ޖިންސީ ކުށުގެ ފޮރެންސިކް ތަހުލީލުކުރުމަށް ހާއްސަ ކުރެވިފައިވާ "ރޭޕް އެވިޑެންސް ކިޓް" ބޭނުންކުރަން ލާޒިމުކޮށް ޖިންސީ ކުށުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.
އެ ބިލަކީ ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސެއިން ހުށަހެޅުއްވި ބިލެކެވެ. އެ ބިލް ފާސްކޮށްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިން ވަނަ ދައުރުގެ 44 ވަނަ ޖަލްސާގައެވެ. މި ބިލު މަޖިލީހުން ފާސްކުރީ ޖަލްސާގައި ތިއްބެވި 56 މެންބަރުންގެ ތެރެއިން 52 މެންބަރުން ވޯޓު ދެއްވައިގެންނެވެ.
ގާނޫނުގެ ހަވަނަ މާއްދާއަށް މި ބިލުން ގެނެސްފައިވާ އިސްލާހުތަކުގެ ތެރޭގައި ދެމަފިރިން ކަމުގައި ނުވާ ދެ މީހުންގެ މެދުގައި ނުވަތަ ދެމަފިރިންގެ މެދުގައި މީހެއްގެ ޖިންސީ ގުނަވަނެއް އެހެން މީހެއްގެ ޖިންސީ ގުނަވަނަކަށް ނުވަތަ ޖިންސީ ގުނަވަން ނޫން ގުނަވަނަކަށް ކިތަންމެ ކުޑަ މިންވަރަކަށް ނަމަވެސް އެމީހެއްގެ ރުހުމާ ނުލައި ވެއްދުމަކީ ރޭޕް ކަމަށް ވަނީ ކަނޑައަޅައިފައެވެ.
މިހާރު ގާނޫނުގައި ރޭޕް ކުރުމަށް ކަނޑައަޅާފައި ވަނީ ދެމަފިރިން ކަމުގައިނުވާ ދެމީހުންގެ ދެމެދުގައި ހިންގާ އެފަދަ އަމަލެވެ.
ދެމަފިރިންގެ މެދުގައި ހިނގާ ކަންތައްތައް ޖިންސީ އަނިޔާގެ އަމަލުތަކުގެ ގޮތުގައި ގާނޫނުގައި ހިމަނާފައި ނުވާތީ އެބައިވެސް މި ބިލުން ވަނީ ގާނޫނަށް އިތުރުކޮށްފައެވެ. އަދި ދެމަފިރިންގެ ދެމެދުގައި ހިނގާ ކަންތައްތަކުގެ ތެރޭގައި ޖިންސީ ގޯނާގެ އަމަލުތައް ހިމެނޭ ކަމަށް ކަނޑައަޅައި އެކަންތައްވެސް ވަނީ ތަފުސީލު ކޮށްފައެވެ.
ރޭޕް ކުރުމާއި ޖިންސީ އަނިޔާ ހިންގާ މައްސަލަތަކުގެ ތަހުގީގުގައި ކުށުގެ ޝިކާރައަކަށްވާ ފަރާތުގެ ހަށިގަނޑާއި އަންނައުނުން ސާމްޕަލް ނަގައި، އެ ސާމްޕަލްގެ ފޮރެންސިކް ތަހުލީލު ކުރުމަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ. އަދި އެ ތަހުލީލުތަކުގައި "ރޭޕް އެވިޑެންސް ކިޓް" ބޭނުންކުރުމަށްވެސް ހިމަނާފައިވެއެވެ.
ސަރުކާރުގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތަކަށާއި ހޮސްޕިޓަލުތަކަށް ރޭޕް އެވިޑެންސް ކިޓް ލިބޭނެ އިންތިޒާމު ސަރުކާރުގެ ފަރާތުން ހަމަޖައްސަންވާނެ ކަމަށާއި ރޭޕް އެވިޑެންސް ކިޓް ބޭނުންކޮށްގެން ސާމްޕަލް ނެގުމަށް އެއްވެސް އަގެއް ނަގައިގެން ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ. އެގޮތަށް ނެގޭ ސާމްޕަލަކީ ހެއްކެއްކަމުން ސާމްޕަލް ނެގުމުގައި އަމަލުކުރާނެ އުސޫލެއް މި ގާނޫނަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ފުލުހުންގެ އެކުލަވާލަންވާނެ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން ކުށުގެ ޝިކާރައަކަށްވި ފަރާތް މާބަނޑުވެދާނެ ކަމަށް ނުވަތަ މާބަނޑުވެފައިވާ ކަމަށް ޑޮކްޓަރަކަށް ފާހަގަކުރޭ ހާލަތްތަކުގައި މާބަނޑުވުމުން ރައްކާތެރިކަން ހޯދުމަށް ދޭންޖެހޭ ފަރުވާ، އެ ފަރާތަކަށް ފޯރުކޮށްދޭންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު