ޓޮޓެންހަމް ޓީމު ތެރޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައި އޮތުމުން، ބްރައިޓަންއާ ދެކޮޅަށް އެޓީމުން އާދީއްތަ ދުވަހު ކުޅެން އޮތް މެޗު ފަސްކުރަން ޕްރިމިއާ ލީގުން ނިންމައިފިއެވެ.
ޓޮޓެންހަމްއިން ޔޫރޮޕާ ކޮންފަރެންސް ލީގުގައި ރެނެސްއާ ދެކޮޅަށް ރޭ ކުޅެން އޮތް މެޗުވެސް ފަސްކޮށްފައިވާ އިރު، އެ ކްލަބުގެ އަށް ކުޅުންތެރިޔަކާއި އިތުރު ފަސް މެމްބަރުން ވަނީ ކޮވިޑަށް ޕޮސިޓިވްވެފައެވެ. ކޮވިޑްގެ ކޭސްތަކާ ހުރެ ޓޮޓެންހަމްގެ ސީނިއާ ޓީމު ތަމްރީނުތައް ހަދާ ސެންޓަރުވެސް ވަނީ ބަންދުކުރަން ޖެހިފައެވެ.
ބްރައިޓަންއާ ދެކޮޅަށް ޓޮޓެންހަމްއިން ކުޅެން އޮތް މެޗު ފަސްކުރަން ޕްރިމިއާ ލީގު ބޯޑުން ނިންމީ ޓޮޓެންހަމްގެ އެދުމުގެ މަތިންނެވެ. ބޯޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސިއްހީ ތަޖުރިބާކާރުންގެ ލަފާ ހޯދައި މެޗު ފަސްކުރަން ނިންމީ ކުޅުންތެރިންނާއި ޓޮޓެންހަމްގެ މުއައްޒަފުންގެ ރައްކާތެރިކަމަށް ބެލުމަށް ކަމަށެވެ. ފަސްކުރި މެޗު ކުޅޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައި ނުވާ އިރު، ޕްރިމިއާ ލީގުން ވަނީ ކޮވިޑް ޖެހުނު ކުޅުންތެރިންނަށް އަވަސް ޝިފާއަކަށް އެދިފައެވެ.
މެޗުތައް ފަސްކުރަން ޖެހުމާ ގުޅިގެން ޓޮޓެންހަމްއިން ވަނީ ރެނެސް އާއި ބްރައިޓަންގެ ސަޕޯޓަރުން ކިބައިންވެސް މައާފަށް އެދި ބަޔާނެއް ނެރެފައެވެ. އެ ކްލަބުން ބުނެފައި ވަނީ މިއީ ކްލަބަށް ޗެލެންޖިން ހާލަތެއް ކަމަށާއި ހާލަތު ބަދަލުކުރަން ބުރަކޮށް ކްލަބުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ޓޮޓެންހަމްއަށް މި ސީޒަން އަދި ދަނީ ދަށްކޮށެވެ. ދަށް ފެށުމަކުން ކްލަބުން ސީޒަން ފަށައިގެން ދިޔައިރު، އެ ކްލަބުން ވަނީ ކޯޗުވެސް ބަދަލު ކޮށްފައެވެ. ސީޒަން ފެށިއިރު ކްލަބުގެ ކޯޗުކަމުގައި ނޫނޯ އެސްޕިރިޓޯ ސަންޓޯސް ހުރި ނަމަވެސް އެ ކްލަބުން މިހާރު ވަނީ ކްލަބުގެ ކޯޗުކަން އެންޓޯނިއޯ ކޮންޓޭއާ ހަވާލުކޮށްފައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު