އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ހުރިހާ މެންބަރުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ފާސްކޮށްފިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިގޮތަށް ފާސްކުރީ މަޖިލިސް ޗުއްޓީގައި އޮއްވައި މިއަދު ބޭއްވި އެ ކޮމިޓީގެ ހާއްސަ ބައްދަލުވުމެއްގައެވެ.

އޭސީސީން ބަލާ މައްސަލަތައް ދިގުދެމިގެން ގޮސް މަސައްކަތްތައް ލަސްވަމުންދާ މައްސަލައިގައި، މީގެ ކުރިން އެކި ފަހަރުމަތިން އެ ކޮމިޝަންގެ މެންބަރުން ވަނީ ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ. އަދި ކޮމިޝަންގެ މަސައްކަތްތައް އަވަސްކުރުމަށްޓަކައި އަންނަ އަހަރުގެ ބަޖެޓަށް އިތުރުކުރުމަށް ކޮމިޝަނުން އެދުނު ބައިވެސް ކޮމިޓީން ވަނީ ބަޖެޓަށް އިތުރު ކޮށްދީފައެވެ.

އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރަން ކޮމިޓީން ފާސްކޮށްފައި މިވަނީ، ކޮމިޝަންގެ މަސައްކަތްތައް ދާގޮތާ މެދު ހިތްހަމަނުޖެހިގެން، އެ ކޮމިޝަންގެ ޕާފޯމަންސް އޮޑިޓެއް ހެދުމަށް ފަހުގައެވެ.

ޕާފޯމަންސް އޮޑިޓާ ގުޅިގެން އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފު ވެސް ވަނީ މިމަހުގެ ދެވަނަ ދުވަހު ކޮމިޝަނުން އިސްތިއުފާ ދެއްވައިފައެވެ.

ކޮމިޓީގެ ބައްދަލުވުމުގައި ކޮމިޝަންގެ ހުރިހާ މެންބަރުން ވަކިކުރަން ހުށަހެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހްމަދެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ ބިލެއްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމެވެ.

ކޮމިޝަންގެ މެންބަރުން ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ދެން ފޮނުވާނީ މަޖިލީހުގެ ތަޅުމަށެވެ. އެކަމަށް ގޮތެއް ނިންމާނީ މަޖިލީހުގެ ތަޅުމުންނެވެ.

ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ، މަރިޔަމް ޝިއުނާ އާއި ފާތިމަތު އަނޫލާ އާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.