ޚަބަރު

ފައިސާ ނަގަން ސިފައިންގެ މީހާ އޭޓީއެމަށް ގެންދިޔަ ވާހަކަ ފުލުހުން ދޮގުކޮށްފި

އަލީ ޔާމިން

މާލޭގައި ސިފައިންގެ މީހަކު ރަހީނު ކުރި މީހުން، އެ މީހާގެ އަތުން ފައިސާ ހޯދުމަށް ތަކުރާރުކޮށް އޭޓީއެމްތަކަށް ގެންދިޔަ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައި ވިޔަސް އެއީ ދޮގެއް ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

އިސްކަންދަރު ކޮށީގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ، ސިފައިންގެ މީހާ ތަކުރާރުކޮށް އޭޓީއެމްތަކަށް ގެންގޮސްގެން ފައިސާ ނެގި ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނީ ކޯޓުން ލިބުނު މައުލޫމާތު ތަކަކާ ހަވާލާދީ ކަމަށާއި ނަމަވެސް އެ މައުލޫމާތަކީ ސިފައިންގެ މީހާއާ ގުޅޭ މައުލޫމާތު ނޫން ކަމަށެވެ.

"ނޫހެއްގައި މިހާރުވެސް ލިޔެވިފައި އެބަ އޮތް ކަންނޭނގެ، އަޅުގަނޑު ވަކި ނޫހެއް ނުދަންނަވާނަން. ސިފައިންގެ މީހާގެ ނަން ބޭނުންކުރުމަށް ފަހު، އޭނާ ގޮވައިގެން އޭޓީއެމްތަކަށް ދިޔަ ކަމަށް. އެކަމަކު އެ މައުލޫމާތަކީ ރަނގަޅު މައުލޫމާތެއް ނޫން،" ޝިފާއު ވިދާޅުވި އެވެ.

މާލޭގެ މަގުމަތިން ސިފައިންގެ މީހަކު ރަހީނުކޮށް، އަނިޔާކުރުމަށްފަހު މަގުމައްޗަށް އެއްލާލައިފައިވާ މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ މަހުގެ 18 ވަނަ ދުވަހު އެވެ. އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ތިން ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 18 އަހަރުގެ މީހަކާއި، 21 އަހަރުގެ މީހެއްގެ އިތުރުން، އުމުރުން 29 އަހަރުގެ މީހެކެވެ.

އެމްއެންޑީއެފުން މީގެ ކުރިން ބުނެފައިވަނީ ރަހީނުކޮށްފައިވަނީ ސްޓާފް ސާޖަންޓް ހަސަން ފަހީމް ކަމަށެވެ. ނަމަވެސް ފުލުހުން މީގެ ކުރިން ބުނެފައިވަނީ، ސިފައިންގެ މީހާ ރަހީނުކޮށްފައިވަނީ މާލެއިން ކަމަށް ނުބެލެވޭ ކަމަށާއި އެކަން ހިނގާފައިވަނީ ސިފައިންގެ މީހާގެ އަމިއްލަ ދިރިއުޅުމާ ގުޅުންހުރި ޒާތީ ކަމެއްގެ ތެރެއިންކަމަށް ލިބިފައިވާ މައުލޫމާތުން ބެލެވޭ ކަމަށެވެ. އަދި ސިފައިންގެ މީހަކަށް ވާތީ ކޮށްފައިވާ އަނިޔާއެއް ކަމަށްވެސް ބެލެވޭނެ އެއްވެސް މައުލޫމާތެއް މިހާތަނަށް ތަހުގީގަށް ލިބިފައެއް ނުވާ ކަމަށް ބުނެފައިވެއެވެ.

މައުލޫމާތު އެނގޭ މީހަކު "ވަން" އަށް ބުނީ، ފައިސާ ހޯދުމަށް އެ މީހާ ރަހީނުކުރީ މާފަންނު އޭސް ހާޑްވެއާ ކައިރިން ދަނިކޮށް ކަމަށާއި ފައިސާ ނުދިނުމުން އަނިޔާކޮށް ރަހީނުކުރި ކަމަށާއި އިރު އަރަންދެން އެގޮތަށް އަނިޔާކުރި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެމީހާގެ ބުރަކައްޓާއި މޫނުގައި ގިނަ ޒަހަމްތަކެއް ހުއްޓެވެ.