އަނިޔާވެރިކޮށް މަރާލާފައި އޮއްވައި އދ. ދަނގެތީގެ ފަޅު ގެއެއްގައި ހުރި ވަޅެއްގެ ތެރެއިން ފެނުނު އެ ރަށު މޮނަލާޒް، 57 އަހަރުގެ މަހުމޫދު އަބޫބަކުރުގެ މަރުގެ ހާދިސާއާގުޅޭ އިތުރު މައުލޫމާތު މިއަދު ހާމަ ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ އެކަމަށް ޓަކައި މިއަދު ހަވީރު 3:45 ގައި ހާއްސަ ނިއުސް ކޮންފަރެންސެއް، އިސްކަންދަރު ބިލްޑިން ގައި ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

މި ނިއުސްކޮންފަރެންސްގައި މަހުމޫދުގެ މަރުގެ ހާދިސާއާ ބެހޭގޮތުން މައުލޫމާތު ދެއްވާނީ، ފުލުހުންގެ މޭޖާ ކްރައިމް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު އާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް ސްޕްރިންޓެޑެންޓް އޮފް ޕޮލިސް ހަސަން ސައީދުއެވެ.

ހުސްވި އޮކްޓޫބަރުމަހުގެ 14 ވަނަ ދުވަހުގެ ރޭ އޮތް ސާފް ޗެމްޕިއަންޝިޕް މެޗަށްފަހު ގެއިން ނުކުމެގެން ދިޔަ ގޮތަށް ހަބަރެއް ނުވެގެން ހޯދަމުން އަންނަނިކޮށް ދަނގެތީގެ ވިޔަފާރިވެރިއެއް ކަމަށްވާ މަހުމޫދު ފެނުނީ ފަޅުގޯއްޗެއްގެ ތެރޭގައި ހުރި ފެންވަޅެއްގެ ތެރެއަށް ބޮލާއި ފައިގައި ގޯންޏެއް އަޅުވައި ވައްޓާލާފައި އޮއްވައެވެ.

އެ މައްސަލައިގައި ބަނގުލާދޭޝްގެ ރައްޔިތެއް ކަމަށްވާ އަލޮމް މިއާ(ސާލިމް) ކިޔާ މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ކޯޓުން ވަނީ އެ މައްސައިގެ ޝަރީއަތް ނިމެންދެން އޭނާ ބަދުގައި ބަހައްޓަން އަމުރު ކޮށްފައެެވެ.

މަހުމޫދުގެ މަރުގެ މައްސަލައިގައި އަލޮމް މިއާ ދިރިއުޅެމުންދިޔަ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކޮށް އެ ހާދިސާއާގުޅޭ ބައެއް ތަކެތި، ވަޅުލާފައި ވަނިކޮށް ހޯދައި، ތަހުލީލުކުރުމަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. އޭގެ ތެރޭގައި، މަހުމޫދު ފޯނާއި އައިޑީ ކާޑު ހިމެނެއެވެ.

ފުލުހުން މީގެ ކުރީން ބުނީ މަހުމޫދުގެ މަރުގެ ތުހުމަތުގައި އަލޮމް މިއާގެ އިތުރުން، އެހެން މީހެއް ނުވަތަ ބައެއްގެ ބައިވެރިވުން އޮތްކަމަށް މިހާތަނަށް ފާހަގަ ކުރެވިފައި ނުވާކަމަށެވެ.