މަހިންދަ ރާޖަޕަކްސާ ޓްރޮފީ ފޯ ނޭޝަންސް ކަޕުގައި ރާއްޖޭން ސީޝެލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި އަސްހަދު އަލީ (އަޑުބަރޭ) ހިންގި އަމަލަށް ޖުމުލަ ހަ މެޗުގެ ސަސްޕެންޝަނެއްކޮށް، 12،000 ރުފިޔާއިން ޖޫރިމަނާކުރަން އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން ނިންމައިފިއެވެ.
ރާއްޖެއާއި ސީޝެލްސް ކުޅުނު މެޗުގައި އަޑޭ ދަނޑަށް އެރިތާ މިނެޓެއްވެސް ނުވަނީސް ބާލަން ޖެހުނީ ސީދާ ރަތް ކާޑަކާ އެކުގައެވެ. އަޑޭއަށް ރަތް ކާޑު ދެއްކީ ބޯޅަ ނެތި، ސީޝެލްސްގެ ކެޕްޓަން ސްޓީވް ބެނޯއީގެ ކަރާއި ދިމާލުގައި އުޅަނބޮށިން ޖެހުމުންނެވެ. އެ ހަމަލާ ދިން ގޮތުން ހީވީ އަޑޭ ދަނޑަށް އެރީ އެކަމަށް ތައްޔާރުވެގެން ހެންނެވެ. ސީޝެލްސްގެ ކުޅުންތެރިޔާ މޫނު މަތީގައި އުޅަނބޮށިން އަޑޭ ޖެހި ޖެހުންވީ ދަނޑުމަތީގައި ފެނުނު ވަރަށް ނާތަހުޒީބު އަމަލަކަށެވެ. ހާއްސަކޮށް ރާއްޖޭގެ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު، ގައުމީ ޖާޒީގައި އެފަދަ ކަމެއް ކުރުމުން އެކަމަށް ގިނަ ބަޔަކު ފާޑުވެސް ކިޔާފައިވެއެވެ.
އަޑޭގެ މައްޗަށް އެޅި ފިޔަވަޅާ ގުޅިގެން އެފްއޭއެމް ޑިސިޕްލިނަރީ ކޮމިޓީގެ ޗެއާމަން މުހުތާޒު މުހުސިން "ވަން" އަށް ވިދާޅުވީ، ކޮމިޓީން ނިންމީ އަޑޭ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާ ކުރަން ކަމަށާއި ހަ މެޗަކީ ރަތް ކާޑާއެކު އާންމުކޮށް އަންނަ ދެ މެޗުގެ ސަސްޕެންޝަނަކާއެކު ކުރި ސަސްޕެންޝަނެއް ކަމަށެވެ. އަދި ސަސްޕެންޝަން ދިވެހި ފުޓުބޯޅައިގެ ކޮންމެ މެޗަކަށްވެސް ހިނގާނެ ކަމަށް މުހުތާޒު ވިދާޅުވިއެވެ.
ޑިސިޕްލިނަރީ ކޮމިޓީން ނިންމުން ނިންމި ނަމަވެސް އެ ތަންފީޒު ކުރާނީ އެފްއޭއެމުންނެވެ. އަޑޭ "ވަން"އަށް ބުނި ގޮތުގައި، އޭނާއަށް ރަސްމީކޮށް އެފްއޭއެމުން ސަސްޕެންޝަންގެ ތަފުސީލު އަދި އަންގާފައެއް ނުވެއެވެ. ބެލެވޭ ގޮތުގައި އެފްއޭއެމުން އަޑޭގެ ސަސްޕެންޝަނުގެ ތަފުސީލު މާދަމާ ހާމަކުރާނެއެވެ.
އަޑޭ ޑިސިޕްލިނަރީ ކޮމިޓީއަށް މީގެ ދެ ހަފުތާ ކުރިން ހާޒިރުކޮށް ސުވާލުކޮށްފައިވާ އިރު، މުހުތާޒު ވިދާޅުވީ އަޑޭގެ ފަރާތުން ރަތް ކާޑުގެ ދިފާއުގައި ބުނެފައި ވަނީ އޭނާ އެކަން ކުރީ "ފްރެސްޓްރޭޓް" ވެގެން ކަމަށެވެ.
"އަޑޭ ބުނީ ކޯޗު ވޯމްއަޕް ކޮށްފައި މާގިނައިރު ބެހެއްޓުމުން މެޗަށް އެރި އިރު، ހުރީ ފްރަސްޓްރޭޓް ވެފައި ކަމަށް. އެކަމަކު އެއީ އެފަދަ އަމަލަކަށް ދެއްކޭނެ އުޒުރެއް ކަމަކަށް ކޮމިޓީއަށް ނުބެލެވޭ. ހާއްސަކޮށް ގައުމީ ޖާޒީ ތަމްސީލުކުރަން ދަނޑު މައްޗަށް އަރައި އެފަދަ ކަމެއް ހިންގުމަކީ ކޮށްގެން ނުވާނެ ކަމެއް. މިސާލަކަށް އަޑޭ ބޯޅަ ނެތި އުޅަނބޮށިން މޫނަށް އަމާޒުކުރަން ހަމަލާ މި ދިނީ، ސީދާ މޫނަށް އަމާޒުވިނަމަ ނުރައްކާތެރިވެ، ކަށިގަނޑެއް ބިންދައިގެން ދިޔުންވެސް އެކަށީގެންވޭ. އެހެންވެ އެކަންކަމަށް ބަލައި، ޑިސިޕްލިނަރީ އުސޫލުތަކަށް ބަލައިފައި ސަސްޕެންޑް ކުރަން ނިންމީ،" މުހުތާޒު ވިދާޅުވިއެވެ.
އަޑޭއަކީ ކުރިން ގައުމީ ޓީމުގެ ކެޕްޓަންކަންވެސް ކުރި ކުޅުންތެރިއެކެވެ. ފުޓްބޯޅައިން ރިޓަޔާ ކުރި ފަހުން އަޑޭ އަލުން ޓީމުގައި ހިމެނީ ނިމިިދިޔަ ސާފަށެވެ. އަޑޭ ސާފް ޓީމަށް ނުކުތީ އަނިޔާގެ ސަބަބުން ފުޓުބޯޅައާ ދުރުގައި އެތައް ދުވަހެއް ހޭދަކުރުމަށްފަހުއެވެ. އަޑޭ މިދިޔަ ސީޒަނުގައި ކްލަބު އީގަލްސްއަށް ކުޅެފައެއްވެސް ނުވެއެވެ. ސީޒަނުގައި ނުކުޅެ އޮއްވައި އަޑޭ ސާފްގެ ޓީމަށް ނެގުމުން އެފަހަރު ކޯޗު އަލީ ސުޒޭނަށްވެސް ގިނަ ފާޑު ކިޔުންތަކެއް އަމާޒުވިއެވެ.
އަޑޭ، ގައުމީ ޓީމަށް ކުޅުން ހުއްޓާލީ 2018 ވަނަ އަހަރު މާޗު މަހުގައެވެ. އޭޝިއަން ކަޕް ކޮލިފައިންގައި ބޫޓާނާ ދެކޮޅަށް ރާއްޖެ ކުޅެން އޮތް މެޗު ބޯމަތީގައި އޮއްވައި އަޑޭ ކުއްލި ގޮތަކަށް ގައުމީ ޓީމާ ދުރަށް ދިޔަކަން އިއުލާން ކުރީ އޭރު ޓީމާ ހަވާލުވި ކޯޗު ޕީޓާ ސެގަޓާ މައްސަލަތަކެއް ދިމާވެގެން ކަމަށް އޮތީ ބެލެވިފައެވެ. އެ މައްސަލަތަކަކީ ޑިސިޕްލިންގެ މައްސަލަތައް ކަމަށް ކޯޗު ސެގަޓް ތަކުރާރުކޮށް އޭރު ފާހަގަކުރަމުން ދިޔައެވެ.
އޭގެ އިތުރުން ސިޔާސީ ކަންތައްތަކެއްގެ ތެރެއިންވެސް އަޑޭގެ ވާހަކަ މިހާރު ވަނީ ގަދަވެފައެވެ. ޖިންސީ ގޯނާގެ ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖޭން ފުރައިގެން ދިޔައީ އަޑޭ ޖާމިނުކޮށްފައި ކަމަށްވުމާ އެކު، އޭނާ ގެންނަން އަޑޭއަށް ދާދިފަހުން ކޯޓުން މުއްދަތުވެސް ދިނެވެ. އެ މުއްދަތު ހަމަވިއިރުވެސް އަލީ ވަހީދު ރާއްޖެ ގެނެވިފައިނުވާ އިރު، އަޑޭ ދިން ޖަވާބަކީ އަލީ ވަހީދު އުޒުރުވެރި ވެފައިވާ ކަމަށް ދިން ޖަވާބެވެ. އެ މައްސަލައިގައި ގޮތެއް ނިމިފައެއް ނުވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު