ރާއްޖެއަށް ވެގެން މިދަނީ ބީރު ކަންފަތަކުން އަޑުއެހީމަ ވާގޮތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވުމާ ގުޅިގެން މަރުހަބާ ދެންނެވުމަށް މިރޭ ބޭއްވި "މަރުހަބާ ރައީސް ޔާމީނު" ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ގައުމުގެ އެންމެ އިސް ވެރިޔަކަށް ހުންނަވާ ބޭފުޅަކު މަގުން ކައްސާލައިގެންދާ ކަމަށްވަންޏާ އިސްކުރަނީ ނަސޭހަތުގެ ބަސް ކަމަށެވެ.
"އަޅުގަނޑުމެން ދަންނަވަން ކަންތައްތައް ކުރަންވީ ގޮތް. އެހެންނަމަވެސް ބީރު ކަންފަތަކަށް އަޑުނީވޭ އުސޫލުން ކަންތައްތައް ދިޔައީމަ، ވާނެހާ އެއްޗެއް ދިވެހިރާއްޖެއަށް ވަމުންމިދަނީ. މިއީކީ އެއްގޮތަކަށް ވެސް ހަމައެކަނި އެންމެ މީހެއްގެ އިހުމާލެއް ނޫން،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ ޑިމޮކްރަސީއެއްގައި އެންމެ ރީތި ގޮތަކީ ވާހަކަދައްކައިގެން ކަންކަން ހައްލުކުރުން ކަމަށާއި އިސްލާމީ އުސޫލަކީ ވެސް އެއީ ކަމަށެވެ. އަދި ތަންތަން ރޯކޮށް، ތަންތަން އަންދައި، ގެދޮރަށް ގެއްލުންދީ، މާލިއްޔަތު ހަލާކުކޮށްލައި، މުދާ ނައްތާލަން އިރުޝާދު ދީފައިނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި ރައީސް ޔާމީން ވަނީ އެމަނިކުފާނު ޖަލު ހުކުމެއްގައި ހޭދަކުރެއްވި ދެ އަހަރު ދުވަހުގެ ތެރޭގައި ކޯލިޝަންގެ ލީޑާޝިޕުންނާއި ސަޕޯޓަރުން ދެއްކި ހިތްވަރަށް ޝުކުރު ދަންނަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު