އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ވޮޓްފޯޑު ކައިރިން ހޯދި މޮޅާއެކު މެންޗެސްޓާ ސިޓީ ލީގު ތާވަލުގެ އެއްވަނައަށް ޖެހިލައިފިއެވެ.

އެންމެފަހުގެ ލީގު ޗެމްޕިއަން ސިޓީން ތާވަލުގެ އެއްވަނައަށް ޖެހިލީ ވޮޓްފޯޑު ދަނޑުގައި ރޭ ކުޅުނު މެޗު 3-1 އިން ކާމިޔާބު ކޮށްގެންނެވެ. މި ހަފުތާގެ މެޗުތައް ފެށިއިރު ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ޗެލްސީ ނަމަވެސް، އިއްޔެގެ މެޗުތަކަށްފަހު ޗެލްސީ ވަނީ ތިންވަނައަށް ވެއްޓިފައެވެ. ސިޓީއާއި ލިވަޕޫލްވެސް ޗެލްސީގެ މައްޗަށް ޖެހިލާފައިވާ އިރު، ސިޓީ އެއްވަނައިގައި އޮތީ 15 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ.

ލިވަޕޫލުން ރޭ ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު، ފަހުވަގުތު ކާމިޔާބުކޮށް އެޓީމަށް 15 މެޗުން 34 ޕޮއިންޓް ލިބިފައިވާ އިރު، ރޭ ޗެލްސީން ވަނީ ވެސްޓް ހަމް ކައިރީ ބަލިވެފައެވެ. ޗެލްސީއަށް ލިބެނީ 15 މެޗުން 33 ޕޮއިންޓެވެ. އެންމެފަހުގެ ޗެމްޕިއަން ސިޓީ މިވަގުތު އޮތީ މިހާތަނަށް މި ސީޒަންގައި ފެނުނު އެންމެ ރަނގަޅު ފޯމުގައެވެ. މިދިޔަ އޮކްޓޯބަރު މަހު ކްރިސްޓަލް ޕެލެސް އަތުން ބަލިވިފަހުން އެޓީމުން ލީގުގައި ކުޅުނު ހުރިހާ މެޗަކުންވެސް އޮތީ މޮޅުވެފައެވެ. މިއީ މި ސީޒަންގެ ލީގުގައި ސިޓީއަށް އެއްވަނައަށް ޖެހިލެވުނު ފުރަތަމަ ފަހަރުވެސް މެއެވެ.

މެޗުގެ ފުރަތަމަ މިނެޓުން ފެށިގެންވެސް ސިޓީގެ ފަރާތުން ފެނުނީ ކޮލިޓީ ރަނގަޅު ފުޓުބޯޅައެކެވެ. ޓީމުގެ އެނބުރުންތަކާއި، މޮޅެތި ކޮމްބިނޭޝަން ކުޅުންތަކުގެ ސަބަބުން ވޮޓްފޯޑުގެ ޑިފެންސް ދިޔައީ ރޫޅެމުންނެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ ފުރަތަމަ ހާފްގައިވެސް ދެ ގޯލު ޖަހައިފައެވެ. މެޗުގެ ކުރީކޮޅުގައި ސިޓީގެ ފުރަތަމަ ގޯލު ރަހީމް ސްޓާލިން ބޮލުން ޖަހައިދިން އިރު، ހާފް ނިމެން ދަނިކޮށް ދެވަނަ ގޯލު ޖެހީ ބެނާޑޯ ސިލްވާއެވެ.

އިލްކޭ ގުންޑޮގަން ޖެހި ބޯޅަ ވޮޓްފޯޑް ގޯލްކީޕަރު މަތަކުރުމުން ރީބައުންސް ބޯޅަ، ބެނާޑޯ ގޯލަށް ވައްދާލީ ހިތްގައިމުކޮށް ދެ ޑިފެންޑަރުން ނައްޓާލުމަށްފަހު ކުޑަ ކަނުންނެވެ. މެޗުގައި ބެނާޑޯގެ ކުޅުން ފާހަގަ ވެގެން ގޮސްފައިވާ އިރު، އޭނާ ޖެހި ދެވަނަ ގޯލު ވަރަށްވެސް ފުރިހަމަ އެވެ. ދެވަނަ ހާފުގައި ބެނާޑޯ ޖެހި އެ ގޯލަކީ އޭރިއާ ކަނާ ދިމާލުން ޑިފެންޑަރު ނައްޓާލައި، މަތީ ކަނަށް ބޯޅަ އަމާޒުކޮށްލައިގެން ޖެހި ގޯލެކެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ވޮޓްފޯޑިގެ ކޫޗޯ ހެނާންޑޭޒް އެޓީމަށް ގޯލެއް ޖަހައިދިން ނަމަވެސް ސިޓީއާ ހަމަކުރެވޭނެ ގޮތެއް ނުވިއެވެ.