ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފިއެވެ.
އުމަރު ނަސީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ 2015 ވަނަ އަހަރު ތެރޭގައި ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް އުމަރު ނަސީރާ ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ހަވާލުކުރި ކަމަށް ބުނާ މައްސަލައިގައެވެ. އެ މައްސަލަ އޭސީސީން ޕީޖީއަށް ފޮނުވާފައިވަނީ މިއަދެވެ.
އޭސީސީން މިއަދު ބުނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ހިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިއުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް އަމަލުކުރަމުންދާ އުސޫލުގެ ބޭރުން، އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ބެލުމުގެ ދަށުން އަދި އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސްގެ ހިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީވެސް އުމަރު ނަސީރާ ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށެވެ. އަދި އޭގެތެރެއިން ދެ ހިއްސާދާރުންނަކީ އުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވެސް އޭސީސީން ބުންޏެވެ.
"އެހެންކަމުން ސްޓެލްވާޓަކީ އުމަރު ނަސީރާ މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް. އެހެންނަމަވެސް ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް އުމަރު ނަސީރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއާގެ ގޮތުގައި އުމަރު ނަސީރު ބައިވެރިވެފައިވޭ،" އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ހިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައިވީ ނަމަވެސް މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާ ކަމަށެވެ. އަދި ތަކެތި ގަތުމާއި ހިދުމަތް ހޯދުމަށް މަސައްކަތާ ހަވާލުވާނެ ފަރާތެއް ކަނޑައަޅަން ވާނީ އަންދާސީ ހިސާބު ބަލައި ކޮމިޓީން އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށާއި ނަމަވެސް މި މަސައްކަތް މިނިސްޓްރީން އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމިޓީއަށް ހުށަހަޅާފައިނުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.
"ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި އުމަރު ނަސީރު ސޮއިކޮށް ފިނޭންސް މިނިސްޓްރީއަށް ސިޓީ ފޮނުވާފައިވާކަން ތަހުގީގަން ފާހަގަކުރެވޭ. އެހެންކަމުން ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފަށް ބިޑު ކޮމިޓީއަށް ހުށަނާޅައި މި މަސައްކަތް ސްޓެލްވާޓާ ހަވާލުކުރުމުގެ ޕްރޮސެސް ކުރިއަށް ގެންގޮސްފައި ވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަހުގީގުން ފާހަގަކުރެވޭ،" އޭސީސީން ބުންޏެވެ.
އޭސީސީން އިތުރަށް ބުނީ ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެ ކަމަށް ބަޔާންކޮށްފައިވާ 500,000 ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށް ކަމަށާއި އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީ ކަމަށެވެ. އެހެންކަމުން މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އުމަރު ނަސީރު، އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް، ސްޓެލެވާޓްއަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށްވެސް އޭސީސީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު