ކޮވިޑް-19 ހުރިކަން އަންގައިދޭ ފޭސް މާސްކެއް ސައިންޓިސްޓުން އީޖާދުކޮށްފިއެވެ.

ޖަޕާނުގެ ކިޔޯޓޯ ޕްރިފެކްޗުރަލް ޔުނިވަސިޓީގައި އީޖާދުކުރި މި ފޭސްމާސްކުގެ ހާއްސަ ކަމަކީ ކޮވިޑް-19ގެ އެއްވެސް ކަހަލަ އަލާމާތެއް ހުރިނަމަ މާސްކު ދިއްލޭތީއެވެ. މި ފޭސްމާސްކު އުފައްދާފައިވަނީ އޮސްޓްރިޗް ގެ ބިހުގައި ހުންނަ އެންޓިބޮޑީ އަދި ފްލޮރިސެންޓު ޑައި ބޭނުން ކޮށްގެންނެވެ. ޔަސުހިރޯ ސުކަމޮޓޯގެ ޓީމުން އުފެއްދި މި ފޭސްމާސްކަށް ސަރުކާރުން ހުއްދަ ލިބޭނެ ކަމުގެ އުއްމީދުގައި ތިބި ކަމަށާއި ހުއްދަ ލިބިއްޖެނަމަ މި މާސްކު އަންނަ އަހަރު މާކެޓަށް ނެރެވޭނެ ކަމުގައި ޔަސުހިރޯ ބުނެއެވެ.

މާސްކު އަދި މަސައްކަތް ކުރަނީ ޔޫވީ ލައިޓެއްގެ ދަށަށް ގެނައުމުން އޭގައި ކޮވިޑް-19 އެއްވެސް މިންވަރެއް ހުރިނަމަ ދިއްލި، ބަލި ހުރިކަން އަވަހަށް ދެނެގަނެވޭ ގޮތަށެވެ.

އޭނާގެ ޓީމުން މީގެ ކުރިން ހެދި ދިރާސާތަކުން ވަނީ އޮސްޓްރިޗުގެ ސެލްތަކުގައި ބަލިން ދިފާއުވުމުގެ ބާރު ވަރުގަދަ ކަން އެނގިގެން ގޮސްފައެވެ. އެޓީމުން އެންމެފުރަތަމަ ހެދި މާސްކުގައި އޮސްޓްރިޗް އެންޓިބޮޑީގެ ފަށަލައެއް ވަނީ ލާފައެވެ. އަދި ޓެސްޓުކުރުމަށް ޓަކައި 8 ގަޑިއިރު ވަންދެން އެއްބަޔަކު މި މާސްކު އަޅައިގެން އުޅުމަށް ވަނީ އެންގިފައެވެ. އެއަށްފަހު ފިލްޓަރުތައް ވަކިކޮށް ބަލިހުރިތޯ ދެނެގަތުމަށް ޔޫވީ ލައިޓުގައި ދިއްލޭނެ ކެމިކަލް ސްޕްރޭއެއް ޖަހާފައިވާއިރު އޭގެން ވަނީ ކޮވިޑް ޖެހިފައިހުރި މީހުން ބޭނުންކުރި މާސްކުތަކުގެ ފިލްޓަރުތައް އަނގަޔާއި ނޭފަތުގައި ޖެހިފައިހުރި ދިމާލުން ދިއްލިފައެވެ. އެޓީމުން މިހާރު އަންނަނީ ބަލި ހުރިނަމަ މާސްކު އަމިއްލައަށް ދިއްލޭނެ ގޮތަށް ފަރުމާކުރުމުގެ މަސައްކަތްކުރަމުންނެވެ.

ޔަސުހިރޯ އާއި އޭނާގެ ޓީމުން އަންނަނީ މި ޓެކްނޮލޮޖީ ބޭނުންކޮށްގެން ފަސޭހައިން އަމިއްލައަށް ކޮވިޑަށް ޓެސްޓުކުރެވޭނެ ކިޓެއް އުފެއްދުމުގެ މަސައްކަތްތައްވެސް ކުރަމުންކަމުގައި އޭނާ ވަނީ ބުނެފައެވެ.

ޔުނިވަރސިޓީގެ ރައީސް ޔަސުހިރޯ ސުކަމޮޓޯ އަކީ މި ޔުނިވާސިޓީގައި ގިނަދުވަހު މަސައްކަތްކުރަމުން އައިސްފައިވާ ފުންނާބު އުސް ޕްރޮފެސަރެކެވެ. އޭނާ އަންނަނީ އޮސްޓްރިޗް ދޫނީގެ ގިނަ ދިރާސާތަކެއް ހަދަމުންނެވެ. އަދި ބަލިތަކުން ދިފާއު ވުމަށް އެ ދޫނީގެ ހަށިގަނޑުގައި ދިފާއީ ނިޒާމު ވަރުގަދަކަމަށް ފާހަގަ ކުރެވި، ބާޑް ފުލޫ، އެލާޖީ އަދިވެސް ތަފާތު ބަލިތަކުން ރައްކާތެރި ކުރެވޭނެ ގޮތްތަކެއް ހޯދުމަށް ދިރާސާތައް އޭނާ އަންނަނީ ކުރަމުންނެވެ.

ޖަޕާނުގެ ކިޔޯޑޯ ނޫސް އޭޖެންސީއާ މައުލޫމާތު ހިއްސާކުރަމުން ޔަސުހިރޯ ބުނެފައިވަނީ ކޮވިޑު ހުރިކަން ދެނެގަތުމަށް މި ހާއްސަ މާސްކު އޭނާ އަމިއްލައަށް ތަޖުރިބާކުރި ކަމަށެވެ. އޭނާ މި މާސްކު ބޭނުން ކުރުމަށްފަހު ކޮވިޑު ހުރިކަމަށް ދެއްކުމުން، ޓެސްޓު ހެދި ކަމަށާއި އަދި ޓެސްޓުން ޕޮޒިޓިވްވި ކަމުގައި ވަނީ ބުނެފައެވެ.