ޚަބަރު

ރައީސް ޔާމީން ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކިވަނީ ލިބިފައި: ދައުލަތް

މުހައްމަދު އިޝާން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ރާއްޖެ ދޫކޮށް ދާން އުޅޭ ކަމުގެ ހެކި ލިބިފައިވާ ކަމަށް ދައުލަތުން ބުނެފިއެވެ.

ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓި އަމުރުގެ މުއްދަތު ހަމަވާތީ މިއަދު ވަނީ ކްރިމިނަލް ކޯޓުގައި އަޑުއެހުމެއް ބާއްވައިފައެވެ.

ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފެހެއްޓީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި އެމަނިކުފާނު މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު ހޯދި ކަމަށް ދައުލަތުން ތުހުމަތުކޮށް، އެ ފައިސާ ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން ލޯންޑާ ކުރި ކަމުގެ ތުހުމަތުގައި ރައީސް ޔާމީނުގެ މައްޗަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެންނެވެ.

ދައުލަތުން ވަނީ މިދިޔަ ޖޫން 28 ވަނަ ދުވަހު މަނީ ލޯންޑަރިންގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް އުފުލައިފައެވެ.

ކްރިމިނަލް ކޯޓުގައި ވާހަކަ ދައްކަމުން ދައުލަތުން ވަނީ ފުރުން މަނާކުރުމުގެ އަމުރު ދަމަހައްޓަން ފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތައް ކިޔައީދީފައެވެ. އެ ސަބަބުތަކުގެ ތެރޭގައި ރައީސް ޔާމީނު ރާއްޖެ ދޫކޮށް ދާން އުޅޭކަމުގެ ހެކި ލިބިފައިވާ ކަމަށާއި، އަދި ޔާމީނަކީ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކަށް ވުމުން، ރާއްޖެއިން ބޭރުގައި ދިރިއުޅެވޭނެ މާލީ ހާލަތާއި ވަސީލަތްތައް ހަމަޖެއްސޭނެ ކަމަށެވެ. އަދި މައްސަލައިގެ ބާވަތުން ވެސް ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ޖެހޭނެ ކަމަށެވެ.

އެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަބްދުﷲ ޝިޔާޒު ވިދާޅުވީ، ރައީސް ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ދައުލަތުން އެދިގެން ފުލުހުން ކޯޓުގައި އެދުނު ހިސާބުން ފެށިގެން ޕާސްޕޯޓު ހިފަހައްޓަން ކޯޓަށް ހުށަހެޅި ފޯމު ހޯދަން މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެ ފޯމު ލިބުނީ މިއަދު ކޯޓަށް ހާޒިރު ވެ ތިއްބައި 9:15 އެހާކަންހާއިރު ކަމަށެވެ. ޝިޔާޒު ވިދާޅުވީ ފޯމުގައި ބަޔާންކޮށްފައިވާ ކަންކަން ދިރާސާ ކުރުމަށް ދެ ހަފުތާގެ ވަގުތު ބޭނުންވާނެ ކަމަށެވެ.

ނަމަވެސް ދައުލަތުން ވަނީ ދެ ހަފުތާގެ މުއްދަތެއް ދިނުމަށް އިއުތިރާޒު ކޮށްފައެވެ. ދައުލަތުން ވިދާޅުވީ، ފޯމުގައި ހުރި ވާހަކަތަކުގެ އިތުރުން އެހެން އެއްވެސް އެއްޗެއް ދިރާސާ ކުރަން ނުޖެހޭނެ ކަމަށެވެ. އެހެންކަމުން ދިފާއުން އެދުނު މުއްދަތު ދިނުން ރަނގަޅު ނޫން ކަމަށެވެ.

މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލު ވިދާޅުވީ، ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރު ދަމަހައްޓަން އެދުނު ފޯމުގައި އޮތީ ދެތިން ވަރަކަށް ގަނޑު ކަމަށެވެ. އެހެންކަމުން ދެ ހަފުތާގެ މުއްދަތަކީ މާ ދިގު މުއްދަތެއް ކަމަށެވެ.

ގާޒީގެ ވާހަކަތަކާ ގުޅިގެން ރައީސް ޔާމީނުގެ އިސްވަކީލު ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ، މީ ޖިނާއީ މައްސަލައަކަށް ވުމުން، މައްސަލައިން ދިފާއު ވުމަށް އެކަށީގެން ވާ ވަގުތު ލިބިދޭން ޖެހޭ ކަމަށް ގާނޫނޫގައި އޮންނަ ކަމަށާއި، އެހެން ނޫނީ އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ކަމަށެވެ. އަދި ވިދާޅުވީ، ދިރާސާ ކުރަން ޖެހެނީ ހަމައެކަނި ފޯމުގައި ހުރި ކަންކަން ނޫން ކަމަށާއި، މިއަދުގެ ޝަރީއަތުގައި ދައުލަތުން ހަވަލާ ދެއްވި ސުޕްރީމް ކޯޓުގެ ގަޒިއްޔާތައް ވެސް ދިރާސާ ކުރަން ޖެހޭނެ ކަމަށެވެ.

ޑރ. ޖަމީލުގެ ވާހަކަތަކާ ގުޅިގެން ވެސް ގާޒީ ވިދާޅުވީ ދެ ހަފުތާގެ މުއްދަތު މާ ދިގު ކަމަށެވެ. ވާހަކަ ދެއްކުމުގެ ފަހު ފުރުސަތުގައި ދައުލަތުން ވިދާޅުވީ، މިއަދުގެ އަޑުއެހުމަކީ ޕާސްޕޯޓު ހިފަހައްޓަން ނެރުނު އަމުރުގެ މުއްދަތު ހަމަވާތީ ދުރާލައި އަންގައިގެން ބާއްވާ ޝަރީއަތެއް ކަމަށެވެ. އަދި ދިފާއުން ކޯޓަށް ހާޒިރުވާން ޖެހޭނީ މައްސަލައަށް ފުރިހަމައަށް ތައްޔާރުވެގެން ކަމަށެވެ. އިތުރަށް ދައުލަތުން ވިދާޅުވީ ކުޑަ ވަގުތުކޮޅަށް ޝަރީއަތް މެދުކަނޑާލައި ދިފާއަށް ދިރާސާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު އަލުން ޝަރީއަތް ފަށައި މައްސަލައިގެ ގޮތެއް ކަނޑައަޅަން ޖެހޭނެ ކަމަށެވެ.

އެކަމާ ގުޅިގެން ރައީސް ޔާމީންގެ ވަކީލުންގެ ޓީމުން ޝިޔާޒު ވިދާޅުވީ، މިއަދު ޝަރީއަތުގެ ވާހަކަ ދުރާލައި އެންގި ކަމަށް ދައުލަތުން ވިދާޅުވާއިރު މި ޝަރީއަތަކީ އާ އަމުރަކަށް އެދެން ބާއްވާ ޝަރީއަތެއް ކަން ނޫނީ ކުރިން ނެރުނު އަމުރު ދަމަހައްޓަން ބޭއްވި އަޑުއެހުމެއްކަން ވެސް ނޭނގޭ ކަމަށެވެ. ދައުވާ ލިބޭ ރައީސް ޔާމީނު ވިދާޅުވީ، އެމަނިކުފާނު ފިއްލަވާނެ ކަމުގެ ހެކި ހުރިކަމަށް ފުލުހުންނާ ހަވާލާދީ ދައުލަތުން ބުނާއިރު، އެއީ ބޮޑެ ތުހުމަތެއް ކަމަށާއި، އެ ހެކިތައް ބައްލަވަން ބޭނުންފުޅުވާ ކަމަށެވެ. ފުލުހުން ކޮށްފައި އެވަނީ ކޮށްގެން ނުވާނެ ކަހަލަ ތުހުމަތެއް ކަމަށާއި އެމަނިކުފާނު ފިލަން އެއްވެސް އިރަކު ހިތަށް ވެސް ނުގެންނަވަނީސް ފުލުހުންނަށް ހެކި ލިބުނު ގޮތް އެނގިވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށެވެ.

ދެ ފަރާތުން ދެއްކި ވާހަކަތައް އަޑުއެއްސެވުމަށް ފަހު ގާޒީ ޝަކީލު ވިދާޅުވީ މި މައްސަލައިގައި ގޮތެއް ކަނޑައަޅާނީ ހަވީރު 4:00 ޖަހާއިރު ކަމަށެވެ. އެއީ މި މައްސަލައާ ގުޅިގެން ދެން ދައުވާކޮށްފައިވާ އަހުމަދު ކްރިކު ރިޒާގެ މައްސަލަ ބެލުމަށްފަހުއެވެ.