ޗައިނާގެ ބެއިޖިންގުގައި ބޭއްވުމަށް ހަމަޖެހިފައިވާ 2022 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް އެމެރިކާ އިން ބޮއިކޮޓުކޮށްފިއެވެ.

އެމެރިކާގެ ރައީސް ބައިޑެން އެޑްމިނިސްޓްރޭޝަނުން މި ނިންމުން ނިންމަވައި އެ ގައުމުގެ އެއްވެސް ސަފީރަކު ވިންޓަ އޮލިމްޕިކްސްގައި ބައިވެރި ނުވާނެ ކަމަށް އިއްޔެ ވަނީ އިއުލާނު ކުރައްވައިފައެވެ.

ޗައިނާގެ މުސްލިމުންނާ ދޭތެރޭ ހިންގާ ލާ އިންސާނީ ޖަރީމާތައް ކުށްވެރި ކުރުމުގެ ގޮތުން މިފަދައިން ކަންތައްކުރަން އުޅޭކަމުގެ އިޝާރާތެއް އެމެރިކާގެ ރައީސް ޖޯ ބައިޑެން މިދިޔަ މަހު ވަނީ ކުރައްވައިފައެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ޖެން ސާކީ ވިދާޅުވިގޮތުގައި މި ނިންމުން ނިންމާފައިވަނީ އިންސާނީ ހައްގުތަކާ ދެކޮޅަށް ޗައިނާގައި ހިންގާ ޖަރީމާތައް ކުށްވެރިކުރުމުގެ ގޮތުންނެވެ.

މިފަދައިން ނިންމި ނަމަވެސް އެމެރިކާގެ އެތުލީޓުން ވިންޓަ އޮލިމްޕިކްސްގައި ބައިވެރިވާނެ ކަމަށް ވައިޓްހައުސް އިން ބުނެއެވެ. އެމެރިކާއިން އޮލިމްޕިކްސްގައި ވާދަކުރުމަށް އެތައް އަހަރެއް ވަންދެން ތައްޔާރުވަމުން އައި އެތުލީޓުންގެ މަސައްކަތަށް މިމައްސަލައާ ގުޅިގެން ހުރަސް އެޅުމަކީ އެ ގައުމުން އެދޭ ގޮތް ނޫން ކަމަށާއި އެމެރިކާ އިން ވާދަކުރާ ޓީމުތަކަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގައިވެސް ސަލްކީ ވަނީ ވިދާޅުވެފައެވެ. މީގެ ކުރިން އެމެރިކާ އިން ވަނީ 1980 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް ވެސް ބޮއިކޮޓް ކޮށްފައެވެ.

2022ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް ބެއިޖިންގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު ދެން އޮންނަ 2028 ވަނަ އަހަރުގެ ވިންޓަ އޮލިމްޕިކްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާގެ ލޮސް އެންޖެލިސްގައެވެ.