މާލޭ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރި މައްސަލަ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ސިވިލް ކޯޓަށާއި އެލްޖީއޭއަށް ހުށަހަޅައިފިއެެވެ.
އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޓަވަރުތައް ހުންނަ ސަރަހައްދުގައި ޖަލްސާއެއް ބާއްވަން ސިޓީ ކައުންސިލުން ހުއްދަ ދީފައި ވަނިކޮށް، އެ ޖަލްސާ އެޗްޑީސީގެ ހުއްދަ ނުނަގައި ނުބޭއްވޭނެ ކަމަށް ބުނުމުން ދެ ފަރާތުގެ ދެމެދުގައި ވަނީ ކޯޅުންގަނޑެއް އުފެދިފައެވެ.
އެ ކޯޅުންގަނޑުގެ ތެރެއިން ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކޮށްފައި ވަނީ ޕީޕީއެމްގެ މެޖޯރިޓީ އޮންނަ މާލޭ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި އެ ކައުންސިލުގެ ބައްދަލުވުމެއްގައެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2ގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާ ކަން އަންގައި މާލެ ސިޓީ ކައުންސިލުން އެ ކޯޕަރޭޝަނަށް ސިޓީއަކުން އަންގާފައިވީ ނަމަވެސް އެ ނިންމުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ މުދާ ހޯދުމާއި މުދާ ގެންގުޅުމުގެ ހައްގާއި ބިމާއި ބެހޭ ގާނޫނާއި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
އެހެންކަމުން އެކަން ބަލައި، އެ ނިންމުމަކީ ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި އެ ނިންމުން ބާތިލުކޮށްދިނުމަށާއި ގާނޫނީ އިމުގެ ތެރެއިން މަސައްކަތް ކުރުމަށް މާލެ ސިޓީ ކައުންސިލަށް އަންގައިދިނުމަށް އެދި ސިވިލް ކޯޓަށާއި އެލްޖީއޭއަށް މިއަދު އެޗްޑީސީން ހުށަހަޅާފައިވާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު