އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށު މޮނަލާޒް، 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ ހާދިސާއާގައި ހައްޔަރު ކޮށްފައިވާ ބަންލާދޭޝްގެ ޝާ އަލޮމް މިއާ ގެ މައްޗަށް ކުށް ސާބިތު ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދުގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތުދިނުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ހެޑް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ، މަހުމޫދު މަރައިލަން ޝާ އަލޮމް މިއާ (ސާލިމު) ބޭނުންކުރި ހަތިޔާރުތައް ފެނިފައިވާ ކަމަށެވެ.

"ފުދޭވަރަަކަށް ގިނަ ހަތިޔާރު ފެނިފައިވޭ، ތަހުލީލުތަކުން ޕިންޕޮއިންޓު ކުރެވޭ ދެތިން ވެޕަން އެއް ބޭނުންކޮށްފައިވާކަން ކޯޓު މަރުހަލާގައި ހެކީގެ ގޮތުގައި އެތަކެތި ބޭނުން ކުރެވޭނެ،" ހަސަން ސައީދު ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ މަހުމޫދު މަރައިލުމަށްފަހު އޭނާގެ ހަށިގަނޑު ކޮނޑަށްލައިގެން ސާލިމު ދަނިކޮށް ގެންދާ ފުޓޭޖެއް ވެސް ލިބިފައިވާ ކަމަށާއި އެ ހާދިސާއާ ގުޅޭ ގިނަ އެއްޗެހިތަކެއް ސާލިމް ދިރިއުޅޭ ދަނގެތީ ނެދުންގެއިން ފެނިފައިވާ ކަމަށެވެ. އަދި ތަފާތު ހަތިޔާރު ބޭނުންކޮށްގެން މަހުމޫދަށް އަނިޔާކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ހަސަން ސައީދު ވިދާޅުވީ ފެށުނީއްސުރެ އެ މައްްސަލައިގެ ތަހުގީގު ކުރިއަށް ގެންދިޔައީ ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ގުޅިގެން ކަމަށެވެ. އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް އަންނަ ހަފްތާގައި އެ މައްސަލަ ޕީޖީ އޮފީހަށް ފޮނުވޭވަރު ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ފުލުހުން މިއަދު ބުނީ، ތޫނު ހަތިޔާރު ބޭނުންކޮށްގެން މަހުމޫދު މަރާލަން ދިން ހަމަލާތަކުގައި މަހުމޫދަށް ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށެވެ. އެގޮތުން އޭނާގެ ބޮލަށް ދީފައިވާ ބޮޑު ދެ ހަމަލާއާއެކު އޭނާގެ ހަށިގަނޑަށް 30 ފަހަރު ތޫނު ހަތިޔާރުން ހަމަލާދީފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި މައްސަލައިގައި ގާނޫނުލް އުގޫބާތުގެ ދަށުން ސާލިމްގެ މައްޗަށް ހަ ތުހުމަތެއް ކުރާ ކަމަށާއި، އޭގެ ތެރޭގައި ބިރު ދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނޫ އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކުރެވޭ ތުހުމަތުތައް ހިމެނޭ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދަނގެތީ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު މަރާލުމަށްފަހު ބޮލާއި ފައިގައި ގޯންޏެއް އަޅުވައި، ފަޅުގެއެއްގައި ހުރި ވަޅަކަށް ވައްޓާލާފައި އޮއްވައި ފެނުނީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު އޭނާ ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށެވެ.