ކޮވިޑަށް ފަރުވާ ދެމުން އަންނަނިކޮށް އިތުރު މީހަކު މަރުވެ، ރާއްޖެއިން މަރުވި މީހުންގެ ޖުމުލަ އަދަދު 254 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުންދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނަކު މިއަދު ހެނދުނު 6:29 ގައި މަރުވެފައިވާ ކަމަށެވެ.
އެ މަރަކީ މިމަހުގެ ހަތަރު ވަނަ މަރެވެ. އެގޮތުން އިއްޔެވެސް އެބަލީގައި ދެ މީހަކު މަރުވެފައިވެއެވެ.
އެއީ ދ. ކުޑަހުވަދޫ ހޮސްޕިޓަލުގައި ކޮވިޑަށް ފަރުވާ ދެމުންދިޔަ އުމުރުން 93 އަހަރުގެ ދިވެހި ފިރިހެނަކާއި ހއ. ތުރާކުނުން އެ ބައްޔަށް ފަރުވާ ހޯދަމުންދިޔަ 92 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއަދުގެ މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދު ވަނީ 254 އަށް އަރައިފައެވެ. މިހާތަނަށް މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 237 ދިވެހީންނާއި 17 ބިދޭސީންނެވެ.
މި ބަލީގައި ރާއްޖެއިން އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު 13 މީހަކު މަރުވެފައިވެއެވެ.
ކޮވިޑުގައި ރާއްޖެއިން އެންމެ ފުރަތަމަ މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު