އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި މިވަގުތު އޮތް މެންޗެސްޓާ ސިޓީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން 1-0ގެ ނަތީޖާއަކުން މޮޅުވެއްޖެއެވެ.

ސިޓީގެ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ރަހީމް ސްޓާލިންނެވެ. އެ ގޯލަކީ ސްޓާލިން ޕްރިމިއާ ލީގުގައި ޖެހި 100 ވަނަ ގޯލެވެ. މެޗުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ވުލްވްސްގެ ރައުލް ހިމަނޭޒްއަށް ރަތް ކާޑު ދައްކާފައިވާ އިރު، އެ ރަތް ކާޑަށް ހިމަނޭޒްގެ އިތުރުން ވުލްވްސްގެ އެހެން ކުޅުންތެރިންވެސް ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައިވެއެވެ.

ހިމަނޭޒްއަށް ފުރަތަމަ ރީނދޫ ކާޑެ ދެއްކިތާ މިނެޓެއްވެސް ނުވަނީސް ދެވަނަ ރީނދޫ ކާޑެއް ދައްކައި ރަތް ކާޑު ދެއްކީ ހިލޭ ޖެހުމަށް ހުރަސް އަޅަން ބޯޅަ ހުއްޓުވަން އުޅުމުންނެވެ. ހިމަނޭޒް ކުރި ފައުލަކަށް ރީނދޫ ކާޑަކާއެކު ރެފްރީ ހިލޭ ޖެހުން ދިނުމުން އެ ހިލޭ ޖެހުން ހުއްޓުވަން ހިމަނޭޒް ކުރި މަސައްކަތުގެ ތެރެއިން ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކައިފައެވެ.

މެޗު ކޮންޓްރޯލްކޮށް ސިޓީން ކުޅުނު ނަމަވެސް އެޓީމަށް ފެށުނީއްސުރެ އުނދަގޫވީ ގޯލެއް ޖަހާށެވެ. ސިޓީން 24 ހަމަލާ މެޗުގައި އުފައްދާފައިވާ އިރު، ވުލްވްސްގެ ގޯލްކީޕަރު ޖޯސޭ ސާ ވަނީ މެޗުގައި މޮޅު ތިން ސޭވްއެއްވެސް ކޮށްފައެވެ. އޭގެ އިތުރުން އިލްކޭ ގުންޑޮގަން ފޮނުވާލި ހަމަލާއެއް ވުލްވްސްގެ ޑިފެންޑަރު ކޯނޯ ކޯޑީ ވަނީ ގޯލުގެ ރޮނގުމަތިން ބޭރު ކޮށްލައިފައެވެ.

މެޗުގެ ހަމައެކަނި ގޯލް ސްޓާލިންގެ ފަރާތުން ފެނުނީ 66 ވަނަ މިނެޓުގައެވެ. އަރިމަތިން ބާނާޑޯ ސިލްވާ ނެގި ހުރަސް، ރެފްރީ ނިންމީ ޖާއޯ މުޓީނިއޯ އަތުގައި އޭރިއާ ތެރެއިން ޖެހުނު ކަމަށެވެ. ރެފްރީގެ ނިންމުމަށް ޝަކުވާތައް އައި ނަމަވެސް ވީއޭއާރު ބަލައި ރެފްރީ ނިންމީ ޕެނަލްޓީ ދޭށެވެ.

ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ 16 މެޗުން 38 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ލިވަޕޫލާއި ޗެލްސީން މިވަގުތު ކުޅެމުންދާ އިރު، ލިވަޕޫލް ދެވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓާ އެކުގައެވެ. ޗެލްސީން ތިންވަނައިގައި އޮތީ 15 މެޗުން 33 ޕޮއިންޓާ އެކުގައެވެ.