ކެބިނެޓުގެ ލަފާގެ މަތިން "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް"، ރާއްޖެއިން ގަބޫލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.
ޓްރޭޑު ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް)، އެއްބަސްވުމަށް ބަދަލު ގެނައުމަށްޓަކައި އެކުލަވާލާފައިވާ ޕްރޮޓޮކޯލް ކަމަށްވާ، "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް" ރާއްޖެއިން ގަބޫލުކުރުމަށްޓަކައި މަޖިލީހުގެ ރުހުން ބޭނުންވެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް" އާ ބެހޭގޮތުން ކެބިނެޓުން ރައީސް ސޯލިހަށް ލަފާދެއްވާފައިވަނީ މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ކެބިނެޓު ބައްދަލުވުމުގައެވެ.
ޑަބްލިއުޓީއޯގެ އެއްބަސްވުންތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްބަސްވުންތަކުގެ ތެރެއިން، ޓްރޭޑް ރިލޭޓެޑް އެސްޕެކްޓްސް އޮފް އިންޓްލެކްޗުއަލް ޕްރޮޕަޓީ ރައިޓްސް (ޓްރިޕްސް) އެއްބަސްވުމަކީ، މެންބަރު ގައުމުތަކުގެ ފިކުރީ މުދާ ރައްކާތެރިކޮށްދިނުމާ ގުޅޭ ބައިނަލްއަގުވާމީ މުހިންމު އެއްބަސްވުމެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ޓްރިޕްސްގެ އެއްބަސްވުމަށް ގެނެވުނު އިސްލާހު، "ޕްރޮޓޮކޯލް އެމެންޑިން ދަ ޓްރިޕްސް އެގްރީމަންޓް" އަކީ، ޑަބްލިއުޓީއޯގެ އެއްބަސްވުމަކަށް، އެ ޖަމިއްޔާ އުފެދުނު ފަހުން ގެނެވުނު ފުރަތަމަ އިސްލާހެވެ.
ޓްރިޕްސް އެއްބަސްވުމަށް ގެނެވިފައިވާ އިސްލާހުގެ ސަބަބުން، ގައުމުތަކަށް ދިމާވެފައިވާ ނުވަތަ ދިމާވަމުންދާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި، އެފަދަ ހާއްސަ ހާލަތްތަކުގައި ބޭނުންވާ ބޭހަކީ، ޕޭޓަންޓެއް އެކުލެވޭ ބޭހަކަށްވެފައި، އެ ބޭހެއް އެކަށީގެންވާ އަގެއްގައި، އެކަށީގެންވާ ވަގުތުގައި ޕޭޓަންޓުގެ ވެރިފަރާތުން ލިބޭނެ އިންތިޒާމު ހަމަނުޖެހިއްޖެނަމަ، ބޭސް އުފެއްދުމުގެ ގާބިލުކަން ނެތް ގާއުމުތަކަށް ފަސޭހަ ގޮތެއްގައި މިފަދަ ބޭސް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، ބޭސް އުފެއްދުމުގެ ގާބިލުކަން ހުރި ގައުމަކުން، ޕޭޓަންޓު ކޮށްފައިވާ ބޭހެއް، ޕޭޓަންޓުގެ ވެރިފަރާތުގެ ހައްގު ނުގެއްލޭނެ ފަދައިން ކޮމްޕަލްސަރީ ލައިސެންސެއްގެ ދަށުން އުފައްދައި، ބޭސް ބޭނުންވާ ގައުމަށް ފޯރުކޮށްދިނުމަށް މަގުފަހި ވެގެންދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު