ލ. އަތޮޅު ގަމު ތުނޑީ އަވަށުގެ ބަނދަރުގައި އަޅާފައި އޮތް ފުލުހުންގެ ލޯންޗެއްގައި ރޯކޮށްލި މައްސަލައިގައި ދައުވާ ލިބޭ ދެ މީހުންނާ ދެކޮޅަށް ފުލުހުން ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ދިފާއުން ބުނެފިއެވެ.
އެ މައްސަލައިގެ ދައުވާ ކޮށްފައިވަނީ ލ.ގަން ތުނޑި، ކަޅައިދޫ، ފިނިހިޔާގެ މޫސާ އިނާޒު އަދި ލ.ގަން ތުނޑި، ލަވްސައިޑު، އަބްދުއްލަތީފު އިބްރާހީމުގެ މައްޗަށެވެ. ދެ މީހުން ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެ މީހުނަށްކުރާ ދައުވާއަކީ ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ދައުވާއެވެ.
މިއަދު ކްރިމިނަލް ކޯޓުގައި އެ މައްސަލައިގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވިދާޅުވީ، އިނާޒު އާއި އަބްދުއްލަތީފުގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން ހުށަހަޅަނީ އެއް ހުށައެޅުމެއް ކަމަށެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ޕޮލިސް އިންޓެލިޖެންސް ރިޕޯޓާއި ހެކި ރައްކާތެރި ނުވަތަ ސިއްރު ކުރުމުގެ އަމުރަކަށް އެދުން ހިމެނެއެވެ. ދައުލަތުން ވިދާޅުވީ، މި މައްސަލައިގައި ގައުމީ ސަލާމަތަށް ނުރައްކާ ވާ ކަންކަން ހުރުމުން، މައްސަލައާ ގުޅިގެން ހުށަހަޅާ ރިޕޯޓު ތަކުގައި ބަޔާންކޮށްފައިވާ ފަރާތްތަކުގެ މައުލޫމާތު ހާމަވުމަކީ އެ ފަރާތްތަކަށް އޮތް ނުރައްކަލެއް ކަމަށެވެ.
އެކަމާ ގުޅިގެން ދިފާއީ ވަކީލު ވިދާޅުވީ، މުޅި ރިޕޯޓު ސިއްރު ކޮށްގެން އޭނާގެ މުވައްކިލުންނާ ދެކޮޅަށް ބޭނުންކުރުމުގެ ބަދަލުގައި ޝަރުތުތަކާއެކު ކޯޓުގައި ތިބެ ރިޕޯޓު ދިރާސާ ކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށެވެ. އެއީ ދިފާއުން ހެކި ބިނާކުރުމަށް ޓަކއި މުހިންމު ރިޕޯޓުތަކަށް ވެސް ވެދާނެ ކަމަށެވެ.
ދިފާއުގެ ވާހަކަތަކާ ގުޅިގެން މައްސަލަ ބައްލަވާ ގާޒީ ސޮފްވަތު ހަބީބު ވަނީ ޝަރީއަތުން ކަނޑައަޅާ ޝަރުތުތަކާއެކު ރިޕޯޓު ދޫކޮށްފިނަމަ، އެކަމާ ގުޅިގެން ނުކުންނާނެ ނަތީޖާތަކާމެދު ދައުލަތާ ސުވާލުތަކެއް ކުރައްވައިފައެވެ. އެގޮތުން ކުރެއްވި ސުވާލަކީ ރިޕޯޓު ސިއްރުކޮށްފިނަމަ، ދިފާއު ވުމުގެ ހައްގަށް އުނިކަމެއް އަންނާނެތޯއެވެ. އެ ސުވާލާ ގުޅިގެން ދައުލަތުން ވިދާޅުވީ ގާޒީ ކަނޑައަޅާ ޝަރުތުތަކާއެކު، ޕޮލިސް އޮފިސަރުންގެ ނަން އުނިކޮށް ކޯޓުގައި ރިޕޯޓު ދިރާސާ ކުރުމުގެ ފުރުސަތު ދިނުމާމެދު އިއުތިރާޒު ނުކުރާ ކަމަށެވެ. އެ ޖަވާބާ ގުޅިގެން ގާޒީ ވިދާޅުވީ، އުނިކުރަން ބޭނުންވާ ޕޮލިސް އޮފިސަރުންގެ ނަން ޝަރީއަތަށް ހިއްސާކުރުމަށެވެ.
ދެން ކުރިއަށް ގެންގޮސްފައިވަނީ އިނާޒު އާއި އަބްދުއްލަތީފުގެ ފަރާތުން ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށެޅުންތައް ހުށަހެޅުމުގެ ބައެވެ. އެ ދެ މީހުންގެ ވަކީލު ވަނީ ތި ހުށަހެޅުމެއް ހުށަހަޅައިފައެވެ. އެ ހުށަހެޅުންތަކުގެ ތެރޭގައި ތަހުގީގީ މަރުހަލާގައި ތުހުމަތު ނުކުރާ ކުށެއްގެ މައްޗަށް ދައުވާކޮށްފައިވާ ކަމާއި، ގާނޫނާ ހިލާފަށް ހެކި ހޯދާފައިވުމާ ގުޅޭ ހުށަހެޅުންތައް ހިމެނެއެވެ.
އެކަންތައް ތަފްސީލު ކޮށްދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، ދައުލަތުން ކުރާ ދައުވާތަކާ ގުޅިގެން ފުލުހުން ގާނޫނީ އިންޒާރު ނުދޭ ކަމަށެވެ. އަދި ދައުވާ އުފުލިފައިވާ މައްސަލައިގެ ތުހުމަތު ފުލުހުން އެއްވެސް އިރަކު ކޮށްފައި ނުވާ ކަމަށެވެ. އެކަމާ ގުޅިގެން ދައުލަތުން ވިދާޅުވީ ތަހުގީގީ މަރުހަލާގައި ގާނޫނީ އިންޒާރުދިންކަން ލިޔެކިޔުންތަކުން އެނގޭ ކަމަށެވެ. ދައުލަތުން ވިދާޅުވީ، ފުލުހުން ތަހުގީގު ފަށާއިރު މައްސަލައިގައި ހިމެނޭ ފަރާތްތަކުގެ ފޯނުން ފެންނާނެ ތަކެތި އެނގިފައި ނެތުމަކީ ވެދާ ނެކަމެއް ކަމަށެވެ. އެގޮތުން ޓެރަރިޒަމްގެ އަމަލެއް ހިންގުމާއި، އެއާ ގުޅޭ ތުހުމަތުތަކެއް ކުރެވޭކަން ކޯޓު އަމުރުގައި ބަޔާން ކޮށްފައިވާ ކަމަށާއި ފޯނު ބަލައި ފާސްކުރިއިރު، މިހާރު އުފުލާފައިވާ ދައުވާއާ ގުޅޭ ތަކެތި އެމީހުންގެ ފޯނުން ފެނުމާއެކު، އެ ތުހުމަތާ ގުޅޭ ގާނޫނީ އިންޒާރު ދެވިފައިވާ ކަމަށް ދައުލަތުން ވިދާޅުވިއެވެ.
އެ ވާހަކަތަކަށް ރައްދު ދެއްވައި ދިފާއީ ވަކީލު އިތުރަށް ވިދާޅުވީ ކުށުގެ ތުހުމަތުގައި މީހަކު ހައްޔަރުކުރާއިރު ފުލުހުން ދޭން ޖެހޭ ގާނޫނީ އިންޒާރެއް އޮންނަ ކަމަށާއި، އޭނާގެ މުވައްކިލުން ހައްޔަރުކުރިއިރު ފުލުހުން ދީފައިވާ ގާނޫނީ އިންޒާރުގައި ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ގާނޫނީ އިންޒާރު ދީފައި ނުވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ލާޒިމުކޮށްފައިވާ ގޮތަށް، ހައްޔަރު ކުރާތާ 12 ގަޑިއިރުގެ ތެރޭގައި ލިޔުމުން ގާނޫނީ އިންޒާރު ދީފައި ނުވާ ކަން ފާހަގަ ކުރައްވައި ވަކީލު ވިދާޅުވީ ގާނޫނީ އިންޒާރު ދިނީ ޕޮލިސް ލޯންޗު ރޯކޮށްލި މައްސަލައިގައި ކަމަށެވެ.
މުވައްކިލުންނާ ދެކޮޅަށް ހެކި ހޯދީ ގާނޫނާ ހިލާފަށް ކަން ތަފްސީލު ކޮށްދެއްވަމުން ދިފާއީ ވަކީލު ވިދާޅުވީ، މައްސަލައާ ގުޅިގެން އެ ދެމީހުން ދިރިއުޅުނު ގެއިން ހެކި ހޯދުމަށް ހައްދުންމަތީ ގަމު މެޖިސްޓްރޭޓު ކޯޓުން ނެރުނު އަމުރުގައި މި ދައުވާއާ ގުޅޭ ތުހުމަތެއް ނެތް ކަމަށެވެ. އެހެންކަމުން އެ ސާޗު ވޮރެންޓު ބޭނުންކޮށްގެން ހޯދާފައިވާ ހެކިތައް ބަލައި ނުގަނެވޭނެ ކަމަށާއި އެއީ ގާނޫނާ ހިލާފަށް ހޯދި ހެކި ކަމަށެވެ. އެ އެއަށް ރައްދު ދެއްވައި ދައުލަތުން ވިދާޅުވީ ހައްދުންމަތީ ގަމު މެޖިސްޓްރޭޓު ކޯޓުން އަމުރު ނެރުނީ ޕޮލިސް ލޯންޗުގައި ރޯކޮށްލި މައްސަލައިގައި ކަމަށާއި، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރާ މީހެއް ކަމަށް ދޭހަވާ ފަދަ ލިޔުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުމުގެ ކުށުގެ ތުހުމަތުގައި ނޫން ކަމަށެވެ.
ދައުލަތުން ވިދާޅުވީ އެ އަމުރުގެ ދަށުން އިނާޒު އާއި އަބްދުއްލަތީފުގެ ފޯނުތަކާއި އެހެނިހެން ޑިވައިސްތައް ތަހުލީލުކުރުމުން ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރާ ފައިލްތަކެއް ފެނުމުން އެކަމުގެ ގާނޫނީ އިންޒާރުދީފައިވާނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ވާހަކަ ދައްކަވަމުން ދައުލަތުން ވިދާޅުވީ ބަލައި ފާސް ކުރުމުގެ ތެރޭގައި މީހެއްގެ ފޯނުން އޮރިޔާން ކާޑު ފެނިއްޖެނަމަ، ތަހުގީގު ކުރުމުގެ ބާރުގެ ތެރެއިން އެކަމާ ގުޅޭ ގާނޫނީ އިންޒާރުދީ އެކަމާ ގުޅޭ ދައުވާ ކުރުމަށް ފޮނުވުމަށް ހުރަހެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ހެކި ހޯދީ ގާނޫނާ ހިލާފަށް ކަމަށް ބުނެ ދިފާއުން ދައްކާ ވާހަކަ ގަބޫލު ނުކުރެވޭނެ ކަމަށެވެ.
ގާޒީ ސޮފްވަތު ހަބީބު އެ ވާހަކަތަކާ ގުޅިގެން ވިދާޅުވީ، ތުހުމަތު ކުރުމަކީ ހައްޔަރު ކުރާއިރު ތުހުމަތު ކުރުން އެކަނިތޯ ނުވަތަ ފަހުން އާ ތުހުމަތެއް ނުކުމެއްޖެނަމަ އޮންނާނެ ގާނޫނީ ފަރުވާއަކީ ކޮބައިތޯ ވިސްނާލަން ޖެހޭނެ ކަމަށެވެ. އެކަމަށް ގާނޫނު ތަން ނުދޭ ނަމަ، ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވޭނެ ކަމަށެވެ. މިސާލެއް ދައްކަވަމުން ގާޒީ ވިދާޅުވީ މީހެއްގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރުކުރާއިރު، ފުރަތަމަ ކުރެވޭނެ ތުހުމަތަކީ ގަސްތުގައި މީހަކު މެރުން ނަމަވެސް، ފަހުން އެއްޖިންސުން ގުޅުން ހިންގުން ފަދަ އިތުރު ކަންކަން ތަހުގީގުގެ ތެރެއިން ފާހަގަވެދާނެ ކަމަށެވެ. އެފަދަ ހާލަތްތަކުގައި ގާނޫނީ ގޮތުން އެކަން ކުރަން އޮންނަ ގޮތް ބަލަން ޖެހޭނެ ކަން ގާޒީ ވަނީ ފާހަގަ ކުރައްވައިފައެވެ.
އެ ވާހަކަތަކަށްފަހު މިއަދުގެ އަޑުއެހުން ވަނީ ނިންމާލައިފައެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުށައެޅުންތަކަށް ގޮތެއް ނިންމުން ކަމަށް ގާޒީ ވިދާޅުވިއެވެ.
މި މައްސަލައިގައި ދައުވާލިބޭ އިނާޒު ވަނީ ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި ވެސް ހައްޔަރުކޮށްފައެވެ. ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމްކުރިއެވެ. އެކަމަކު ފަހުން ވަނީ އޭނާއަށް މާފުދީ މިނިވަންކޮށްފައެވެ. ޖަލުގައި ހުރި އިރު އޭނާ ވަނީ އެކި ފަހަރު މަތީން ފިލަންވެސް މަސައްކަތްކޮށްފައެވެ.
މި މައްސަލައިގެ ދެން ދައުވާ ލިބޭ އަބްދުއްލަތީފު ވެސް ސަލްޓަން ޕާކުގައި ބޮން ގޮއްވާލި މައްސަލައިގައި ހައްޔަރުކުރި މީހެކެވެ. ދެހާސް ހަތް ވަނަ އަހަރު، ސެޕްޓެމްބަރު 29 ވަނަ ދުވަހު ސަލްޓަންޕާކްގައި ބޮން ގޮއްވާލި މައްސަލައާ ގުޅިގެން ތުހުމަތު ކުރެވޭ އަބްދުއްލަތީފު ވަނީ ރާއްޖޭއިން ފިލައިގެން ގޮސްފައެވެ. ޓޫރިސްޓުންގެ 12 މީހަކު ޒަހަމްވި ހަމަލާއާ ގުޅިގެން އޭނާ ހޯދުމަށް އިންޓަޕޯލް ރެޑް ނޯޓިސް ނެރެފައި ވަނިކޮށް ހައްޔަރު ކުރީ 2012 ވަނަ އަހަރުގެ އޮގަސްޓް ފަސް ވަނަ ދުވަހު ޕާކިސްތާނުން ރާއްޖެއަށް އޭނާ އައި ވަގުތު އެއާޕޯޓުންނެވެ.
އަބްދުއްލަތީފު މިހާރު ވެސް ގެންދަނީ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެއީ ލޯންޗުގައި ރޯކޮށްލި މައްސަލާގައި ތުހުމަތު ކުރެވުމުން އަބްދުއްލަތީފު ހައްޔަރުކުރަން ފުލުހުން ދިއުމުން ފޯނު ހަލާކު ކޮށްލައި ހެކި ނައްތާލުމުގެ ކުށުގައެވެ. އެނާގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.
ފުލުހުންގެ ލޯންޗުގައި ރޯކޮށްލާފައިވަނީ މިދިޔަ އަހަރުގެ މާޗު މަހު 22 ވަނަ ދުވަހުއެވެ. މި ހާދިސާގެ ޒިންމާ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓުން ވަނީ ނަގައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު