ޕީއެސްޖީގައި ލިއޮނަލް މެސީއަށް ކުޅެން އުނދަގޫވާ އެއް ސަބަބަކީ ފްރާންސުގެ މޫސުން މާ ބޮޑަށް ފިނިވުމުން ކަމަށް ކުރިން މެސީއާއެކު ބާސެލޯނާގައި ކުޅުނު ލުއިސް ސުއަރޭޒް ބުނެފިއެވެ.
މެސީގެ އެންމެ ގާތް އެއް ރަހުމަތްތެރިޔާ ސުއަރޭޒް ބުނެފައިވަނީ ޕެރިހުގެ މޫސުމަށް ހޭނެން މެސީއަށް އުނދަގޫތަކަކާ ކުރިމަތިވެފައިވާ ކަމަށާއި، މާ ބޮޑަށް ފިނިކަމުން މެސީއަށް ކުޅެން އުނދަގޫވާ ކަމަށެވެ.
"ފްރާންސުގެ ހޫނުމިނަށް މެސީ އަދި ނުހޭނޭ. އަހަރެން މެސީއާ އަބަދުވެސް ވާހަކަދައްކަން. ފްރާންސް ވަރަށް ބޮޑަށްވެސް ފިނިކަމަށް މެސީ ބުނަނީ. ސްނޯ ފައިބާ އަދި ފިނި މެޗުތަކުގައި މެސީއަށް ކުޅެން ވަރަށް އުނދަގޫވޭ. އެކަމާ ހުރެ މެސީއަށް ވަރަށް ބޮޑެތި އުނދަގޫތަކާ އެބަ ކުރިމަތިވޭ،" ސުއަރޭޒް ބުންޏެވެ.
މި ސީޒަނަށް ޕީއެސްޖީއާ މެސީ ގުޅުނީ ހިލޭ ޓްރާންސްފާއެއްގައެވެ. ބާސާގައި 21 އަހަރު ހޭދަކުރުމަށްފަހު މެސީ ޕީއެސްޖީއަށް ދިޔައީ ބާސާގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އެކަމަށް މަޖުބޫރުވެގެންނެވެ. މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ޕީއެސްޖީއާ ގުޅުނުފަހުން އަދި މިހާތަނަށް އެކަށޭނެ ކުޅުމެއް ދެއްކިފައެއް ނުވެއެވެ.
މިހާތަނަށް ޕީއެސްޖީ ޖާޒީގައި އޭނާ ކުޅުނު ހަތް މެޗުގައި އޭނާއަށް ޖެހުނީ އެންމެ ހަތަރު ގޯލެވެ. އޭގެ ތެރެއިން ތިން ގޯލު ޗެމްޕިއަންސް ލީގުގައި ޖެހި އިރު، ލީގުގައި މެސީއަށް އަދި ޖެހުނީ އެންމެ ގޯލެކެވެ. ގޯލު ނުޖެހުނު ނަމަވެސް މެސީ ވަނީ ވަނީ ލީގުގައިވެސް ގިނަ ގޯލުތަކަކަށް އެސިސްޓް ކޮށްދީފައެވެ.
އުމުރުން 34 އަހަރުގެ ފޯވަޑް މެސީއާއެކު ޕީއެސްޖީން ހާސިލުކުރަން ބޭނުންވާ އެންމެ ބޮޑު ޓާގެޓަކީ ޗެމްޕިއަންސް ލީގު ހޯދުމެވެ. އެ ފެންވަރުގެ ޓީމެއް ޕީއެސްޖީގައި އޮތް ނަމަވެސް އެޓީމުގެ ފަރާތުން އަދި އެންމެ އެކަށޭނެ ކުޅުމެއް ފެނިފައެއް ނުވެއެވެ. ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު މެޗުތަކުގައިވެސް ޕީއެސްޖީ ފެނުނީ އެންމެ ރަނގަޅު ފޯމުގައެއް ނޫނެވެ.
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ
ލިއޮނެލް މެސީ