ޚަބަރު

އިދިކޮޅު ޖަލްސާ ބާއްވަން ފުލުހުން ހުރަސް އަޅަނީ، މުއިއްޒު ވިދާޅުވީ ފުލުހުން ޖަވާބުދާރީ ކުރުވާނެ ކަމަށް!

އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ނިންމައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އެތަން ތައްޔާރުކުރަން ފެށުމުން ފުލުހުން އެކަމަށް ހުރަސް އަޅައިފިއެވެ.

އިދިކޮޅު ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީ ވިދާޅުވީ ފުލުހުން "ކޮތަރު ކޮށި" ޖަލްސާ ބާއްވަން ހުރަސް އަޅަމުންދާ ކަމަށެވެ. ނަމަވެސް އިތުރު ތަފުސީލެއް ނުދެއްވައެވެ.

ފުލުހުން އެ ޖަލްސާ ބޭއްވުމަށް ހުރަސް އަޅާފައި މިވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ހުއްދަ ނުހޯދައި، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން އުޅޭ ކަމަށް ބުނެ، އެ ކޯޕަރޭޝަންގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހެޅުމުންނެވެ.

ފުލުހުންގެ އިދާރާގައި އެޗްޑީސީން އެދިފައިވަނީ، އެ ކޯޕަރޭޝަންގެ ހުއްދަ ނުހޯދައި ހަރަކާތް ބާއްވާނަމަ އޮންނަ އުސޫލުގެ ތެރެއިން އެކަން ބަލައިދުނުމަށެވެ.

އެކަމާ ގުޅިގެން މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސް އަޅަމުންދާ ކަމަށެވެ.

"ކައުންސިލުގެ އިހުތިސޯސްގެ ތެރޭގައި އޮންނަ ސަރަހައްދެއްގައި ސިޔާސީ ޕާޓީއަކުން ޖަލްސާއެއް ބާއްވަން އެދުމުން އެކަމަށް ކައުންސިލުން ދީފައިވާ ހުއްދަ ތަންފީޒުކުރުމަށް ފުލުހުން ހުރަސްއަޅުއްވަމުންދާތަން ފެންނަމުންދާތީ އެކަމުގައި ޕޮލިސް ގާނޫނީގޮތުން ޖަވާބުދާރީކުރުވާނެކަމުގައި ދަންނަވަން،" މުއިއްޒު ވިދާޅުވިއެވެ.

"ކޮތަރު ކޮށި" ޖަލްސާގެ މައްސަލަ ހޫނުވެފައި މިވަނީ އިދިކޮޅު ކޯލިޝަނުން އެޗްޑީސީން ހުއްދަ ނުނަގައި، ހަމައެކަނި ސިޓީ ކައުންސިލުން އެކަމުގެ ހުއްދަ ނެގުމުންނެވެ. އަދި އެކަމަށް ކައުންސިލުން ވަނީ ހުއްދަވެސް ދީފައެވެ.

އެކަމާ ގުޅިގެން ރޭ އެޗްޑީސީން ނެރުނު ބަޔާނެއްގައި ވަނީ ހުޅުމާލޭގެ އެއްވެސް ސަރަހައްދެއްގައި އެއްވެސް ހަރަކާތެއް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމުން ހުށަހަޅައިގެން ހުއްދަ ހޯދުމަށްފަހު އެ ކޯޕަރޭޝަނުން ކަނޑައަޅާ އުސޫލުތަކެއްގެ ތެރެއިން އެކަމަށް ހާއްސަ ކުރެވިފައިވާ ވަކި ސަރަހައްދެއްގައި ކަމަށެވެ.

ނަމަވެސް އިދިކޮޅުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބޭއްވުމަށް ރާވަމުންދާ ހަރަކާތެއް ނޫން ކަމަށް އެޗްޑީސީން ބުންޏެވެ.

މައްސަލަ ހޫނުވެފައި ވަނިކޮށް މާލޭ ސިޓީ ކައުންސިލުން މިއަދު ވަނީ ހުޅުމާލޭގެ ރެޖިސްޓްރީ ބާތިލު ކޮށްފައެވެ. ހުޅުމާލޭ ރެޖިސްޓްރީ ބާތިލުކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލުގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމެއްގައެވެ. ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.

ނަރީޝްގެ ހުށަހެޅުއްވުމަށް އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އެމްޑީޕީ ދެ މެންބަރުން ހިމެނިވަޑައިގަންނަވާ ގޮތަށް ހުރިހާ މެެންބަރުން ތާއީދުކޮށްފައިވާ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ހުޅުމާލޭ ރަޖިސްޓްރީ ބާތިލުކުރަން ނިންމާފައިވަނީ ލާމަރުކަޒީ ނިޒާމުން ސިޓީ ކައުންސިލުގެ އިހުތިސާސްގައި ހުޅުމާލެ ކަނޑައަޅަފައި އޮތް ނަމަވެސް ހުޅުމާލޭގެ އާންމު ހިދުމަތްތަކަށް އެޗްޑީސީގެ ސަބަބުން ބުރޫއަރާތީ ކަމަށް ނަރީޝް ވަނީ ވިދާޅުވެފައެވެ.