މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކާ ގުޅޭގޮތުން މާލޭ ސިޓީ ކައުންސިލުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީން ރައީސް އިބްރާހީމް މުހައްމަދު ސޯލިހުއާ މަޝްވަރާކޮށްފިއެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާ އޮފީސް އިމާރާތެއް ނެތުމުގެ މައްސަލަ ބައްދަލުވުމުގައި އެ ކޮމިޓީން ފާހަގަކުރި ކަމަށެވެ.

އޭގެ އިތުރުން ކޮމިޓީގެ ވަކިވަކި މެންބަރުން ވަނީ އެ މެންބަރުން ތަމްސީލުކުރާ ދާއިރާތަކުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި މާލޭ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާއި ކުނީގެ މައްސަލައިގެ އިތުރުންވެސް މާލެއާއި ވަކިން އޮންނަ މި ސިޓީގެ ދެ އަވަށްކަމުގައިވާ ވިލިމާލެއާއި ހުޅުމާލޭގައި ހުރި ވަކިވަކި އިޖުތިމާއީ މައްސަލަތަކުގެ މައްޗަށް ވަރަށް ފުޅާދާއިރާއެއްގައި ވާހަކަދައްކަވައި، އެކަންކަން ހައްލުކުރުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން ރައީސްއާ މަޝްވަރާކުރައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ ކޮމިޓީގެ މެންބަރުން ވޭތުވެދިޔަ ކުރު މުއްދަތުގެ ތެރޭގައި މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާތީ އެކަމާ އުފާކުރައްވާކަން ރައީސް ހާމަކުރެއްވި ކަމަށާއި މާލޭ ސިޓީގެ ތަރައްގީއަށް ރާވަފައިވާ ކަންކަމުގެ އެންމެފަހުގެ މައުލޫމާތު އެ ކޮމިޓީގެ މެންބަރުންނާ ރައީސް ހިއްސާކުރެއްވި ކަމަށެވެ. އަދި ކޮމިޓީގެ މެންބަރުން ފާހަގަކުރެއްވި ވަކިވަކި ކަންކަމުގައި، ކަމާގުޅޭ އިދާރާތަކާއި މަޝްވަރާކުރައްވައި، ހައްލު ކުރެވެންހުރި ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ކޮމިޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައުލޫމާތާއި ކޮމިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަމުގެ މައުލޫމާތު ރައީސް އޮޅުންފިލުއްވާފައިވާ ކަމަށެވެ. ކޮމިޓީ މެންބަރުން ވަނީ މާލޭ ސިޓީގެ ކުރިމަގަށް ރާވާފައިވާ ކަންކަން ކުރުމަށްޓަކައި ދިމާވެފައިވާ ގޮންޖެހުންތައް ވެސް ރައީސްއާ ހިއްސާކޮށްފައެވެ.

މިއީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު މުހިންމު އިސްލާހުތަކާއެކު ކައުންސިލުތަކާއި ކޮމިޓީތައް ބާރުވެރިވުމަށްފަހު އަލަށް އިންތިހާބުކުރެވުނު މާލޭ ސިޓީގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއާ ރައީސް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.