ދުނިޔެއިން ބޭރަށް ފޮނުވައިގެންވިޔަސް، ފަނޑިޔާރުންނަށް އިލްމު އުނގަންނައިދޭން ޖެހޭ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް، ފަނޑިޔާރުންނަށް ފާޑުވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ މުއައްސަސާތައް ފެއިލްވެގެންދާ ކަންތައްތަކެއް ރައީސުލްޖުމްހޫރިއްޔާއަކަށް ނުބެލެހެއްޓޭނެ ކަމަށާއި އެއީ ރައީސުލްުމްހޫރިއްޔާގެ ޒިންމާއެއް ނޫން ކަމަށެވެ.
"އެހެންނަމަވެސް މައްސަލަ ފައިސަލާކޮށް، ހުކުމް ކުރާ ބަޔަކު އެގޮތަށް ވާހަކަދެއްކީމާ އަޅުގަނޑު ހިތްދަތިވޭ. އެއީ މިއޮތީ ބާރުތައް ވަކިކޮށްފައި އޮތް ނިޒާމެއް. ދިވެހިރާއްޖޭގެ ތަރައްގީއާއި އިލްމީ ގާބިލުކަން ދިވެހި ރައްޔިތުން ހޯދާފައި ހުރި މިންވަރާ ފައިތިލަ ހަމަނުކުރާ ހަމައެކަނި ދާއިރާއަކީ އަޅުގަނޑުވެސް އަޑަށް ބާރުލާފައި މިދަންނަވަނީ ޝަރުއީ ދާއިރާ. ޝަރުއީ ދާއިރާގެ ބައެއް ފަނޑިޔާރުންގެ ވިސްނުން މިހެން ހުންނަކަމަށް ވަންޏާ، ދުނިޔެއިން ބޭރަށް ފޮނުވައިގެން ނަމަވެސް، އެބޭފުޅުންނަށް އިލްމު އުނގަންނައިދޭންވީ،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ވެރިކަމުގެ ފަސް އަހަރު ނިމުމަށްފަހު އެމަނިކުފާނުގެ ހިތި ތަޖުރިބާއަކަށްވީ ދިވެހިންގެ ތެރެއިން މުއައްސަސާތަކާ ހަވާލުވެ ތިބި އިސް މީހުންވެސް، ދަންދޮރު ދަންނަ، ތަހުލީލުކުރަން އެނގޭ މީހުންނަށް ވެސް ކޮންމެ ކަމެއް ވެސް އެއީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގައި ހުންނަ މީހަކަށް އެނގެން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރާ ކުރުން ކަމަށެވެ.
"އޭގެ މައްޗަށް ފައިސަލާކޮށްފައި ރައީސްއާ ދޭތެރޭ ގޮތް ނިންމާ ނިންމުން. ކޮބައިތޯ ބާރުތައް ވަކިވެފަ؟. މިއޮތީ ބާރުތައް ވަކިކޮށްފަ. އަޅުގަނޑުމެން ފަހުރުވެރިވޭ ބުނަން އަޅުގަނޑުމެންނަކީ ޑިމޮކްރެޓިކް ނިޒާމެއްގެ ތެރޭގައި އޮތް ގައުމެކޭ. އަޅުގަނޑުމެން މިހާރު ބުނާކަށް ބޭނުމެއް ނުވޭ އަޅުގަނޑުމެންނަކީ ޅަފަތުގައި އޮތް ޑިމޮކްރަސީއެކޭ. އަޅުގަނޑުމެން މިތިބީ ހަރުފަތުގައި،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ އެކަންކަމުގައި ފަނޑިޔާރުން ވެސް ޖެހިލުމެއް ނެތި ރައީސުލްޖުމްހޫރިއްޔާ ކަންކަމަށް ލޯމަރާލީއޭ ބުނަމުންދާ ކަމަށާއި ނަމަވެސް އެ މުއައްސަސާތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ބާރެއް ނުހިނގާ މިނިވަން މުއައްސަސާތައް ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު