ޚަބަރު

ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކާއެކު ކަނޑުމަތީ އިހުތިޖާޖަކަށް

ރިފާ ހަލީލު

ކަންނެލި މަސްވެރިކަން ކުރަމުން އަންނަ ފަރާތްތަކާ މެދު ސަރުކާރުން އިހުމާލުވަމުންދާތީ އާއި އެ މީހުންގެ ކަންބޮޑުވުންތައް ބޮލާލައި ޖަހާތީ ކަމަށް ބުނެ އަންނަ ހުކުރު ދުވަހު ކަނޑުމަތީގައި އިހުތިޖާޖު ކުރުމަށް ބޮޑު ކަންނެލި މަސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން ތައްޔާރުވެއްޖެ އެވެ.

އަންނަ ހުކުރު ދުވަހަކީ ރާއްޖޭގައި ރަސްމީ ގޮތުން ފާހަގަކުރާ މަސްވެރީންގެ ދުވަހެވެ.

ބީކޭއެމްޔޫގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ނާޒިމް "ވަން" އަށް މިއަދު ވިދާޅުވީ ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް އަޅައިނުލާ ކަމަށެވެ. އަދި މަސްވެރިންގެ ކަންބޮޑުވުންތައް ކަމާގުޅޭ އިދާރާތަކުގެ ވެރިން ބޮލާލައި ޖަހަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އަންނަ ހުކުރު ދުވަހަކީ މިއަހަރުގެ މަސްވެރިންގެ ދުވަސް ކަމަށް ވުމުން މަސްވެރިންގެ ޝުއޫރުތަަކާއި ކަންބޮޑުވުންތައް އިއްވާލުމަށް ކަނޑުމަތީގައި އިހުތިޖާޖެއް ކުރަން ނިންމާފައިވާ ކަމަށެވެ. މިކަމުގައި މިހާތަނަށް 75 ދޯނިން ބައިވެރިވާން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް ފާޅު ކުރަން ވެގެން ކަނޑުމައްޗަށް އެއްވަނީ. މިއަށް އިހުތިޖާޖޭވެސް ކިއިދާނެ. އަޅުގަނޑުމެންގެ ޔޫނިއަންގަ ރަޖިސްޓްރީ ކޮށްފަ އެބަވޭ 100 ވަރަކަށް ދޯނި. އޭގެ ތެރެއިން 75 ދޯނިން މި އިހުތިޖާޖަށް ނިކުންނަ ގޮތަށް އަދި އިތުރު ދޯނިތައްވެސް ބައިވެރިވާނެ ކަމަށް ބެލެވެނީ." އޭނާ ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި އިހުތިޖާޖު ފަށާނީ ހުކުރު ދުވަހު މެންދުރު ފަހުން މާލޭ ސަރަހައްދުގެ ކަނޑު މަތީގައި ކަމަށެވެ. ނަމަވެސް އިހުތިޖާޖު ފަށާނެ ގަޑިއެއް އަދި ކަނޑައަޅާފައި ނުވާ ކަމަށް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ މަސްވެރިންގެ ދުވަހު އުފެއްދި ބީކޭއެމްޔޫ އަށް މިއަހަރުގެ މަސްވެރިންގެ ދުވަހު އަހަރު ފުރޭއިރު އެ ކުންފުނީގެ އިފްތިތާހީ ޖަލްސާވެސް ބާއްވާފައިވަނީ ކަނޑުމަތީގަ އެވެ.