އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރު (55އ) މަރާލިކަމަށް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސާލިމު އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދު މަރުގެ މައްސަލައާ ގުޅޭގޮތުން މައުލޫމާތުދިނުމަށް މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުއްގައި ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓުގެ ހެޑް، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވީ މަހުމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމު ދަނިކޮށް ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

ހަސަން ސައީދު ވިދާޅުވީ މަހުމޫދަށް ސާލިމު ގުޅައިގެން ނެދުންގެއަށް ގެންގޮސްފައިވާ ކަމަށާއި މަހުމޫދަށް ހަމަލާދީ މަރާލީ އެގޭގައި ކަމަށެވެ. ނެދުންގެއަކީ ސާލިމު ދިރިއުޅޭ ގެ އެވެ. އެގޭގައި ދެން އުޅެނީ އުމުރުން ދުވަސްވީ މަހުމޫދުގެ އާއިލާ މީހެކެވެ. ސާލިމަކީ އެމީހާ ބަލަހައްޓަން އެގޭގައި ހުންނަ މީހެކެވެ.

ހަސަން ސައީދު ވިދާޅުވީ، މަހުމޫދު މަރާލަން ޖެހުނު ސަބަބު ސާލިމު ވަނީ ތަހުގީގަށާއި ބަންދު މުރާޖައާކުރަން ކޯޓަށް ގެންދިއުމުން ކިޔައިދީފައި ކަމަށާއި މަހުމޫދު މަރާލީ ފައިސާގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި މަހުމޫދު ފައިސާ ގެންގުޅޭތަން ސާލިމަށް ފެންނާނެ ކަމަށާއި ސާލިމު ހީކުރީ މަހުމޫދަށް ގުޅައިގެން ނެދުންގެއަށް ގެންދިޔައިރު ވެސް ފައިސާ ހުންނާނެ ކަމަށެވެ.

ފައިސާ ހޯދަން ވެގެން މަހުމޫދަށް "ޓޯޗާ" އަނިޔާކޮށްފައިވާ ކަމަށާއި އެއަށްފަހު މަރާލަން ހަމަލާދިން ކަމަށެވެ. އަދި އެ ހަމަލާއަށް ފަހު ވެސް މަރުނުވާކަން އެނގުމުން އިތުރު ހަމަލާތަކެއް ދިން ކަމަށް ވެސް ހަސަން ސައީދު ވިދާޅުވިއެވެ.

މަހުމޫދަށް ހަމަލާދީފައިވާ ތަންތަން ދައްކުވައިދޭ ފޮޓޯއެއް ވެސް މިއަދު ފުލުހުން ދެއްކިއެވެ. އެ ފޮޓޯތަކުން އެނގޭ ގޮތުގައި ސާލިމު ވަނީ މަހޫމޫދުގެ އަތަށާއި އަރިކަށްޓާ ދިމާލުން ފުއްޕާމޭ ކައިރިއަށާއި ބަނޑަށް ވެސް ހަމަލާދީފައެވެ. އަދި މޭމަތިން ހިތާ ދިމާވާ ގޮތަށް ހަމަލާދީފައިވާ އިރު، މޭމަތީގެ އަނެއް ފަރާތުން ވެސް ވަނީ ހަމަލާދީފައެވެ. މީގެ އިތުރުން ބުރަކަށްޓަށް ވެސް ވަނީ ހަމަލާދީފައެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ސައީދު ވިދާޅުވީ އެރޭ ދަންވަރު ދޭކާއި ތިނަކާ ދޭތެރޭ މަހުމޫދުގެ ހަށިގަނޑު ސާލިމުގެ ކޮނޑަށްލައިގެން ދާ މަންޒަރު ސީސީޓިވީ ފުޓޭޖުން ފެންނަ ކަމަށެވެ. އޭނާ ވިދާޅުވީ މަހުމޫދު މަރާލުމުގައި ސާލިމުގެ އިތުރުން އެހެން ބަޔަކު ވާނެ ކަމަށް ދަނގެތީގައި ވާހަކަ ދެއްކިޔަސް ތަހުގީގަށް ހޯދިފައިވާ މައުލޫމާތުން އެނގެނީ އެއީ ސާލިމު އެކަނި ކުރިކަމެއް ކަމަށެވެ.

މަހުމޫދު މަރާލާފައި ވަނިކޮށް ފެނުނީ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުގެރޭ އޮތް ސާފު ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގެ ތަހުގީގު ނިންމައި މިހާރު ވަނީ ދައުވާކުރުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފައެވެ.