަހަރަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން ޕީ.އެސް.އައި.ޕީ ގައި 1.5 މިލިއަން ރުފިޔާ ވަނީ ހިމަނައިފައެވެ.

ތޮށިލުމާ ގުޅޭ މަސައްކަތުގެ ބައެއް ތާރީޚުތައް

ތިރީގައި މި ބަޔާން ކުރަނީ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތާ ބެހޭގޮތުން ރާއްޖޭގެ އެކިއެކި ނޫސްތަކުން ފެންނާން ހުރި ތާރީޚުތަކެވެ.

އޭޕްރީލް 2008 ގައި ގިރާ ސަރަހައްދުގައި ތޮށި ލުމަށް ހަދަން ޖެހޭ ތަފުސީލީ ކުރެހުންތަކުގެ ސާވޭ ފެށުމުގެ ގޮތުން އެންވަޔަރްމަންޓް މިނިސްޓްރީންނާއި ސާވޭގެ މަސައްކަތް ހަވާލު ކޮށްފައިވާ ރަޔާން ޕްރައިވެޓް ލިމިޓެޑުން ވަނީ މައުލޫމާތު ދީފައެވެ. 2008 މެއި މަހު ގިރާ ސަރަހައްދުގައި ލުމަށް ހަމަޖެހިފައިވާ ތޮށީގެ ތަފުސީލީ ކުރެހުންތަކަށް ބޭނުންވާ މައުލޫމާތު ހޯދުމުގެ ފީލްޑު ސާވޭގެ ގޮތުގައި ފުވައްމުލަކު ބަނދަރުން ފެށިގެން ތުނޑިއާ ހަމަޔަށް 4.063 ކިލޯ މީޓަރު ވަނީ ސާވޭ ކޮށްފައެވެ. މި މަސައްކަތުގެ ކުރިން މިނިސްޓްރީން ބުނީ ލާނީ ކޮންކަހަލަ ތޮށްޓެއް ކަން ކަނޑައަޅާނީ ސާވޭއަށް ފަހުގައި ކަމަށެވެ. 2008 އޯގަސްޓު މަހު އެންވަޔަރަމަންޓް މިނިސްޓްރީން ކަނޑައެޅީ ފުވައްމުލަކުގައި ލާނީ ނިއާ ކޯސްޓަލް ބްރޭކް ވޯޓަރއެއް ކަމަށެވެ.

2014 ޑިސެންބަރުގައި ވަނީ ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށް ދިވެހި ސަރުކާރާއި ނެދަރލެންޑު ސަރުކާރާއެކު ގްރާންޓު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. 2015 ފެބްރުވަރީގައި ފުވައްމުލަކު އިރުމަތީ ފަރާތު ތޮށި ލުމުގެ މަސައްކަތް ފެށުމަށް ޓަކައި ނެދަރލެންޑުގެ ޓީމެއް ވަނީ ފުވައްމުލަކަށް ޒިޔާރަތްކޮށް އެ ސަރަހައްދު ބަލައި ފުވައްމުލަކު ސިޓީ ކައުންސިލާ ވެސް ބައްދަލު ކޮށްފައެވެ. އޮކްޓޫބަރ 2016 ގައި ފުވައްމުލަކު ސިޓީގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ކުރިޔަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އޭރުގެ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް ވަނީ އިއުލާނު ކުރައްވާފައެވެ. އަދި އެ މަސައްކަތަށް 26 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. އޮކްޓޫބަރު 2016 ގައި، ގިރަމުންދާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވާ ގޮތާއި މަސައްކަތް ކުރިއަށް ގެންދާނެ ގޮތާ ބެހޭގޮތުން ސިޓީ ކައުންސިލާއި ރައްޔިތުންނަށް ނެދަރލެންޑްސް އެންޓަޕްރައިސް އޭޖެންސީ (އާރ.ވީ.އޯ) އަދި މަސައްކަތުގެ ޓެކްނިކަލް ސާވޭ ހަވާލުކޮށްފައިވާ ފަރާތުން މައުލޫމާތުދީ މަޝްވަރާ ކުރިއެވެ.

1 ޖުލައި 2017 ގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް ކުވައިތު ފަންޑުން ނަގާ 183 މިލިޔަން ރުފިޔާގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއަކީ އާރ.ވީ.އޯ އަދި ކުވެއިތު ފަންޑުގެ ހިލޭ އެހީ އާއި ކުވެއިތު ފަންޑުން ނަގާ ލޯނަކުން ހިންގާ މަޝްރޫއެކެވެ. އެހެންކަމުން ދެން ފެށުނީ އާރ.ވީ.އޯއިން ދޭ ހިލޭ އެހީގެ ކަންތައްތައް ހަމަޖެއްސުމާއި އެ މަޝްރޫއުގެ ޓެންޑަރ މަރުހަލާ ކަމަށާއި މަޝްރޫއުގެ ދަށުން ފުވައްމުލަކު ގޮނޑުދޮށުން 2650 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓު ޖަހާނެ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ ވެސް މަތީގައިވާ ތާރީޚުގައެވެ.

2017 ނޮވެންބަރުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އާރ.ވީ.އޯއިން ދޭ 10.7 މިލިޔަން ޑޮލަރުގެ އެހީގެ އެއްބަސްވުމުގައި ވަނީ ސޮއި ކޮށްފައެވެ. އަދި މަސައްކަތް ވަރަށް އަވަހަށް ހަވާލު ކުރާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވިއެވެ. 2019 އެޕްރީލް މަހުގައި ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއު ހިންގާނެ ފަރާތެއް ހޯދުމަށް ޕޮރި-ކޮލިފިކޭޝަނަށް ހުޅުވާލި އިރު ޕްރީ-ކޮލިފިކޭޝަނަށް ކުވައިތު ފަންޑުގެ ނޯ އޮބްޖެޝަން ނޮވެމްބަރު 2018 ގައި އަދި އާރ.ވީ.އޯގެ ނޯ އޮބްޖެކްޝަން މާރޗް 2019 ގައި ލިބިފައިވާ ކަމަށް މިނިސްޓަރ މުހަންމަދު އަސްލަމް ވަނީ ވިދާޅުވެފައެވެ. އަދި ތިން ފަރާތަކުން ޝައުގުވެރިކަން ފާޅު ކުރިއިރު އާރ.ވީ.އޯގެ ޝަރުތަކަށް ވެފައި ވަނީ ކުންފުނިތަކުގެ އަހަރީ އާމްދަނީ މަދުވެގެން އަހަރަކު 100 މިލިއަން ޑޮލަރު ލިބުން ކަމަށް ވުމީ ކުރިމަތިލި ފަރާތްތައް މަދުވުމުގެ ސަބަބު ކަމުގައި ވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެހައި މަދު ޕާޓީތަކަކާ އެކު މަޝްރޫއު ކުރިޔަށް ގެންދަން އާރ.ވީ.އޯ އިން ބޭނުމެއް ނުވި ކަމަށާއި އަހަރީ އާމްދަނީ 50 މިލިއަނަށް ދަށްކޮށް އަލުން އިއުލާން ކުރުމަށް އާރ.ވީ.އޯ އިން އެދުނު ކަމުގައި ވެސް މިނިސްޓަރ އަސްލަމް ވަނީ މައުލޫމާތު ދެއްވާފައެވެ. ސެޕްޓެމްބަރު 2019 ގައި ދެވަނަ ފަހަރަށް ޕްރީ-ކޮލިފިކޭޝަން ހުޅުވާލައި އާރ.ވީ.އޯގެ އެދުމަށް 2019 އޮކްޓޫބަރުން 2019 ނޮވެންބަރަށް ދަންމާލުމުން 12 ފަރާތަކުން ޑޮކިއުމަންޓް ގަނެ 5 ފަރާތަކުން ޕްރީ-ކޮލިފިކޭޝަންގައި ވަނީ ބައިވެރިވެފައެވެ. މިނިސްޓަރ އަސްލަމު މައުލޫމާތު ދެއްވާފައިވާ ގޮތުން ޖޫން 2020 ގައި ޓެންޑަރ ޑޮކިއުމެންޓް ތައްޔާރުކޮށް ކުވެއިތު ފަންޑާއި އާރ.ވީ.އޯގެ ނޯ އޮބްޖެކްޝަން ހޯދުމަށް ވަނީ ފޮނުވާފައެވެ. އަދި ޖުލައި 2020 ގައި ޓެންޑަރ ޑޮކިއުމެންޓުތަކަށް ކުވައިތު ފަންޑުގެ ނޯ އޮބްޖެކްޝަން ވަނީ ލިބިފައެވެ. އަސްލަމް ވިދާޅުވެފައި ވަނީ އާރ.ވީ.އޯގެ ނޯ އޮބްޖެޝަން ނުލިބޭ ކަމުގައެވެ. އަދި އޯގަސްޓް 2020 ގައި ނިމުމުގެ ކުރިން އާރ.ވީ.އޯ އާއި ކުވެއިތު ފަންޑުން ނޯ އޮބްޖެޝަން ލިބޭނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ. ޕްރީ-ކޮލިފިކޭޝަނަށް ކުވޭތު ފަންޑުގެ ނޯ އޮބްޖެޝަން އަދި ޓެންޑަރ ޑޮކިއުމެންޓުތަކަށް އާރ.ވީ.އޯގެ ނޯ އޮބްޖެކްޝަން ލިބުމުން ޓެންޑަރ ކުރިޔަށް ގެންދެވޭނެ ކަމަށާއި އާރ.ވީ.އޯއިން ބޭނުންވަނީ 90 ދުވަހަށް ޓެންޑަރ ހުޅުވާލުން ކަމުގައި ވިޔަސް ސަރުކާރުން ބޭނުންވަނީ 60 ދުވަހަށް ހުޅުވައިލުމަށް ކަމުގައި ވެސް އަސްލަމު ވަނީ ވިދާޅުވެފައެވެ. ކޮންޓްރެކްޓް ނެގޯސިއޭޝަން ނިމުމަށްފަހު 2021 ވަނަ އަހަރު ފުރަތަމަ ތިން މަސް ތެރޭގައި ކޮންޓްރެކްޓުގައި ސޮއި ކުރާނެ ކަމަށް ލަފާ ކުރައްވާ ކަމަށް ވެސް މިނިސްޓަރ އަސްލަމް އޭރު ވަނީ ވިދާޅުވެފައެވެ.

އާދެ، ތާރީޚަކަށް ފަހު ތާރީޚެކެވެ. އެހެންނަމަވެސް، އަޅުގަނޑު މި ލިޔުން 2021 ނޮވެންބަރުގައި ލިޔާއިރު އަދިވެސް ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ އަަމަލީ އެއްވެސް މަސައްކަތެއް ފެށިފައި ނުވުމަކީ އެ ކަމާ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

ދައުލަތުގެ ބަޖެޓް ފޮތުން ފެންނާން ހުރި އަދަދުތައް

މި ހިސާބުން ދައުލަތުން އާންމު ކުރައްވާ ބަޖެޓް ފޮތުގައި ފުވައްމުލަކު ގިރާ ސަރަހައްދުގައި ތޮށި ލުމާއި ބެހޭގޮތުން އެއްޗެއް ލިޔެފައިވޭތޯ ވެސް ބަލައިލަމާ ހިންގަވާށެވެ.

ކުރިން ދެންނެވިހެން ދައުލަތުގެ ބަޖެޓް 2008 ގައި 1.5 މިލިއަން ރުފިޔާ ފުވައްމުލަކުގެ ގިރާ ސަރަހައްދުގައި ރިވެޓްމަންޓް ޖެހުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަންގެ ޕީ.އެސް.އައި.ޕީ ގައި ހިމަނައިފައިވެއެވެ. 2017 ވަނަ އަހަރުގެ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާޖީން ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ (ލޯކަލް ކޮމްޕޯނަންޓް) ޖުމްލަ އަގުގެ ގޮތުގައި 20 މިލިއަން ރުފިޔާ ހިމަނައި 2017 އަށް 5،002،937 އަދި 2018 އަށް 8،122،937 ހިމަނައި 2019 އަށް 6،874،126 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. މި ފޮތުން ފާހަގަ ކުރެވުނު ގޮތުގައި މިއީ ހިނގަމުންދާ މަޝްރޫއެކެވެ.

2018 ގެ ދައުލަތުގެ ބަޖެޓް ފޮތުން މިނިސްޓްރީ އޮފް އެންވަޔަރމަންޓް އެނާޖީގެ ބަޖެޓްގައި ވެސް ހިނގަމުންދާ މަޝްރޫއެއް ކަމަށް ފާހަގަކޮށް ލިޔެފައި ވަނީ ލޯނުގެ ގޮތުގައި 11،000،000 މިލިއަން ރުފިޔާ އަދި އާރ.ވީ.އޯ ޕޮރޮޖެކްޓް (ލޯކަލް ކޮންޕޯނެންޓް) 4،102،751 މިލިއަނާއި ގްރާންޓްގެ ގޮތުގައި 52،876،255 ރުފިޔާ އެވެ. 2019 ގައި ފާސްކުރި ބަޖެޓްގައި ޑޮމެސްޓިކް ބަޖެޓުން 7،000،000 މިލިއަން އަދި ލޯނުގެ ގޮތުގައި 36،655،200 މިލިއަން އަދި ހިލޭ އެހީގެ ގޮތުގައި 16،085،282 މިލިއަން ހިމަނައިފައިވެއެވެ.

2020 ވަނަ އަހަރުގެ ބަޖެޓް ފޮތުން ފެންނަ ގޮތުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގް އެންޑް އިންފްރާސްޓްރަކްޗާއަށް ކަނޑައެޅި ބަޖެޓުގައި ފުވައްމުލަކު ގޮނޑޮދޮށް ހިމާޔަތް ކުރުމަށް ލޯނުގެ ގޮތުގައި 60،393،638، ހިލޭ އެހީގެ ގޮތުގައި 11،531،889 އަދި ޓްރަސްޓް ފަންޑުން 9،957،998 ޖުމުލަ 81،883،525 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.

2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވެސް މި ކަމަށް 14،562،152 ހިމެނިއިރު 2022 ގައި ވަނީ ލޯނުގެ ގޮތުގައި 37 މިލިއަން، ހިލޭ އެހީގެ ގޮތުގައި 23 މިލިއަން، ޓްރަސްޓް ފަންޑުން 3.9 މިލިއަން ރުފިޔާ އާ އެކު ޖުމުލަ 64.6 މިލިއަން ރުފިޔާ ހިމަނާފައެވެ.

ފުވައްމުލަކު ގިރާ ސަރަހައްދުގެ ތެރެއިން ޚާއްސަކޮށް ރަށުގެ އުތުރު ފަރާތުން މި ފާއިތުވި ސޯޅަ އަހަރުގެ ތެރޭގައި ވަނީ ރަށުގެ ދިގުން ހުރަހަށް ފަންސާސް ފޫޓަށް ވުރެ އިތުރަށް ގިރާފައެވެ. ފުވައްމުލަކުގެ ދިގު މިނަކީ ދޮޅު މޭލެވެ. އެހެންކަމުން ރަށުގެ އުތުރު ފަރާތުން އެ ވަނީ 396،000 އަކަ ފޫޓްގެ ސަރަޙައްދެއް ރަށާ ވަކިވެފައެވެ. އެއީ ނިސްބަތުން ރާއްޖޭގެ ރަށެއްގެ ބޮޑު މިނެވެ. އެ ސަރަހައްދުގެ އެކި ދިމަދިމާލުން ރުއްގަހުގެ އިތުރުން މީހުން އުޅުނު ގެތަކުގެ އަސަރާއި ވަޅުލާފައިވާ އިންސާނުންގެ ކަށި ފެންނަމުން ދިއުމީ އާންމު ކަމެކެވެ. އެ ސަރަހައްދުން ދިޔަވަރު ހިކިއިރު ގިރާފައިވާ ސަރަހައްދު ރީތިކޮށް އެނގެން އޮވެއެވެ. ފުވައްމަލަކަކީ ރާއްޖޭގެ އެންމެ ބޮޑެތި ރަށްރަށުގެ ތެރެއިން އެއްރަށެވެ. 2021 ސެޕްޓެންބަރާ ހަމަޔަށް އައި އިރު ފުވައްމުލަކުގެ ރަށްވެހިންގެ ގޮތުގައި 13320 މީހުން އަދި ބިދޭސީންގެ 890 މީހުން ދިރިއުޅެއެވެ.

ފުވައްމުލަކު ގިރާ ސަރަހައްދު ތަކުގެ ތެރެއިން ބޮޑަށް ގިރާ ސަރަހައްދަކީ ހަމައެކަނި ފޮޓޯ އަށް ހުއްޓިލާ ތަނަކަށް ވެފައިވާ ވުން ރައީސް އިބުރާހިމް މުހައްމަދު ސާލިޙުގެ ސަރުކާރުން މިވަނީ ބަދަލުކުރައްވާފައެވެ. މިހާރު ވެސް ދައުލަތުން ރާއްޖޭގެ އެކި ރަށްރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް އެކި ފަރާތްތަކާ ހަވާލު ކުރައްވައިގެން ކުރިޔަށް ގެންދަވާ އިރު އެއަށް އިތުރު ބޮޅެއްވަނީ އިތުރުވެފައެވެ. 12.12.2021 ގައި ފުވައްމުލަކު އުތުރުފަރާތު ގިރާ ސަރަހައްދުގައި ބަނދަރުން ފެށިގެން އުތުރަށް 2650 މީޓަރު ގައި ބޮޑުހިލަޖަހައިގެން ތޮށިލުމުގެ މަސައްކަތް ވަނީ ބޭރުގެ ކުންފުންޏާކާ ހަވާލުކުރައްވާފައެވެ. މިމަސައްކަތަކީ 300.343.050.00 މިލިއަން ރުފިޔާގެ އަގު ބޮޑުމަސައްކަތެކެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ފުވައްމުލަކު ބަނދަރުވެސް ހެދި ކުންފުނި ކަމަށްވާ އެމް.ޓީ ހޯގާޑުއާއެވެ. މަސައްކަތް ނިންމުމަށް ދެވުނު މުއްދަކީ 606 ދުވަހެވެ. މަސައްކަތާ ހަވާލުވެ ސޮއި ކުރެއްވީ އެމްޓީ ހޯގާޑުގެ މެނޭޖިން ޑިރެކްޓަރު ޕެއާރވިންތަރލާސަން އެވެ. ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޕްލޭނިންގ މިނިސްޓްރީގެ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދުއެވެ.

މިފަހަރު އުތުރުފަރާތުގައި ލެވޭ ތޮށިގަޑު ފޯރާނީ ގާތްގަނޑަކަށް ހޯދަޑު އަވަށުގައި ހުންނަ ކިޅިއެމަގި މިސްކިތާ ހަމައަށެވެ. މިހިސާބުން ފެށިގެން ތުނޑީގެ ވެލިގަނޑު ދައުރުވާ ހިސާބާ ދެމެދު ގާތްގަނޑަކަށް 1218 މީޓަރު ހުންނާނެއެވެ. މުޅި މައްސަލައަށް ހައްލު ނުލިބުނު ނަމަވެސް މިމަސައްކަތް ނިމޭ އިރު ވަރަށް ބޮޑު ހައްލެއް ވާނީ ލިބިފައެވެ. ފުވައްމުލަކު ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރެއްވެވި ހުރިހާ ފަރާތްތަކަކަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަމެވެ.

ނިންމާލުމުގެ ކުރިން ހިތުގައި އުފެދޭ އިތުރު ޝުޢޫރެއްވެސް ދަންނަވާލާނަމެވެ. މިހާރު ފުވައްމުލަކުގެ ރަށް ގިރުމުގެ މައްސަލަ އޮތީ ކުރީގައި ދެންނެވި ފަދައިން ހަމައެކަނި އުތުރު ފަރާތުގައެއް ނޫނެވެ. އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައިވެސް ފުވައްމުލަކު ގިރާ ސަރަހައްދު ހިމާޔަތްކުރުމަށް ބަޖެޓްގައި ހިމަނައި ދެއްވައި ހޯގާޑާ އެކު ރަށުގެ ވަށައި ތޮށި ލުމުގެ އެއްބަސްވުމެއް ހެއްދެވުމީ ފުވައްމުލަކުގެ ހުރިހާ ރައްޔިތުންގެވެސް އެދުމަކަށް ވާނެކަމަށް ދެކެވެ.

*******

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ..