ޚަބަރު

ނިއުޕޯޓު މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން އަނބުރާ އޭސީސީއަށް ފޮނުވާލައިފި

މުހައްމަދު އިޝާން

ބްރިޖު ވިއު ޕްލެޓްފޯމު ސަރަހައްދު ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ދިން މައްސަލައިގައި ކުރީގެ ހައުސިން މިނިސްޓަރު، މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލައިގެ ބައެއް ކަންކަން އިސްލާހުކުރަން އަނބުރާ ފޮނުވާލައިފިއެވެ.

އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިރޭ "ވަން" އަށް ވިދާޅުވީ، ޕީޖީ އޮފީހުން އެ މައްސަލަ އަނބުރާ ފޮނުވާލީ ކަންތައްތަކެއް އިސްލާހުކުރަން ކަމަށާއި އެ މައްސަލައިގައި ދައުވާނުކުރަން ޕީޖީ އޮފީހުން ނިންމާފައިނުވާ ކަމަށެވެ. ނަމަވެސް ބައެއް ފަރާތްތަކުން ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމީކަމަށް ބުނެ ދޮގު މައުލޫމާތުތަކެއް ފަތުރަމުންދާ ކަމަށް ވިދާޅުވިއެވެ.

ޕީޖީ އޮފީހުން އިސްލާހުކުރަން އެންގީ ކޮންކަމެއްތޯ އެހުމުން ހަސަން މަނިކު ވިދާޅުވީ، އެކަމުގެ މައުލޫމާތު އަދި ހާމަކުރާ ގޮތަށް ހަމަޖެހިފައިނުވާ ކަމަށެވެ. އަދި މައްސަލަ އަލުން ޕީޖީއަށް ފޮނުވާނެ ދުވަހެއް ވެސް އޭނާ ވިދާޅެއް ނުވެއެވެ.

ބްރިޖު ވިއު ޕްލެޓްފޯމު ސަރަހައްދު ނިއުޕޯޓު ހިންގާ ސްޓްރާޑާ ކުންފުންޏަށް ހަވާލުކުރުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިމެނޭތީ އޭސީސީން ވަނީ އެ މައްސަލަ ތަހުގީގުކޮށްފައެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޕީޖީ އޮފީހުގައި އެދުނީ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތްކަމެއްގެ ފައިދާ ރައްޔިތުންނަށް ނުވަތަ ދައުލަތަށް ނުލިބޭ ގޮތަށް ނުވަތަ ލިބެން އޮތް ފައިދާއަށް އުނިކަން ލިބޭ ގޮތަށް އަމަލުކުރުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ޑރ. މުއިއްޒުގެ މައްޗަށް ކޮށް ދިނުމަށެވެ.

ބްރިޖު ވިއުއިން ޕްލެޓްފޯމަކާއި ފުޑް އައުޓްލެޓް އޭރިއާ އަދި ޕާކިން އޭރިއާއެއް ތަރައްގީކުރުމަށް ހައުސިން މިނިސްޓްރީން ސްޓްރާޑާ ކުންފުންޏާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއް ހެދީ ޑރ. މުއިއްޒު މިނިސްޓަރުކަމުގެ މަގާމުގައި ހުންނަވައިގެންނެވެ.

ޕާކިން އޭރިއާގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދައަށް އެދި ސްޓްރާޑާއިން ހުށަހެޅުމުން، އެއްބަސްވުމުގައިވާ ޕާކިން އޭރިއާ ހުޅަނގަށް ޖައްސާލުމަށްފަހު އެތަނުގައި ފިނިބުއިން ވިއްކާ ތަނެއް އެޅުމުގެ ހުއްދަ ހައުސިން މިނިސްޓްރީން ވަނީ ދީފައެވެ. އެކަމުގެ ސަބަބުން، އެއްބަސްވުމުގައިވާ ސަރަހައްދުގެ އިތުރުން، 2464 އަކަފޫޓުގެ ބިމުގެ ސަރަހައްދެއް ސްޓްރާޑާއަށް އިތުރަށް ލިބި، އެ ކުންފުންޏަށް އިތުރު ފައިދާ ލިބިފައިވާ ކަމަށް އޭސީސީން ތުހުމަތުކުރެއެވެ.

އޭސީސީން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ބުނެފައިވަނީ އެ ހުއްދައަކީ އޭރު އަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ ބާބު 15 ގައި ބަޔާންކޮށްފައިވާ ހުޅުވާލެވިފައިވާ ބީލަން އުސޫލާ ހިލާފުކަމެއްކަމާއި، އަދި އެކަމުގައި ހައުސިން މިނިސްޓްރީން އެޓާނީ ޖެނެރަލް އޮފީހުގެ ލަފައަކަށް އެދިފައިނުވާ ކަމަށެވެ.

އޭސީސީން ތުހުމަތުކުރާ ގޮތުގައި އެއްބަސްވުމާ އެއްގޮތަށް ސްޓްރާޑާއިން ކުލީގެ ފައިސާ ދައްކާފައިނުވާތީ ކުލީގެ ގޮތުގައި 1,976,548 (1.9 މިލިއަން) ރުފިޔާ ނުދައްކާ އެބައޮތެވެ.

ހައުސިން މިނިސްޓްރީއަށް އެ އެއްބަސްވުން ބާތިލުކުރުމުގެ އިހުތިޔާރު ލިބިފައި ވަނިކޮށްވެސް އެކަން ނުކޮށް ސްޓްރާޑާއަށް މަންފާވާ ގޮތަށް އެކި ފަހަރު މަތިން އެއްބަސްވުމަށް ބަދަލު ގެނެސްފައިވާ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.