ފިލަން ހިތަށްވެސް ނާރަނީސް ފިލަން އުޅޭކަމުގެ ހެކި ފުލުހުންނަށް ލިބުނު ގޮތް ބަލަން ބޭނުންވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިދިޔަ މަހުގެ 30 ވަނަ ދުވަހު ވަނީ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ބާތިލު ކޮށްފައެވެ. އެ މައްސަލަ ބާތިލުކުރުމާއެކު ފުލުހުން ވަނީ ރައީސް ޔާމީން ފުރުން މަނާ ކުރުމަށް ޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. ކްރިމިނަލް ކޯޓުން ވަނީ ފުލުހުން އެދުނު ގޮތަށް އަމުރު ނެރެދީފައެވެ.
މިއަދު ވަނީ އެ އަމުރުގެ މުއްދަތު ހަމަވާތީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވަައިފައެވެ. އެ އަޑުއެހުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެ ތުހުމަތެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއް ކަމަށާއި އެމަނިކުފާނު ފިލަން އެއްވެސް އިރަކު ހިތަށް ވެސް ނުގެންނަވަނީސް ފުލުހުންނަށް ހެކި ލިބުނު ގޮތް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.
ދައުލަތުން ކޯޓުގައި އެދުނީ ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ނެރެފައިވާ އަމުރު ދަމަހައްޓައިދިނުމަށެވެ. އަދި އަމުރު ދަމަހައްޓަން ޖެހޭ ސަބަބުތައް ވެސް ދައުލަތުން ބުންޏެވެ. އެ ސަބަބުތަކުގެ ތެރޭގައި ރައީސް ޔާމީނު ރާއްޖެ ދޫކޮށް ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށާއި، ޔާމީނަކީ ރައީސް ކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މާލީ ހާލަތާއި ވަސީލަތްތައް ހަމަޖެއްސޭނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ވެސް ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނެ ކަމަށެވެ.
ރައީސް ޔާމީނުގެ ވަކީލުން އެދިފައިވަނީ ދައުލަތުން ޕާސްޕޯޓު ހިފައްޓަން އެދުނު ފޯމުގައި ހުރި ކަންކަން ދިރާސާކުރަން ދެ ހަފުތާގެ މުއްދަތެއް ދިނުމަށެވެ. ނަމަވެސް އެއީ މާ ދިގު މުއްދަތެއް ގާޒީ ވަނީ ވިދާޅުވެފައެވެ.
އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ހަވީރު 4:00 ޖަހާއިރު ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު