އީމާންކަން އިތުރުކޮށްދޭ އެންމެ ބޮޑު އެއް ކަމަކީ އިހުލާސްތެރިކަމާއެކު ހެޔޮ އަމަލު ގިނަކޮށް، ގިނަގިނައިން މަރު ހަނދާންކުރުން ކަމަށް ހުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ އީމާންކަމަކީ އިތުރުވެ އުނިވާ އެއްޗެއް ކަމަށާއި ހެޔޮ އަމަލުގެ ސަބަބުން އީމާންކަން އިތުރުވާ ކަމަށެވެ.

"ބައެއް އަސްހާބު ބޭކަލުން އީމާންކަން އިތުރުކުރަން އެއް ބޭކަލަކު އަނެއް ބޭކަލަކަށް ހެޔޮ ކަންކަމުގައި ވާގިވެރިވެ ވަޑައިގަތެވެ. އީމާންކަން ހަރުދަނާކޮށް، އިތުރުކޮށްދޭ އެންމެ ބޮޑު އެއް ކަމަކީ އިހުލާސްތެރިކަމާއެކު ހެޔޮ އަމަލު ގިނަކުރުމެވެ. އަދި ގިނަގިނައިން މަރު ހަނދާންކުރުމެވެ." ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ޣާފިލުވުން ހިމެނޭ ކަމަށާއި ޣާފިލުވުމުގެ ތެރޭގައި މާތްﷲ އަށް އަޅުކަންކުރުން ދޫކޮށް، އެކި ކަންކަމުގައި މަސްއޫލުވެގެން އުޅުން ހިމެނޭ ކަމަށެވެ. އަދި އީމާންކަން ބަލިކަށިވާ ސަބަބުތަކުގެ ތެރޭގައި ނުބައި ކަންތަކަށް ގޮވައިލުން ހިމެނޭ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

ދުނިޔެއާއި ދުނިޔޭގެ ފިތުނަތަކަކީ އީމާންކަން ބަލިކަށިވުމުގެ ސަބަބުތަކުގެ ތެރޭގައި ހިމެނޭ މުހިންމު އެއްކަން ކަމަށާއި މާތްﷲ ގެ މަތިންނާއި އަހީރަތް ދުވަސް މަތިން ހަނދާން ނައްތާލައި، ދުނިޔެއަށް ދަހިވެތިވުމަކީ ވެސް އީމާންކަން ބަލިކަށިވާ ކަމެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.