މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަލަހައްޓަމުން އަންނަ މާލޭ ޓީޖެޓީއާ މާލޭ ސިޓީ ކައުންސިލުން ހަވާލުވާން އެ ކައުންސިލުން ނިންމި ނަމަވެސް, އެތަން އެކުންފުނީގެ އަތުން ނެގުމުގެ ބާރު އޮންނާނީ ހައުސިން މިނިސްޓްރީއަށް އެކަނި ކަމަށް އެމްޕީއެލުން މިއަދު ބުނެފިއެވެ.

ޓީޖެޓީ އެމްޕީއެލްއާ ހަވާލުކޮށް, އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ އެއިރުގެ ހައުސިން މިނިސްޓަރު ކަމުގައި މާލެ ސިޓީ ކައުންސިލުގެ މިހާރުގެ މޭޔަރު މުއިއްޒު ހުންނަވައިގެން 2015 ވަނަ އަހަރެވެ.

ނަމަވެސް މާލެ ސިޓީ ކައުންސިލުން ވަނީ ޓީޖެޓީ ހުސްކުރަން އަންގައި އެމްޕީއެލްއަށް 90 ދުވަސް ދީފައެވެ. އެ މުއްދަތު އަންނަ އާދީއްތަ ދުވަހަށް ހަމަވާ އިރު, އެދުވަހު ކައުންސިލުން އެތަނާ ހަވާލުވާން އިއްޔެ ބޭއްވި ކައުންސިލުގެ ބައްދަލުވުމުގައި ވަނީ ނިންމައިފައެވެ. އެގޮތަށް ނިންމީ ކައުންސިލުގައި ތިއްބަވާ އެމްޑީޕީ ކައުންސިލަރުންގެވެސް އަގުލަބިއްޔަތުންނެވެ.

އެކަމާ ގުޅިގެން އެމްޕީއެލްގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ, ޓީޖެޓީ ސަރަހައްދަކީ ހައުސިން މިނިސްޓްރީން އެ ކުންފުންޏާ ހަވާލުކޮށްފައިވާ ތަނެއް ކަމުން އެ ކުންފުނީގެ އަތުން އެތަން ނެގުމުގެ ބާރުވެސް އޮންނާނީ މިނިސްޓްރީއަށް ކަމަށެވެ. އަދި ހައުސިން މިނިސްޓްރީއާއެކު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ވަކި މުއްދަތެއް ބަޔާން ކޮށްފައި ނެތް ކަމަށްވެސް ވިދާޅުވިއެވެ.