ރާއްޖޭގެ މާލީ ނިޒާމުގެ ބާރުވެރިކަން މިހާރު އޮތީ އިންޑިއާގެ އަތުގައި ކަމަށް ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ޝިޔާމް ވިދާޅުވީ، މިހާރު އޮތް ސަރުކާރުން ހުރިހާ ކަމެއްގައިވެސް އިންޑިއާއަށް ބަރޯސާ ވާ ކަމަށެވެ. އަދި ރާއްޖޭގެ އިގްތިސޯދީ ހާލަތުގެ ނާޖާއިޒު ފައިދާ އިންޑިއާއިން ނަގަމުންދާ ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.
ޝިޔާމް ވިދާޅުވީ، އިންޑިއާއިން ބުނާ ކޮންމެ ގޮތެއް ހެދުމަށް މިހާރު އޮތް ސަރުކާރަށް މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން ހުރިހާ ކަމެއްވެސް ކުރަމުންދަނީ ފަހަތު ފަޔަށް ބުރެވެ ތިބެ ކަމަށެވެ.
ޝިޔާމް ވިދާޅުވީ، ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެޔަށް އިންޑިއާ ވަންނަމުންދާ ކަމަށާއި ރާއްޖޭގެ މާލީ ނިޒާމުގެ ބާރުވެރިކަންވެސް މިހާރު އޮތީ އިންޑިއާ އަތުގައި ކަމަށެވެ.
"މިތަނަށް އެހީތެރިކަމެއް ފޯރުކޮށްދޭން ވިޔަސް، މިތަނަށް އިންވެސްޓްމެންޓެއް ކުރަން ވިޔަސް މިޖެހެނީ އިންޑިއާގެ ހުއްދަ ހޯދަން. މި ދިވެހިރާއްޖޭގެ ބާރުވެރިކަމެއް އަޅުގަނޑުމެންގެ މުޅި މާލީ ނިޒާމަށްވެސް ނެތީމާ މިތަނަށް ބޯހިޔާވަހިކަމަކަށް ނޫން ބުރިޖަކަށްވެސް ނޫން، އަދި ޓޫރިޒަމަށްވެސް އިންވެސްޓް ކުރާނެ ބަޔަކު ނުވާނެ. ރާއްޖޭގެ މާލީ ނިޒާމުގެ ބާރުވެރިކަން ހަގީގަތުގައި މިހާރު އޮތީ އިންޑިއާ އަތުގައި" ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖެ އަޅުވެތިކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި މިހާރު އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވިއްޖެނަމަ އިންޑިއާގެ އަޅުވެތިކަމަށް ރާއްޖެ ދާން މާ ދުވަހެއް ނެތް ކަމަށެވެ.