ކުޅިވަރު

ރޮނާލްޑޯ 800 ހަމަކޮށް ރައްދުދީފި، ޔުނައިޓެޑުން އާސެނަލް ބަލިކޮށްފި

ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި 800 ގޯލު ހަމަކޮށް، މެންޗެސްޓާ ޔުނައިޓެޑުން އާސެނަލްގެ މައްޗަށް ކުރި ހޯދައިފިއެވެ.

ރޭ ޔުނައިޓެޑްގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-2 ގެ ނަތީޖާއަކުންނެވެ. މެޗުގައި ޕޯޗުގަލްގެ ތަރި ދެ ގޯލު ޖަހާފައިވާ އިރު، އެއީ ރޮނާލްޑޯގެ ކެރިއަރުގައި ޖެހި 800، އަދި 801 ވަނަ ގޯލެވެ. ރޮނާލްޑޯއަކީ ފުޓުބޯޅަ ތާރީހުގައިވެސް ކެރިއަރުގައި 800 ގޯލު ހަމަކުރި ހަމައެކަނި ކުޅުންތެރިޔާއެވެ. އެއީ ރަސްމީކޮށް ސްޓެޓިސްޓިކް ބަލަން ފެށިފަހުންނެވެ.

ރޭގެ މެޗުގެ ކުރިން ރޮނާލްޑޯއަށް ވަނީ ވަރަށް ބޮޑަށް ސަމާލުކަން ހުއްޓިފައެވެ. ހާއްސަކޮށް ބެލޮންޑިއޯގެ ކަންކަމުގައި ރޮނާލްޑޯއަށް އޮތީ ފާޑު ކިޔުންތައްވެސް އަމާޒުވެފައެވެ. ބެލޮންޑިއޯގެ ހަވަނައިގައި ރޮނާލްޑޯ ހިމެނުނު އިރު، ރޮނާލްޑޯ ވަނީ ބެލޮންޑިއޯ ދޭ ފްރާންސް ފުޓުބޯޅަ މެގަޒިންގެ ޗީފް އެޑިޓަރާ މައްސަލަތަކެއް އުޅޭ ކަމަށްވެސް ބުނެފައެވެ. ރޮނާލްޑޯ ބުނީ އޭނާއޭ ކިޔައިގެން ފްރާންސް ފުޓުބޯޅައިގެ ޗީފް އެޑިޓަރު ދޮގުތަކެއް ހެދި ކަމަށެވެ.

އޭގެ އިތުރުން އެންމެފަހުން ޔުނައިޓެޑް ޗެލްސީއާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ފަހު 20 ވަރަކަށް މިނެޓަށް ކުޅެން އަރައި، ރަނގަޅަށް ކުޅެފައި ނުވާ ކަމަށްވެސް ގިނަ ބަޔަކު ވަނީ ބުނެފައެވެ. އެ މެޗަށްފަހު ގިނަ ބަޔަކު ބުނަމުން ދިޔައީ ރޮނާލްޑޯގެ ސަބަބުން ޔުނައިޓެޑަށް ވަނީ ގެއްލުން ކަމަށެވެ. ރޭގެ މެޗުގައި ނުކުމެ ރޮނާލްޑޯ އެކަންކަމަށް ރައްދު ދިނީ ދެ ގޯލުންނެވެ. މެޗުގައި ރޮނާލްޑޯ ވަނީ އޭނާގެ ބޭނުން ސާބިތު ކޮށްދީފައެވެ.

މެޗުގެ 13 ވަނަ މިނެޓުގައި އާސެނަލްގެ އެމިލް ސްމިތު-ރޯވް ޖެހި ގޯލުން އާސެނަލް ލީޑު ނެގިއެވެ. ކޯނަރަކުން އޭރިއާ ތެރެއަށް ހުރަސްވި ބޯޅައެއްގައި ދިފާއު ކުރަން އުޅުމުގެ ތެރޭގައި ޔުނައިޓެޑްގެ މިޑްފީލްޑަރު ފްރެޑްގެ ފައިން އެ ޓީމުގެ ކީޕަރު ޑޭވިޑް ޑެހެއާ ފައިމައްޗަށް އެރުނެވެ. އެ ވަގުތު ޑެހެއާ ވެއްޓިފައި އޮއްވައި ކުޅުމުގެ ތެރެއިން ސްމިތު-ރޯވް ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ ރެފްރީ މާޓިން އެޓްކިންސަން ފުރަތަމަ ފައުލަކަށް ދެއްކި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ދެއްކީ ގޯލެއް ކަމަށެވެ.

އެ ގޯހަށްފަހު މެޗުގައި ފްރެޑް މޮޅުކޮށް ފެނުނު އިރު، ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ މެޗުގެ 44 ވަނަ މިނެޓުގައެވެ. ޔުނައިޓެޑަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ. ފުރަތަމަ ހާފް 1-1 އިން އެއްވަރު ވެގެން ނިމުނު އިރު، ދެވަނަ ހާފްގެ ކުޅުން ފެށިގެން ހަތް މިނިޓް ތެރޭ މާކަސް ރަޝްފޯޑް ދިން ބޯޅައަކުން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ލީޑުނަގައިދީފައެވެ. އެ ލީޑު ޔުނައިޓެޑަށް ހިފަހައްޓާލެވުނީ ތިން މިނެޓު ވަންދެނެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތަކުން މެޗުގެ 54 ވަނަ މިނިޓްގައި މާޓިން އޮޑެގާޑް ވަނީ އާސެނަލަށް އެއްވަރުކޮށްދީފައެވެ.

ޔުނައިޓެޑުން މެޗުގައި ޖެހި ތިންވަނަ ގޯލަކީ އޮޑެގާޑު ކުރި ފައުލަކަށް ދިން ޕެނަލްޓީއަކުން ރޮނާލްޑޯ ޖެހި ގޯލެކެވެ.

ރޭގެ މެޗު ބަލަން ޔުނައިޓެޑާ އަލަށް ހަވާލުވި ކޯޗު ރާފް ރަންގްނިކް ސްޓޭޑިއަމްގައި އިނެވެ. ކުރިއަށް އޮތް ތަނުގައި ޔުނައިޓެޑްގެ ކޯޗުކަމާ އޭނާ ހަވާލުވާ އިރު، ރޭގެ މެޗަށްފަހު ކެއާޓޭކާ ކޯޗު، ޔުނައިޓެޑްގެ ލެޖެންޑް މައިކަލް ކެރިކު ވަނީ ކްލަބު ދޫކޮށްލިކަން އިއުލާނު ކޮށްފައެވެ.

އާސެނަލްއަށް ރޭ މެޗުން މޮޅުވެގެން ހަތަރަކަށް އެރުމުގެ ފުރުސަތު އޮތްނަމަވެސް ބަލިވުމުން އެ ޓީމު އޮތީ ފަސް ވަނައިގައި 14 މެޗުން 23 ޕޮއިންޓާ އެކުއެވެ. ޔުނައިޓެޑް ހަތް ވަނައިގައި އޮތީ 14 މެޗުން 21 ޕޮއިންޓް ހޯދައިގެންނެވެ.