ޚަބަރު

ފުއްގިރި ވިއްކާލީ 1.55 މިލިއަން ޑޮލަރަށް އިންޑިއާގެ ވިޔަފާރިވެރިންގެ ކުންފުންޏަކަށް!

1

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށްޓަކައި ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ބެހޭ މައުލޫމާތުތަކެއް ފެންޑޯރާ ޕޭޕާސްއިން ލީކުކޮށްލައިފިއެވެ.

ފުއްގިރި މައްސަލައިގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ރައީސް ޔާމީންގެ މައްޗަށް ވަނީ މަނީ ލޯންޑަރިން ކުށުގެ ދައުވާ އާއި ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އުފުލައިފައެވެ. އެ ދައުވާތަކުގެ ޝަރީއަތްތައް ކުރިމިނަލް ކޯޓުގައި ފަށައިގެން ކުރިއަށް އެބަ ދެއެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާ ގޮތުން ރައީސް ޔާމީން ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 (އެއް މިލިއަން އެއްލައްކަ ސަތާރަ ހާސް) އެމެރިކާ ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން އާއި ސަން އިންވެސްޓްމެންޓް ބޭނުންކޮށްގެން އެ ފައިސާ ލޯންޑާކުރުމަށްޓަކައި ފަށަލަކޮށްފައެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން 2015 ވަނަ އަހަރު ޓެންޑާނުކޮށް، ފުއްގިރި ވަނީ 1.55 މިލިއަން ޑޮލަރަށް ދުބާއީގެ ކްލާސިކް ސިޓީ އައިލޭންޑް ހޯލްޑިންގްސް ޕްރައިވެޓް ލިބިޓެޑަށް ކުއްޔަށް ދީފައެވެ. އަދި އެ ކުންފުންޏަކީ އިންޑިއާގެ ޕޫނޭއަށް ނިސްބަތްވާ ނުފޫޒު ގަދަ ޕްރޮޕަޓީ ޑިވެލޮޕަރެއް ކަމަށްވާ އަވިނާޝް ބޯސްލޭ އާއި އިންޑިއާގެ އިތުރު ވިޔަފާރިވެރިއެއް ކަމަށްވާ އަމިތު ކުމާރު ގާންދީގެ ޕާޓްނާޝިޕް ކުންފުންޏެކެވެ. ބޮސާލޭގެ އާއިލީ ވިޔަފާރިން މި ކުންފުނީގެ 50 ޕަސެންޓް ހިއްސާވެ 8.5 މިލިއަން ޑޮލަރު އިންވެސްޓްކޮށްފައިވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ޕީޖީން ތުހުމަތުކޮށްފައިވާ 1.1 މިލިއަން ޑޮލަރު ޔާމީނަށް ލިބިފައިވަނީ ބްރިޓިޝް ވާޖިން އައިލޭންޑްސް ކޮމްޕެނީގެ އެނޯނިމަސް ކުންފުންޏެއް ކަމަށްވާ އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕް ލިމިޓެޑުން ޔާމީންގެ އެސޯސިއޭޓެއްގެ އެކައުންޓަށް ޖަމާކުރުމަށްފަހު، ފަހުން ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްގެން ކަމަށް ޕެންޑޯރާ ޕޭޕާސްގައި ބުނެފައިވެއެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން އޭ އެންޑް އޭ ހޯލްޑިންގްސް ގްރޫޕްގެ ވެރިފަރާތަކީ ކްލާސިކް ސިޓީ އައިލޭންޑް ހޯލްޑިންގްސްގެ އެއް ހިއްސާދާރު ކަމަށްވާ އަމިތު ކުމާރު ގާންދީ އާއި އޭނާގެ ބޭބެ އަވިނާޝް ކުމާރު ގާންދީގެ ކުންފުންޏެކެވެ.

ޕެންޑޯރާ ޕޭޕާސްގައިވާ ގޮތުން އަވިނާޝް ބޯސްލޭ އާއި އޭނާގެ ކޮއްކޮ އަމިތު ބޯސްލޭގެ މަނީލޯންޑަރިންގެ ދެ ކޭސްއެއް މިހާރުވެސް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަންނަނީ ތަހުގީގު ކުރަމުންނެވެ.