ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންނާ ދެކޮޅަށް ހިންގާ ހަރާކަތް އަތޮޅުތަކުގައި ފުޅާކުރުމަށް އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީނު ގޮވާލައްވައިފިއެވެ.

ޕީޕީއެމް އޮފީހުގައި ޔާމީނު މިރޭ ވަނީ މާލޭގައި ތިބި އެ ކޯލިޝަނަށް ނިސްބަތްވާ ރަށްރަށުގެ ކައުންސިލަރުންނާއި ސްޓިއަރިން ކޮމިޓީތަކުގެ މެމްބަރުންގެ އިތުރުން ބައެއް ރަށްރަށުގެ އިސްވެރިންނާ ބައްދަލުކުރައްވައިފައެވެ.

އެ ބައްދަލުވުމުގައި ޕާޓީގެ ހަރަކާތްތައް ރަށްރަށުގައި ވަރުގަދަ ކުރުމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމާ ދެކޮޅަށް ކުރިއަށްގެންދާ ކެމްޕޭނު ހަރަކާތްތައް އަތޮޅުތަކުގައި ފުޅާކުރުމަށް ޔާމީނު އެދިވަޑައިގެންނެވި ކަމަށް ކޯލިޝަންގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެ ރޭ އެ ކޯލިޝަނުން ކާނިވަލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވެސް ޔާމީނު ވަނީ އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަދައްކަވައިފައެވެ.

އެ ޖަލްސާގައި ޔާމީނު ވިދާޅުވެފައިވަނީ، ރާއްޖޭގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ. ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަނީ މިހާރު އޮތް ސަރުކާރުގެ ހިޔާނާތްތެރި ރޭވުމެއްގެ ދަށުން ކަމަށް ވެސް ޔާމީނު ވަނީ ވިދާޅުވެފައިއެވެ.

"އަޅުގަނޑުމެން ބޭނުމެއް ނުވެއޭ އިންޑިއާ ސިފައިންގެ އެންމެ ބޫޓު ޖޯޑެއްވެސް މިގައުމުގައި ހުންނާކަށް،" ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ، އެމަނިކުފާނުގެ އިސްނެންގެވުމަށް ފެއްޓެވި ކެމްޕެއިނެއްކަން ފާހަގަކުރައްވައި، ވިދާޅުވެފައިވަނީ، އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ކަމަށާއި ދިވެހިރާއްޖޭގެ އަމަނުގެ ތަޅުދަނޑި މިހާރު އޮތީ އިންޑިއާ އަތުގައި ކަމަށެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވެފައިވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްފައިވާކަން ޑިފެންސް މިނިސްޓްރީގެ ރެކޯޑުތަކުން އެނގޭނެ ކަމަށެވެ.