ކުޅިވަރު

ޔޫރޯގެ ހިތްދަތި ހާދިސާއަށްފަހު އެރިކްސަން ފުރަތަމަ ފަހަރަށް ތަމްރީނުތަކަށް

ޔޫރޯ 2020ގައި މެޗު ތެރެއިން ހާޓް އެޓޭކެއް ޖެހިގެން ދަނޑު މައްޗަށް ވެއްޓުނު ކްރިސްޓިއަން އެރިކްސަން، އެ ހާދިސާއަށްފަހު ފުރަތަމަ ފަހަރަށް ތަމްރީނުތައް ހަދަން ފަށައިފިއެވެ.

ޑެންމާކުން ޔޫރޯ 2020 ގައި ފިންލޭންޑާ ދެކޮޅަށް ކުޅުނު މެޗުގައި ޑެންމާކުގެ އެރިކްސަން ކާޑިއެކް އެރެސްޓެއްގައި ދަނޑު މައްޗަށް ވެއްޓުން ވެގެން ދިޔައީ މުޅި ފުޓުބޯޅަ ދުނިޔެ "ޝޮކް" އަކަށް ދިޔަ ކަމަކަށެވެ. މެޗު އިމަޖެންސީގައި މެދު ކަނޑާލައި ގިނަ ކަންތައްތަކެއް ހިނގައި ދިޔައެވެ. ކުޅުންތެރިންނާއި ބަލަން ތިބި އެންމެންނަށްވެސް ނަފުސާނީ އަސަރުތަކެއް އެކަމުގެ ސަބަބުން ކޮށްފައިވެއެވެ. މެޗުގެ ބާކީ ބައި އެރޭ ކުޅުނީ އެރިކްސަންގެ ހާލު ރަނގަޅުވަމުން އަންނަކަމުގެ ޔަގީންކަން ލިބުމުންނެވެ.

ހިތަށް އައިސީޑީއެއް ލައްވައި، 29 އަހަރުގެ އެރިކްސަން މިދިޔަ އޯގަސްޓް މަހު އެނބުރި އަސްލު ކްލަބު އިޓަލީގެ އިންޓަ މިލާނަށް ދިޔަ ނަމަވެސް، އިޓަލީ ލީގުގެ އުސޫލުތައް އޮންނަ ގޮތުން އެރިކްސަން އަށް އިންޓައަށް ކުޅެވޭނެ ގޮތެއް ނުވިއެވެ. ސެރެއާ އޭގެ ޓެކްނިކަލް ސައިންޓިފިކް ކޮމިޓީން ބުނެފައި ވަނީ އަލުން ކުޅެން ބޭނުން ނަމަ ހިތަށް ލައްވާފައިވާ އައިސީޑީ ނަގަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އެކަމަށް އިތުރު މަޝްވަރާތައް އަންނަނީ ކުރަމުންނެވެ.

އިޓަލީގައި ކުރިއަށް ދެވެން ނެތް ނަމަވެސް އެރިކްސަން ފުޓުބޯޅަ ދޫކޮށްލަން އަދި ވިސްނާފައެއް ނުވެއެވެ. ޔޫތު ލެވެލްގައި އޭނާ އެންމެ ފުރަތަމަ ކުޅުނު ކްލަބް، ޑެންމާކްގެ އޮޑެންސީ ބޯލްޑްކްލުބް (އޯބީ)ގެ އެހީތެރިކަމާއެކު އޭނާ ފަރިތަކުރުންތަކަށް ނުކުތީ އެކަންޏެވެ. އެރިކްސަން ވަނީ އިއްޔެ އޯބީގެ ޓްރެއިނިން ދަނޑުގައި އިންޑިވިޖުއަލް ޓްރެއިނިންތައް ފަށައިފަ އެވެ.

އޯބީގެ އޮފިޝަލަކު ޑެންމާކުގެ މީޑިއާ އަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ އެރިކްސަންގެ އެދުމާ އެކު އެ ކްލަބްގެ ޓްރެއިނިން ސެންޓަރާއި ދަނޑުގައި އެރިކްސަންގެ އިންޑިވިޖުއަލް ޓްރެއިނިންތައް ކުރިއަށް ގެންދަން ފުރުސަތު ދީފައިވާ ކަމަށެވެ. އަދި އެރިކްސަން އަކީ ޓްރެއިނިން ސެންޓަރުގެ ކައިރީގައި ދިރިއުޅޭ ކުޅުންތެރިޔަކަށް ވެފައި، އެ ކޮމިއުނިޓީ އަކީ އެރިކްސަންއަށް "ހޯމް" ގެ އިހުސާސް ކުރެވޭނެ ކޮމިއުނިޓީ ކަމަށްވެސް ކްލަބުން ބުނެފައިވެއެވެ.