ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓި އަމުރާމެދު މިއަދު ހަވީރު ގޮތެއް ކަނޑައަޅާ ގޮތަށް ހަމަޖައްސައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ވަނީ ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ އެ މައްސަލައިގެ އަޑުއެހުން ބާއްވައިފައެވެ. މިއަދުގެ އަޑުއެހުމުގައި ދައުލަތުން އެދުނީ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރު ދަމަހައްޓައިދިނުމަށެވެ. އެއީ ރައީސް ޔާމީނު ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކި ލިބިފައިވުމުގެ އިތުރުން އެހެން ކަންތައްތަކަށް ރިއާޔަތްކޮށެވެ.

ރައީސް ޔާމީނުގެ ވަކީލުން އެދުނީ ދައުލަތުން ޕާސްޕޯޓު ހިފަހައްޓަން އެދުނު ފޯމުގައި ބަޔާން ކޮށްފައިވާ ކަންކަން ދިރާސާ ކުރުމަށް ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އެދޭ ކަމަށެވެ.

އަޑުއެހުމުގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑު ތުހުމަތެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއް ކަމަށާއި އެމަނިކުފާނު ފިލަން އެއްވެސް އިރަކު ހިތަށް ވެސް ނުގެންނަވަނީސް ފުލުހުންނަށް ހެކި ލިބުނު ގޮތް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، މި މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ހަވީރު 4:00 ޖަހާއިރު ކަމަށެވެ. އެއީ މި މައްސަލައާ ގުޅިގެން ދެން ދައުވާކޮށްފައިވާ އަހުމަދު ކްރިކު ރިޒާގެ މައްސަލަ ބެލުމަށްފަހުއެވެ.

ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދި ކަމަށް ދައުލަތުން ތުހުމަތުކޮށް، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެންނެވެ.