ޚަބަރު

ފަނޑިޔާރުގެއަށް މަހުޖަނުން އަތްބާނާ ކަމުގެ ތުހުމަތު!

އަލީ ޔާމިން

ފަނޑިޔާރުގެއަށް ރާއްޖޭގެ މަހުޖަނުން އަތްބާނާ ކަމަަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތުހުމަތުކުރައްވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެންމެ ބޮޑަށް އިސްލާހުކުރަން ޖެހޭ ދާއިރާއަކީ ޝަރޫއީ ދާއިރާ ކަމަށާއި އެ ދާއިރާއަކީ އަދިވެސް ރާއްޖޭގައި އެންމެ "ކޮރު" ދާއިރާ ކަމަށެވެ.

ޝަރުއީ ދާއިރާއަށް އޮންނަ ނުފޫޒު ހުއްޓުވައިގެން ނޫނީ ގައުމުގެ ކަންކަން ރަނގަޅުނުވާނެކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ޝަރުއީ ދާއިރާއަށް ބޮޑެތި ނުފޫޒުތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ދައުލަތުން ޝަރުއީ ނިޒާމުގެ ތެރެއަށް އަތްބާނާ ވާހަކައަކީ އަބަދުވެސް އިވޭ ޝަކުވާއެއް ކަމަށް ވިދާޅުވިއެވެ.

"އަބަދުވެސް އަންނަ ޝަކުވާއަކީ ރައީސްކަން ކުރާ މީހަކު ނޫނީ ވެރިކަމުގެ ފަރާތުން އަދުލުގެ ތެރެއަށް އަތްބާނާ ވާހަކަ. ގަބޫލުކުރަން އެއީ ކޮށްގެންވާނެ ކަމެއް ނޫން. އެކަމު ވަރިހަމަތޯ ރާއްޖޭގައި ތިބި މުއްސަނދި މަހުޖަނުން އޭގެ ތެރެއަށް އަތްބޭނިޔަސް؟ ނޫނިއްޔާ އެހެން ގޮތްގޮތުން އޭގެ ތެރެއަށް އަތްބާނާ މީހުން އަތްބޭނުން އެއީ އެންމެ ރަނގަޅު ކަމެއް؟ ނޫން، މިއިން ކޮންމެ ކަމެއް އޯކޭއެއް ނޫން" ޔާމީން ވިދާޅުވިއެވެ.

ރަައީސް ޔާމީން އިތުރަށް ވިދާޅުވީ އަދުލުގެ ނިޒާމަކީ އަދުލުވެރިކަމާއެކު ޝަރީއަތް ދެމެހެއްޓުމާއި ގާނޫނު ދެމެހެއްޓުން ކަމަށާއި އަދުލުގެ ނިޒާމަށް އައިސްފައި އޮތް ފޮއްސިކަން ނުވަތަ "ކޮރު"ކަން ފިލައިދާނީ އެ ދާއިރާއާމެދު ހުރި ޝައްކުތައް ފިލައިގެން ކަމަށެވެ.

ފަނޑިޔާރުގެއަށް މަހުޖަނުން އަތްބާނާކަމުގެ ތުހުމަތު ރައީސް ޔާމީންކުރެއްވިއިރު، ފަނޑިޔާރުގެއަށް ވިޔަފާރިވެރިންގެ ނުފޫޒު އޮންނަކަމަށް އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕްރޮގްރެސިވް ކޯލިޝަންގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންވެސް މީގެ ކުރިން ތުހުމަތުކުރައްވާފައިވެއެވެ.