މިއަހަރުގެ އޮކްޓޯބަރު 13 ވަނަ ދުވަހު ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި ހައްޔަރުކުރި ހުރިހާ ދިވެހިން ދޫކޮށްލައި، ދެ ބިދޭސީންގެ ބަންދުގެ މުއްދަތު ކުރިމިނަލް ކޯޓުން ދަމަހައްޓައިފިއެވެ.
ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލު މިއަދު "ވަން" އަށް ވިދާޅުވީ ބަންދުގެ މުއްދަތު ދަމަހައްޓަން ކޯޓުން އަމުރުކުރި ދެ ބިދޭސީންނަކީ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ ރަފީގުލް އިސްލާމާއި އެމްޑީ މޮބިން ކަމަށެވެ. އެ މީހުންގެ ބަންދަށް ކޯޓުން ވަނީ 10 ދުވަސް ޖަހައިފައެވެ.
ކުރިމިނަލް ކޯޓުން ދޫކޮށްލަން އަމުރުކުރި ތިން ދިވެހިންނަކީ ދ. ބަނޑިދޫ، ޕޮލައިސް/ މުހައްމަދު ހުސައިން އާއި ލ. ކަލައިދޫ، ޖަނަވަރީމާގެ/ މުހައްމަދު އަހުމަދު އަދި ނ. ވެލިދޫ، ބީޗްހެވަން/ ޖުމާން މުސްތަފާ އެވެ.
މީޑިއާ އޮފިޝަލު ވިދާޅުވީ، އެ ތިން މީހުން ދޫކޮށްލަން ކޯޓުން އަމުރުކުރީ ފުލުހުން އަތުލައިގަތް 100 ކިލޯގެ ހެރޮއިންގެ މައްސަލައިގައި އެ މީހުންނާ ދެކޮޅަށް އެކަށީގެންވާ ހެއްކި ނެތުމުން ކަމަށެވެ.
ކޯޓުން މީގެ ކުރިން ވަނީ މި މައްސަލައިގައި ހައްޔަރުކުރި ފަސް ދިވެހިންވެސް ދޫކޮށްލައިފައެވެ. އޭގެ ތެރޭގައި ހެރޮއިން އެތެރެކުރުމުގައި އިސްކޮށް އުޅުނު ދެ މީހުންވެސް ހިމެނެއެވެ. އިސްކޮށް އުޅުނު މީހުން ދޫކޮށްލަން ކުރި އަމުރު އިސްތިއުނާފު ކޮށްދޭން ފުލުހުން ޕީޖީގައި އެދުނު ނަމަވެސް ފަހުން އެ މައްސަލަ އިސްތިއުނާފު ނުކުރަން ނިންމިއެވެ. އެއީ ހައިކޯޓަށް ހުށަހަޅާނެ އިތުރު ހެއްކެއް ނެތުމުންނެވެ.
ފުލުހުން މީގެ ކުރިން ބޭއްވި ބަންދު މުރާޖާކުރުމުގެ އަޑުއެހުމެއްގައި ބުނެފައިވަނީ މައްސަލައިގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަހުމަދާއި ޖުމާން މުސްތަފާ ވަނީ ސަފާރީއެއްގައި ދިގު ދަތުރެއް ކުރުމަށްފަހު ކަނޑުމަތިން ރާއްޖެއިން ބޭރުގެ ބޯޓަކާ ކައިރިކޮށް، ގޯނިތަކެއް ސަފާރީއަށް އަރުވައިފަ ކަމަށެވެ.
ނަމަވެސް ސަފާރީގައި ފަހުން އެ ގޯނިތައް ނެތް ކަމަށާއި އެކަމަކު ގޯނިތައް ބަންނަން ބޭނުންކޮށްފައި ހުރި ވައްތަރުގެ ނޫކުލައިގެ ވާގަނޑެއް ސަފާރީން ފެނުނު ކަމަށް ބުންޏެވެ.
އެ ދެ މީހުން ކިޔައިދިން މައުލޫމާތު އަލީގައި ފަޅު ރަށެއް ކަމަށްވާ އދ. ބޮޑުކާށިހުރާގައި ފޮރުވާފައި ހުރި ހެރޮއިން ހޯދާފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު