ޑިޖިޓަލް އެންވަޔަރަމެންޓު ނުވަތަ އޮންލައިންކޮށް ހިންގާ ކުށްތަކާ ދެކޮޅަށް ފުލުހުން ވަރުގަދަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ހަމީދު އެގޮތަށް ވިދާޅުވީ، ކުރިއަށް އޮތް ދެ އަހަރަށް ފުލުހުން އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ ގޮތުން މިއަދު ބޭއްވި އެއް ދުވަހުގެ މަސައްކަތު ބައްދަލުވުމެއްގައި ވާހަކަދައްކަވަމުންނެވެ.
އެ ބައްދަލުވުމުގައި ހަމީދު ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް އޮތް ޑިމާންޑު ބަދަލުވެ، ފުލުހުންގެ ހިދުމަތަށް އެދޭއެދުމާއި ހިދުމަތަށް ބޭނުންވާ މިންވަރު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށާއި ވެށީގެ ތެރޭގައި ހިނގާ ކުށްތަކާއި، އެ ވެށީގައި އުޅޭ ފަރާތްތަކަށް ކުރިމަތިލާން ޖެހިފައިވާ ގޮންޖެހުންތައް ވަރަށް ބޮޑުތަން ބަދަލުވަމުން އައިސް، އުނދަގޫވާން ފަށާފައިވާ ކަމަށެވެ. އަދި އެކަންކަމާ ދެކޮޅަށް ފުލުހުން މަސައްކަތްކުރަމުންދިޔަ ނަމަވެސް އެކަންކަމަށް ކުރަންހުރި މަސައްކަތްތައް އިތުރުވަމުން އަންނަ ކަމަށް ވެސް ވިދާޅުވިއެވެ.
ކުރިއާ ހިލާފާށް މިހާރު ކުށްކުރާ ގޮތް ބަދަލުވެފައިވާ ކަމަށާއި ހާއްސަކޮށް ޑިޖިޓަލް އެންވައިރަމަންޓު ތެރޭގައި ހިންގާ ކުށްތައް ފާއިތުވި އަހަރުތަކުގައި އިތުރުވަމުން އައިސްފައިވާކަން ފާހަގަކުރައްވައި ހަމީދު ވިދާޅުވީ އައު ވައްތަރުގެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރުމަށްޓަކައި ފުލުހުންގެ މުއައްސަސާ ވެސް ވާން ޖެހިފައިވަނީ އެ ކުށްތަކާ ދެކޮޅަށް މަސައްކަތްކުރެވޭ ވަރުގެ މުއައްސަސާއަކަށް ހެދުމަށް ވަރަށް ހާއްސަ އިސްކަމެއް ދީގެން މަސައްކަތް ކުރިއަށްގެންދާ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ.
އޭގެ އިތުރުން ކުށާ ދެކޮޅަށް މަސައްކަތްކުރުމުގެ އިތުރުން ކުށަށް އުފެދޭ ކަންކަމަށްވެސް ފުލުހުން މަސައްކަތް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ޕެންޑަމިކެއްގެ ތެރޭގައި ފުލުހުން ކޮށްފައިވާ މަސައްކަތުގެ އަގު އެ ބައްދަލުވުމުގައި ހަމީދު ވަނީ ފާހަގަކުރައްވައިފައެވެ.
ހަމީދު ވަނީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި މައިގަނޑު ހަ ޕްރައޯރިޓީއެއް ކަނޑައަޅާފައިވާ އިރު، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ވޭތުވެދިޔަ އަހަރުތަކުގެ ތަޖުރިބާއަށް ބަލައި، ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގައި ދެން އިތުރަށް ކަންކަން ކުރަންވީގޮތާ މެދު ވިސްނައި، އިސްކަންދޭނެ ކަންކަން ކަނޑައެޅުން މުހިންމުކަމާ ގުޅޭގޮތުން ވާހަކަދައްކަވައިފައެވެ. އަދި އިސްކަންދޭނެ ކަންކަން ކަނޑައެޅުމުގެ މުހިންމުކަމަކީ ދައުލަތުން ހޭދަކޮށްގެން ގާއިމުކޮށްފައިވާ ވަސީލަތްތައް އެންމެ ރަނގަޅުގޮތުގައި ބޭނުންކުރުމުގެ ވިސްނުން އިސްކޮށް، ގޮތްތަކެއް ނިންމުންކަމަށް ވެސް ހަމީދު ވިދާޅުވިއެވެ.
ހާއްސަކޮށް ފުލުހުންގެ މަސައްކަތުގެ ދާއިރާތަކުގެ ތެރެއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފައިދާ ގެނެވޭނެ ގޮތްތަކާ މެދު ވިސްނައި ގޮތްތަކެއް ނިންމުމަށް ހަމީދު ވަނީ ބައްދަލުވުމުގައި ބައިވެރިވި އިސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި މަސައްކަތު ބައްދަލުވުމުގެ ބައިވެރިން އިސްކަންދޭނެ ކަންކަން ކަނޑައަޅުމުގައި ވިސްނުން ގެންގުޅެންވީ ގިނަ ދާއިރާތަކާ ގުޅޭގޮތުން ވަނީ ވާހަކަދައްކަވައިފައެވެ.
މިއަދު ބޭއްވި އެ ބައްދަލުވުމުގައި ހަމީދުގެ އިތުރުން ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަލީ ރަޝީދާއި އެގްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން ވަނީ ބައިވެރިވެފައެވެ.
އެ ބައްދަލުވުމަކީ 2019 އިން 2024 އަށް އެކުލަވާލާފައިވާ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައި ހިމެނޭ ޕްރޮޖެކްޓަކުން ކުރެވިފައިވާ މަސައްކަތްތައް ދެނެގަނެ، ފުލުހުންގެ ގާނޫނާއި ހޯމް މިނިސްޓްރީގެ ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓާ އެއްގޮތަށް ފުލުހުންގެ މަސައްކަތްތައް ރާވައި، ބައްޓަންކުރުމަށްޓަކައި ފުލުހުންގެ ކޮމާންޑް/ޑައިރެކްޓްރޭޓް އަދި ޑިޕާޓްމަންޓްތަކުގެ ވެރިންގެ ހިޔާލާއި މަޝްވަރާ ހޯދުމުގެ ގޮތުން ހަމީދުގެ އިރުޝާދުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ.
އެ ބައްދަލުވުމުގައި މެނޭޖްމަންޓު ސާވޭގައި ފާހަގަކުރެވޭ ކަންކަމާއި ކޮމްޕިޓެންސީ ފްރޭމު ވޯކާއި ސްޓްރެޓީޖިކް ޕޮލިސިން ރިކުއާމަންޓާއި ސްޓްރެޓީޖިކް ޕްލޭންގެ ޕްރޮޖެކްޓުތަކުން ހާސިލުވެފައިވާ މިންވަރު ހުށަހަޅާފައިވެއެވެ. އެގޮތުން އޮގަނައިޒޭޝަން ރީފޯމް އެންޑް ޓްރާންސްފޮމޭޝަނާއި ޕާޓްނާޝިޕް ފޯ ކޮމިއުނިޓީ ސޭފްޓީ އާއި އޮޕަރޭޝަނަލް ރެޑިނަސް އާއި ވޮލިއުމް އެންޑް ހައި އިމްޕެކްޓް ކްރައިމް އާއި ރޯޑް އެންޑް މެރިޓައިމް ޕޮލިސިން އަދި ލޯކަލް ޕޮލިސިން އިން ހާސިލުވެފައިވާ ކަންތައްތައް ހުށަހަޅާފައިވެއެވެ.
އޭގެ އިތުރުން 2022 އަދި 2023 ވަނަ އަހަރަށް އިސްކަންދޭނެ ކަންކަން ހުށަހަޅައި، ބައިވެރިންގެ މެދުގައި މަޝްވަރާކޮށް، ބައިވެރިން ހުށަހަޅާ ކަންކަން ހުށަހެޅުން ވަނީ ކުރިއަށް ގެންގޮސްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު