ރަށްވެހިވާން ބޭނުންވާ ރަށުގައި ފަސް އަހަރު ދުވަހު ދިރި ނޫޅުނު ނަމަވެސް ރަށްވެހި ވެވޭގޮތަށް، ގާނޫނު ބަދަލުކުރަން "ދިވެހި ރާއްޖޭގެ ރަށެއްގެ ރަށްވެއްސަކަށް ވުމާބެހޭ ގާނޫނު" އަށް އިސްލާހު ގެންނަ ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފިއެވެ.
އެ ގާނޫނުގައި މިހާރު އޮންނަ ގޮތުން، ރަށެއްގެ ރަށްވެއްސަކަށްވެ، މީހަކު އެ ރަށެއްގައި ރަޖިސްޓަރީ ކޮށްދޭނީ މެދުކެނޑުމެއްނެތި ފަސް އަހަރުވަންދެއް އެ ރަށެއްގައި ދިރިއުޅުމުންނެވެ.
ނަމަވެސް މިގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައިވާ ބޭނުމަކީ މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވެނީ، އެ ރަށެއްގައި މެދުކެނޑުމެއްނެތި ފަސް އަހަރު ދިރިއުޅެފައިވާ ފަރާތްތަކަށް ކަމަށް އޮންނަ އޮތުން ބަދަލުކޮށް، ރައްޔިތުންނަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުން ކަމަށެވެ.
އަދި ރަށަކުން ދިރިއުޅުމަށް އެކަށީގެންވާ ބިމެއް ނުވަތަ ތަނެއް މިލްކު ވެފައިވާ ފަރާތްތަކަށް، އެ ރަށެއްގެ ރަށްވެހިކަން ފަސޭހައިން ހޯދޭނެ ނިޒާމެއް ގާއިމްކޮށް، މިކަމާގުޅޭ ގާނޫނީ އޮނިގަނޑު މި ޒަމާނުގެ އިޖުތިމާއީ އަދި އިގުތިސޯދީ ހާލަތާ އެއްގޮތަށް ހަރުދަނާ ކުރުން ކަމަށްވެސް ބުނެފައިވެއެވެ.
މިބިލުގައިވާ ގޮތުން، ވަކި ރަށެއްގައި ރަށްވެހި ވެފައިވާ މީހަކަށް، ވާރުތައިން، ބިން ބެހުމުން، ގަތުމުން، ހިބައިން އަދި ކޯޓު ހުކުމަކުން ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އެހެން ރަށަކުން ބިމެއް، ގެއެއް، ފްލެޓެއް ނުވަތަ ދިރިއުޅުމަށް އެކަށީގެންވާ އެނޫން ވެސް ތަނެއްގެ ގާނޫނީ މިލްކުވެރިކަން ނުވަތަ އެފަދަ ތަނެއްގައި ދިރިއުޅުމުގެ ގާނޫނީ ހައްގު ލިބިފައިވާ ނަމަ، އެރަށެއްގެ ރަށްވެއްސަކަށްވުމަށް އެދި ހުށަހެޅޭނެއެވެ.
މިގޮތަށް ހުށަހަޅާ ފަރާތުން، އެފަދަ ހައްގެއް ލިބިފައިވާކަން ސާބިތުކޮށްދޭ ރަސްމީ ލިޔެކިއުންތައް ހުށަހެޅުމުން، އެ ބިމަކީ، ގެއަކީ، ފުލެޓަކީ ނުވަތަ ދިރިއުޅޭ ތަނަކީ ދިރިއުޅުމަށް އެކަށީގެންވާ ތަނެއްކަން ކަމާބެހޭ އިދާރާއަށް ކަށަވަރުވުމުން އެ މީހަކު އެ ރަށެއްގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދޭންވާނެ ކަމަށް ބިލުގައި ބުނެއެވެ.
މިގޮތަށް ރަޖިސްޓްރީ ކުރުމާއެކު، އެ މީހަކު ކުރިން ރަށްވެހި ވެފައިވާ ރަށުގެ ރަޖިސްޓްރީއިން އުނިކުރެވޭނެއެވެ. އަދި އެއްވެސް މީހަކަށް އެއް ވަގުތެއްގައި އެއް ފަށަށްވުރެ ގިނަ ރަށެއްގައި ރަށްވެހި ވެފައިވާ މީހެއްގެ ގޮތުގައި ރަޖިސްޓްރީއެއް ނުކުރެވޭނެއެވެ.
އިބްރާހިމް ޒަކީ
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ކޮމެންޓް