ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ބޭކާރު އަމުރެއް ކަމަށާއި އެމަނިކުފާނަކީ ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ޔާމީނުގެ މައްޗަށް ކޮށްފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ހުކުމް ބާތިލުކޮށްފައެވެ. އެ ހުކުމް ބާތިލުކުރުމުން ފުލުހުން ވަނީ ޔާމީން ފުރުން މަނާކުރުމަށްޓަކައި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް ކްރިމިނަލް ކޯޓުގައި އެދިފައެވެ. ޔާމީނު ފުރުން މަނާކުރުމުގެ އަމުރަކަށް ފުލުހުން އެދުނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެގޮތަށް އެދިގެންނެވެ.
ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގައި ދައުވާ ލިބޭ އަދި ތުހުމަތުކުރެވޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމަކީ ޕީޖީ އޮފީހުން އަމަލުކުރާ އެސްއޯޕީގައި އޮންނަ ގޮތެއް ކަމަށާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ޔާމީންގެ އިތުރުން ތުހުމަތުކުރެވޭ އިތުރު މީހުންގެ ޕާސްޕޯޓް ވެސް ހިފަހައްޓާފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.
ޔާމީނު މިނިވަންވުމާ ގުޅިގެން މަރުބަހާ ދެންނެވުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަލިމަސް ކާނިވަލުގައި މިރޭ ބާއްވާ "މަރުހަބާ ރައީސް ޔާމީން" ޖަލްސާގައި އަދުރޭ ވިދާޅުވީ، ޔާމީނަކީ ވަތަނީ ބޭފުޅެއް ކަމަށާއި ގައުމު ދޫކޮށް ފިއްލަވާނެ ބޭފުޅެއް ނޫން ކަމަށެވެ.
ރާއްޖެ ދޫކޮށް ފުރަން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ލަފާދެއްވި ނަމަވެސް ރައީށް ޔާމީން ބޭނުންފުޅުވީ ރާއްޖޭގައި ހުންނަވަން ކަމަށާއި، ރާއްޖެ ދޫކޮށް އެހެން އެއްވެސް ތަނެއްގައި އެމަނިކުފާނު އުޅެން ބޭނުންނުވާ ކަމަށެވެ. އަދި ޖަލުން ރައީސް ޔާމީނާ ބައްދަލުކުރެއްވުމުން ކުރެވޭ ތުހުމަތަށް ނުފިއްލަވާނެކަމަށް ޔާމިން ދެންނެވި ކަމަށް ވެސް އަދުރޭ ވިދާޅުވިއެވެ.
"އަޅުގަނޑު ލީޑަޝިޕްގެ ފަރާތުން މަނިކުފާނަށް ދަންނަވަން މިއައީ ކޮންމެވެސް މަގެއް ހޯއްދަވައިގެން މި ޖަލުން ނިކުމެވަޑައިގެންނެވޭތޯ މަސައްކަތް ކޮށްދެއްވާށޭ. އެއީ ބޭސް ފަރުވާއަކަށް ނަމަވެސް، 15 ވަރަކަށް ދުވަހަށް ނުވަތަ މަހެއްހާ ދުވަހަށް ނަމަވެސް ރާއްޖޭން ބޭރަށް ވަޑައިގަތުމުގެ ވިސްނުންފުޅެއް ގެންގުޅުއްވައި ދެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް އެދޭ ކަމެކޭ. އެމަނިކުފާނު ވިދާޅުވީ ތިމަންމަނިކުފާނަށް ކުރެވޭ ތުހުމަތަކަށް ފިއްލަވައިގެން ވަޑައިގަންނަވާނެ ބޭފުޅެއް ނޫނޭ،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ ސުޕްރީމް ކޯޓުން ޔާމީނު މިނިވަންކުރުމާއެކު ސަރުކާރުން އަވަސްވެގަތީ އެމަނިކުފާނު ފުރުން މަނާކުރަން ކަމަށާއި ކޯޓުން ނެރުނު އަމުރަކީ ބާތިލު އަދި އެއްވެސް ތާކުންތާކު ޖެހޭ އަމުރެއް ނޫން ކަމަށެވެ.
ޔާމީނަށް މަރުހަބާ ދެންނެވުމަށް މިހާރު ކުރިއަށްދާ ޖަލްސާގައި ޕީޕީއެމް/ޕީއެންސީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު