އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލުން ވުލްވްސް ބަލިކޮށްފިއެވެ.
ވުލްވްސްގެ ދަނޑުގައި މިރޭ ކުޅުނު މެޗުން ލިވަޕޫލުން މޮޅުވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. ގޯލެއް ޖެހުމަށް ލިވަޕޫލަށް ބުރަކޮށް މަސައްކަތް ކުރަން ޖެހުނު މެޗު ނިމިނިމި އޮއްވައި، މެޗުގެ 94 ވަނަ މިނެޓުގައި އެޓީމުގެ ހަމައެކަނި ގޯލު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި މެޗަށް ނުކުތް ޑިވޯކް އޮރީގީއެވެ.
މޮޅާއެކު ލިވަޕޫލް ވަނީ ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފައެވެ. މިއަދު ހަވީރު ޗެލްސީން ކުޅުނު މެޗުން އެޓީމު 3-2 އިން ވެސްޓް ހަމް ކައިރީ ބަލިވެފައި އޮތުމުން މިރޭގެ މެޗުން މޮޅުވެ ލިވަޕޫލަށް އެއްވަނައަށް ޖެހިލެވެން އޮތެވެ. މިވަގުތު ލިވަޕޫލް އެއްވަނައިގައި އޮތީ 15 މެޗުން 34 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ޗެލްސީ 15 މެޗުން 33 ވަނައިގައި އޮތް ނަމަވެސް، މިރޭ ދެން ކުޅެން އޮތް މެޗުގައި މެންޗެސްޓާ ސިޓީން ވޮޓްފޯޑު ބަލިކޮށްފިނަމަ، ޗެލްސީ ތިންވަނައަށް ވެއްޓޭނެއެވެ.
މެޗު ފެށިގެން ޕާސްތައް ގިނަކޮށް މެޗު ކޮންޓްރޯލް ކުރީ ފޯމުގައި އޮތް ލިވަޕޫލުންނެވެ. މެޗަށް ނުކުތް އިރު އެންމެ ފަހުން ލީގުގައި ކުޅުނު ތިން މެޗުގައިވެސް ގިނަ ގޯލްތަކެއް ޖަހައިގެން ލިވަޕޫލް މޮޅުވެފައި އޮތުމުން، މިރޭގެ މެޗުގައިވެސް ލިވަޕޫލުގެ ގޯލުތަކެއް ޖަހާނެ ކަމަށް ކުރިން ބެލެވުނެވެ. ހާއްސަކޮށް ލިވަޕޫލް އެޓޭކް ލައިނުގެ ނުރައްކާ ވުލްވްސްއަށް ބޮޑުވާނެ ކަމަށް ކުރީބައިގައި އަންދާޒާ ކުރެވުނެވެ.
އެހެން ނަމަވެސް ފުރަތަމަ ހާފުގައި ވުލްވްސް ފެނުނީ ވަރުގަދައަށް ޑިފެންސް ކުރިތަނެވެ. ލިވަޕޫލުގެ ހަލުވި އެޓޭކަށް ޖާގަ ނުދީ ހާފު ނިންމާލީ 0-0 ގައެވެ. ދެވަނަ ހާފު ފެށިގެން ލިވަޕޫލުން ފެނުނީ ތަފާތު ރޫހެއްގައެވެ. ހާފުގެ ކުރީކޮޅުގައި ޑީއޭގޯ ޖޮޓާ އާއި ސަޑިއޯ މާނޭއަށްވެސް ފުރުސަތުތަކެއް ލިބި ބޭކާރުއެވެ. އޭގެ ތެރެއިންވެސް ފަހު ހާފުގައި އެންމެ ފާހަގަކޮށްލެވުނީ ވުލްވްސްގެ ކީޕަރުވެސް ނެތި ޖޮޓާއަށް ލިބުނު ފުރުސަތެވެ. އެ ފުރުސަތުގައި ބޯޅަ ހިފައިގެން ޖޮޓާ އޭރިއާ ތެރެއަށް ވަދެ، ހުސްކޮށް އޮވެ ގޯލަށް ފޮނުވާލި ނަމަވެސް އަމާޒުވީ ގޯލުގެ ދިފާއުގައި ރޮނގު މައްޗަށް ފޭބި ޑިފެންޑަރު ކޯޑީ ފަޔަށެވެ.
އެޓޭކަށް ބަދަލުތަކެއް ގެނެސް ލިވަޕޫލުން އިތުރު ވިސްނުމަކަށް ދިޔައީ ވުލްވްސްގެ ޑިފެންސް ފޫއަޅުވާލަން އުނދަގޫވުމުންނެވެ. އޮރީގީ ދަނޑު މައްޗަށް ނެރެ، ޔާގަން ކްލޮޕްގެ ވިސްނުން ކާމިޔާބުވީ މެޗުގެ 94 ވަނަ މިނެޓުގައެވެ. މުހައްމަދު ސަލާހު ދިން ބޯޅައަކުން އޮރީގީ ޖެހި ގޯލާއެކު މެޗު ނިމިގެން ދިޔަައީ ތިން ޕޮއިންޓާއެކުގައެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު