ދ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލީ ޝަފީޤު ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އަށް ހުށަހެޅި ދެ މައްސަލަ ނުބަލަން ނިންމައިފިއެވެ.
ޖޭއެސްސީން މިއަދު ބުނީ، މިހާތަނަށް އެ މައްސަލަ ބެލުމަށް ކުރި މަސައްކަތުން އެނގެނީ އެ ދެ މައްސަލަ އިތުރަށް ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް އެ ކޮމިޝަނަށް ނުފެންނަ ކަމަށެވެ. އެގޮތަށް ނިންމާފައިވަނީ އެ ކޮމިޝަނުން މިދިޔަ ސެޕްޓެމްބަރު 20 ގައި ބޭއްވި 74 ވަނަ ބައްދަލުމުގައި ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
މިދިޔަ އޮކްޓޫބަރު މަހު ޖޭއެސްސީން ވަނީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް މުހައްމަދު ތައްޔިބު އިޖުރާތާ ހިލާފަށް އަމުރެއް ނެރުނު ކަމަށް ބުނެ ތައްޔިބަށް ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އެ ކޮމިޝަނުން ބުނެފައިވަނީ ތައްޔިބަށް ފިޔަވަޅު އަޅަން ނިންމީ، އޭނާ ބަލަމުން އަންނަ މައްސަލައެއް ރައްދުވާ ފަރާތެއްގެ ބަންދުގެ މުއްދަތު އިތުރުކުރުމުގެ ބަދަލުގައި ގޭ ބަންދަށް ބަދަލުކުރި މައްސަލައަކާ ގުޅިގެން ކަމަށެވެ. ޖޭއޭސްސީން ކުރި ތަހުގީގުން ގޭގައި ބަންދުކުރަން ތައްޔިބު އަމުރު ކުރީ އިޖުރާތާ ހިލާފަށް ކަން ސާބިތު ވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
ތައްޔިބުގެ އެ އަމަލަކީީ ފަނޑިޔާރުންގެ ގާނޫނާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފަށް ކޮށްފައިވާ އަމަލަކަށް ވާތީ ޖޭއެސްސީން ނިންމީ އޭނާއަށް ނަސޭހަތް ދިނުމާއެކު ތަމްރީނު ޕްރޮގްރާމެއް ހެދުމަށް އެންގުމަށެވެ. އެގޮތަށް ނިންމީ ސެޕްޓެމްބަރު މިދިޔަ މަހުގެ 29 ވަނަ ދުވަހު ބޭއްވި އެ ކޮމިޝަންގެ 74 ވަނަ ބައްދަލުވުމުގައެވެ.
ޖޭއެސްސީން ތައްޔިބުއާ ގުޅޭ ޝަކުވާއެއް ބަލަން ފެށީ، މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ހަތް ވަނަ ދުވަހުއެވެ. ހަމަ އެ ދުވަހު ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓު އަހުމަދު އަކްރަމުގެ މައްސަލައެއް ވެސް ބަލަން ފެށިއެވެ.
އަކްރަމުއާ ގުޅޭ ގޮތުން ޖޭއެސްސީން ބަލަމުން އަންނަނީ، އޭނާ ހުކުމް ކުރެއްވި މައްސަލައެއްގެ ޝަރީއަތް ނިމުނު ގޮތުގެ ހުލާސާ ރިޕޯޓު ދޫކުރި ފަހުން އެ ރިޕޯޓަށް ބަދަލު ގެނެސް ބައެއް ނުކުތާތައް އިތުރުކުރި ކަމަށް ބުނާ މައްސަލައެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު