ކުޅިވަރު

ތިންވަނަ މެޗުގައިވެސް ރާއްޖެ ކައިރިން ލަންކާ މޮޅުވެއްޖެ

ބަންގްލަދޭޝްގައި މިމަހު އޮންނަ އޭވީސީ ސެންޓްރަލް ޒޯން ފިރިހެން ޑިވިޝަން މުބާރާތަށް ތައްޔާރުވަމުން އަންނަ ރާއްޖޭގެ ސީނިއާ ގައުމީ ވޮލީބޯޅަ ޓީމުން ސްރީލަންކާއާ ދެކޮޅަށް ކުޅުނު ތިން ވަނަ މެޗުންވެސް ބަލިވެއްޖެއެވެ.

މީގެ ކުރިން ލަންކާ އާއި ރާއްޖެއިން ކުޅުނު އެކުވެރިކަމުގެ ދެމެޗުންވެސް ލަންކާ މޮޅުވެފައިވާ އިރު، ރޭގެ މެޗުގައިވެސް ލަންކާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.

ރާއްޖޭން ލަންކާއާ ދެކޮޅަށް ކުޅުނު ތިން މެޗަކީ ދެ އަހަރުގެ މެދުކެނޑުމަކަށް ފަހު ގައުމީ ވޮލީ ޓީމުން ކުޅުނު ފުރަތަމަ މެޗުތަކެވެ. ކޮވިޑް 19 ގެ ސަބަބުން ވޮލީ ޓީމުގެ ހަރަކާތްތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިފައި އޮތުމަށްފަހު ލަންކާ މެޗުތަކުގެ ކުރިން ޓީމުގެ ޕްރެކްޓިސްތައް ފެށީ މަހެއްހައި ދުވަސް ކުރިންނެވެ.

ރާއްޖެއާއި ލަންކާ ކުޅުނު ފުރަތަމަ މެޗަކީ ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މެޗެވެ. އެ މެޗުން ރާއްޖެ ބަލިވީ 25-13، 25-14 އަދި 25-18 އިންނެވެ. ހުކުރު ދުވަހުގެރޭ ކުޅުނު ދެ ވަނަ މެޗުގެ ސެޓުތައް ލަންކާ އިން ގެންދިޔައީ 25-19، 25-21 އަދި 25-23 އިންނެވެ. ރޭ ކުޅުނު މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 25-18، 25-17 އަދި 25-19 އިންނެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓުން ފެށިގެންވެސް ލަންކާ ފެނުނީ ވަރުގަދަ ކޮށެވެ. ހާއްސަކޮށް ލަންކާގެ އެޓޭކްތައް މާ ބޮޑަށްވެސް ވަރުގަދަކޮށް ފެނުނުކަން ފާހަގަކޮށްލެވުނެވެ. ރޭގެ މެޗުގެ އެއްވެސް ސެޓެއްގައި ލަންކާއާ އަރާ ހަމަކުރެވޭނެ ވަރުގެ ކުޅުމެއް ރާއްޖޭގެ ޓީމަށް ދެއްކިފައެއް ނުވެއެވެ.

ރާއްޖެ ކުޅޭ ސެންޓްރަލް ޒޯން ވޮލީ މުބާރާތް އޮތީ މި މަހު 22-29 އަށް ބަންގްލަދޭޝްގެ ޑާކާގައެވެ. ރާއްޖެ އާއި ލަންކާގެ އިތުރުުން އުޒްބެކިސްތާނާއި ނޭޕާލް އަދި ބަންގްލަދޭޝް އެ މުބާރާތުގައި ކުޅޭނެއެވެ.