ރިޝްވަތު ދިނުމަށް ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމަށް އެހީތެރިވުމާއި، އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާއިން މަނީލޯންޑާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި މއ. ކުރިކީލަހިޔާ، އަހުމަދު ކްރިކް ރިޒާގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުހުމެއް މާދަމާ ބާއްވަން ކުރިިނަލް ކޯޓުގައި ތާވަލުކޮށްފިއެވެ.

މި ދެ މައްސަލައިގެ އަޑުއެހުން ތާވަލުކޮށްފައިވަނީ މާދަމާ މެންދުރުފަހު 1:00 އަށެވެ.

އެ ދެ ދައުވާގެ ތެރެއިން އެއް ދައުވާއަކީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ހަތްވަނަ މާއްދާގެ (ހ)އާ ހަވާލާދީ، އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ދިނުމުގައި މެދުވެރިއަކަށްވުމުގެ ކުށުގެ ދައުވާއެވެ. އަނެއް ދައުވާއަކީ، މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ (ހ)ގެ (3) ވަނަ ނަންބަރާ ހަވާލާދީ، އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ)ގެ ދަށުން ކުރާ މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

އޭނާގެ މައްޗަށް މި ދައުވާތައް ހުށަހަޅާފައިވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ރ. ފުއްގިރި ކުށްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އަހުމަދު ކްރިކް ރިޒާ މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1.1 މިލިއަން ޑޮލަރު ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ މަނީ ލޯންޑާ ކުރިކަމަށް ބުނާ މައްސަލައިގައެވެ.

މި ދެ މައްސަލައިގައިވެސް ކޯޓުގައި ކުރިއަށްދަނީ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމާ ބެހޭ މަރުހަލާއެވެ.

މިދިޔަ ބުރާސްފަތި ދުވަހު މި ދެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާ އިރު، އެ ދުވަހުގެ އަޑުއެހުމުގައި އޮތީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ދައުލަތުން ހާމަކުރުމެވެ. ނަމަވެސް އެ ދުވަހުގެ ޝަރީއަތް ފެށުން ވަރަށް ބޮޑަށް ލަސްވުމާ ގުޅިގެން ކުރިކުގެ ފަރާތުން ހުށަހަޅަންޖެހޭ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ދިނުމަަށް އޭނާގެ ވަކީލުން ތަކުރާރުކޮށް އެދުމުން ކުރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލު އެހެން ދުވަހަކަށް އެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކުރަން ނިންމަވައި އެދުވަހުގެ އަޑުއެހުން ނިންމަވައިލެއްވިއެވެ.

ރ. ފުއްގިރި ދޫކުރުމުގައި ހިޔާނާތް އެކުލެވޭކަމަށް ބުނާ މައްސަލައިގައި، ރައީސް ޔާމީންގެ މައްޗަށްވެސް ދެ ދައުވާއެއް ވަނީ ކޮށްފައެވެ. އެ ދެ ދައުވާގެ އަޑުއެހުމެއްވެސް މާދަމާއަށް ވަނީ ތާވަލުކޮށްފައެވެ.

މަނީ ލޯންޑްރިން އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގައި ކުރާ މި ދެ ދައުވާގެ އަޑުއެހުން ތާވަލުކޮށްފައި ވަނީ މާދަމާ ހެނދުނު 9:00 އަށެވެ.