ރާއްޖޭގައި އިންޑިއާ ސިފައިން ތިބީ ގާނޫނާ ހިލާފަށް ކަމަށާއި އެގޮތަށް ރާއްޖޭގައި ތިބުމުގެ ފުރުސަތު ނުދޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

"މަރުހަބާ ރައީސް ޔާމީން"ގެ ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާނިވާ ސަރަހައްދުގައި މިރޭ ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ޔާމީން ވިދާޅުވީ، ރާއްޖޭގެ އަމަން ބަލަހައްޓަން އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބެގެން ނުވާނެ ކަމަށާއި އިންޑިއާ ސިފައިން ޖެހޭނީ ރާއްޖެއިން ފައިބަން ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ ޓައުނެއްގެ ގޮތުގައި އެގައުމުން ގަބޫލުކޮށްގެން ނުވާނެ ކަމަށާއި ރާއްޖޭގައި އިންޑިއާ ސިފައިން ބައިތިއްބަނީ މިހާރު އޮތް ސަރުކާރުގެ ހިޔާނާތްތެރި ރޭވުމުން ކަމަށެވެ.

"އަޅުގަނޑުމެން ބޭނުމެެއް ނުވެއޭ އިންޑިއާ ސިފައިންގެ އެންމެ ބޫޓު ޖޯޑެއްވެސް މިގައުމުގައި ހުންނާކަށް،" ރައީސް ޔާމީން ވިދާޅުވިއެވެ.

އިންޑިއާ އައުޓް ކެމްޕެއިނަކީ، އެމަނިކުފާނުގެ އިސްނެންގެވުމަށް ފެއްޓެވި ކެމްޕެއިނެއްކަން ފާހަގަކުރައްވައި، ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ދާހިލީ ކަންކަމުގެ ތެރެއަށް އަތްބާނާ ކަމަށާއި ދިވެހިރާއްޖޭގެ އަމަނުގެ ތަޅުދަނޑި މިހާރު އޮތީ އިންޑިއާ އަތުގައި ކަމަށެވެ.

ރައީސް ޔާމީން ވިދާޅުވީ، އިންޑިއާގެ ސިފައިން ރާއްޖޭގައި ތިބީ ގާނޫނާ ހިލާފަށް ކަމަށާއި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވައިލުމަށް އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތްތަކެއް ކޮށްފައިވާކަން ޑިފެންސް މިނިސްޓްރީގެ ރެކޯޑުތަކުން އެނގޭނެ ކަމަށެވެ.

"މިއަދު އަޅުގަނޑު ޝަމާލަށް ދަންނަވާލަން، އަޅުގަނޑުމެން އެންމެން މި ބުނަނީ، އަޅުގަނޑުމެން ބޭނުމޭ މިތަނުން އިންޑިއާ ސިފައިން ފައިބަން. އެގްރީމެންޓެއްކޮށް، ގާނޫނާ ހިލާފަށް އެތިބީ،" ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން އިތުރަށް ވިދާޅުވީ، އިންޑިއާ އެމްބަސީން ރާއްޖޭގެ ނޫސްތަކަށް ފައިސާ ދޭ ކަމަށާއި މިނިވަންކަމާއެކު ނޫސްވެރިކަންކޮށް ހިޔާލުފާޅުކުރުމުގެ މިނިވަންކަމެއް ރާއްޖެއަކު ނެތް ކަމަށެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވަނީ މީގެ ކުރިން ވިދާޅުވެފައެވެ. ނަމަވެސް ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދެއް ހާމަކޮށްފައެއް ނުވެއެވެ.